ދުނިޔެ

ޖޯޖިއާގެ ކަންކަމަށް ޒެލެންސްކީ ނުފޫޒު ނުފޯރުވުމަށް ގޮވާލައްވައިފި

ޖޯޖިއާއާ ގުޅުން ހުރި އެއްވެސް ކަމެއްގެ ތެރެއަށް ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވަދެވަޑައިގެން ގޮތްފޮތް ނުކިޔުއްވުމަށް ޖޯޖިއާގެ ބޮޑުވަޒީރު، އިރާކްލީ ގަރިބަޝްވިލި ގޮވާލައްވައިފި އެވެ.

ޖޯޖިއާގައި ހިނގާ އެއްވެސް ކަމެއްގައި ސިޔާސީ ކުލަ ޖެއްސުމަކީ އެކަމުން ޔުކްރޭނަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު މި މޭރުމުން ވާހަކަދެއްކެވި ސަބަބަކީ މިދާކަށް ދުވަހު ސަރުކާރުން ފާސްކުރަން މަޖިލީހަށް ހުށަހެޅި "ފޮރިން އޭޓްސް" ބިލާ މެދު އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަން ފާޅުކޮށް އާންމުން މަގުތަކަށް ނުކުުތުމާ ގުޅިގެންނެވެ.

ޒެލެންސްކީ ވަނީ އާންމު ރައްޔިތުންގެ އިހުތިޖާޖަށް ހިތްވަރުދެއްވައި ވާހަކަދައްކަވާފަ އެވެ. އަދި ޔުކްރޭނަށް ތާއީދުކުރުމުގެ ގޮތުން މުޒާހަރާވެރިން ވަނީ ޔުކްރޭންގެ ދިދަ ވިހުރުވުން އުފަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

މުޒާހަރާވެރިން ސަރުކާރަށް ގޮވާލީ މި ބިލަށް ބަހުސްކުރުން ދޫކޮށްލުމަށެވެ. އެ ނޫން ގޮތެއްގައި ޔޫރަޕާ ގުޅެން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސްއަޅާނެ ކަމަށް ބުނެ ވަނީ އިންޒާރުދީފަ އެވެ.

ޖޯޖިއާގެ ސަރުކާރުން މި ބިލަށް ބަހުސްކުރުން ހުއްޓާލައި އަދި މި ބިލާ ގުޅުން ހުރި މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.