ދުނިޔެ

މުޒާހަރާކުރި 1000 މީހުން ރަޝިއާއިން ހައްޔަރުކޮށްފި

އިދިކޮޅު ކެންޑިޑޭޓުންނަށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމުގެ ސަބަބުން ރަޝިއާގެ ވެރިރަށް މޮސްކޯގައި އިއްޔެ ކުރި މުޒާހަރާގައި 1000 ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

ސެޕްޓެމްބަރު އަށް ވަނަ ދުވަހު ބާއްވާ ކައުންސިލްގެ ބައި އިލެކްޝަންގައި އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދީ އިންތިހާބު ބޭއްވުމަަށް ރަޝިއާގެ ވެރިކަން ކުރާ އޯލް ރަޝިއާ ޕީޕަލް ފޮޮރޮންޓް އިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުން ސަރުކާރުގެ އެ އަމަލު ކުށްވެރިކޮށް ވިދާޅުވީ، އިދިކޮޅަށް ފުރުސަތު ނުދީ އިންތިހާބު ބާއްވާނީ ސިޔާސީ މަގްސަދެއް ހާސިލް ކުރަން ކަމަށެވެ.


އިއްޔެ ކުރިއަށް ދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ރަބަރު އުންޑައިގެ ބޭނުންކޮށްފަ އެވެ. މުޒާހަރާތެރެއިން ފުލުހުން ވަނީ 1،074 މީހުން ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށްފަ އެވެ. ނަމަވެސް މުޒާހަރާ މޮނިޓާ ކުރަމުންދާ ޖަމިއްޔާތަކުން ބުނެފައިވަނީ، އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެން މުޒާހަރާކުރަމުންދިޔަ 1،127 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މޮސްކޯ ސީޓީގެ މޭޔަރު ސާޖީ ސޮބިޔާނީ ވިދާޅުވީ، މޮސްކޯގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެގައުމުގެ ސަލާމަތަށް ނުރައްކާ އެބައޮތް ކަމަށެވެ. އެހެންކަމުން މުޒާހަރާތަށް ހުއްޓުވާ އަމާން މާހައުލެއް ގާއިމްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ގާނޫނޫ ހިލާފު މުޒާހަރާތަށް ހިންގާކަމަށް ބުނެ މައި އިދިކޮޅު ޕާޓީގެ ލީޑަރު އެލްކްސީ ނަވަލްނީ ވަނީ 30 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރުމުން، އިދިކޮޅު ސިޔާސީ ލިޑަރުން ވިދާޅުވަމުން ގެންދަވަނީ، ދުނިޔެއަށް މިހާރު ރަޝިއާގެ ހާލަތު އޮތްގޮތް އެގިގެން ހިގައްޖެ ކަމަށެވެ.