ހަބަރު

މިނިވަން ދުވަހުގެ ފުޅަނދު ބުރު ބާއްވައިފި

މިނިވަން ދުވަހާ ގުޅުވައި ތައްޔާރުކުރި ފުޅަނދުބުރުގެ މިރޭ މާލޭގެ މަގުތަކުގައި އާންމުންނަށް ދައްކާލައިފި އެވެ.

މެދު ކެނޑުމަކަށް ފަހު މި އަހަރު ވެސް ފުޅަނދު ބުރު ބާއްވާފައި ވަނީ މާލޭގެ ބޮޑެތި މަގުތަކުގަ އެވެ. މިރޭ އިރާކޮޅު ފުޅަނދު ބުރު ބޭއްވި އިރު ކުޑަކުދިންނާއެކު އާންމުންގެ ގިނަ ބަޔަކު ފުޅަނދުތައް ބަލަން މަގުތަކަށް ނުކުމެފައިވެ އެވެ.

މި ފަހަރުގެ ފުޅަނދުތައް ތައްޔާރުކުރީ ސަރުކާރުގެ ކުންފުނި ތަކުންނެވެ. އަދި ފުޅަނދުތަކާއެކު މަގުތަކުގައި ސަގާފީ ނެށުންތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

މި ހަރަކާތްތައް ކުރިޔަށް ދިޔައިރު މަންޒަރު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު މުލިއާގޭ ކުރިމައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވެސް ނުކުމެ ވަޑައިގެންނެވި އެވެ. އެ ހަރަކާތުގައި ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިނިވަން ދުވަހާ ގުޅިގެން މިރޭ ފުޅަނދު ބުރު ބާއްވާފައިވާއިރު މިނިވަން ދުވަހާ ގުޅުވައި ކުރިން ބާއްވަމުން އައި "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" ވެސް މިރޭ ވަނީ ފަށާފަ އެވެ.