ރަޝިޔާ

ރަޝިއާގައި ކުރާ މުޒާހަރާތައް ވެސް ހޫނު ވަނީ

އިދިކޮޅު ކެންޑިޑޭޓުންނަށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމުގެ ސަބަބުން ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރަން ފެށި މުޒާހަރާތަކަށް ގިނަ ބަޔަކު ތާއިދުކޮށް އިތުރު ބަޔަކު މުޒާހަރާ ކުރުމުގައި ބައިވެރިވެއްޖެ އެވެ.

ސެޕްޓެމްބަރު އަށް ވަނަ ދުވަހު ބާއްވާ ކައުންސިލްގެ ބައި އިލެކްޝަންގައި އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދީ އިންތިހާބު ބޭއްވުމަަށް ރަޝިއާގެ ވެރިކަން ކުރާ އޯލް ރަޝިއާ ޕީޕަލް ފޮޮރޮންޓް އިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުން ސަރުކާރުގެ އެ އަމަލު ކުށްވެރިކޮށް ވިދާޅުވީ، އިދިކޮޅަށް ފުރުސަތު ނުދީ އިންތިހާބު ބާއްވާނީ ސިޔާސީ މަގްސަދެއް ހާސިލް ކުރަން ކަމަށެވެ.

އިދިކޮޅު ޕާޓީގެ އެންގުންތަކަށް ފެށި މުޒާހަރާތަކުގައި ފުރަތަމަ މަދު ބަޔަކު ބައިވެރިވި ނަމަވެސް، އިއްޔެ އެކަނި ކުރި މުޒާހަރާގައިވެސް ވަނީ 50،000 މީހުން ބައިވެރިވެފަ އެވެ. މުޒާހަރާ ކޮށްގެން މިހާތަނަށް ވަނީ 1،000 ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

މޮސްކޯ ސީޓީގެ މޭޔަރު ސާޖީ ސޮބިޔާނީ މީގެ ކުރިން ވިދާޅުވެފައިވަނީ، މޮސްކޯގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެގައުމުގެ ސަލާމަތަށް ނުރައްކާ އެބައޮތް ކަމަށެވެ. އެހެންކަމުން މުޒާހަރާތަށް ހުއްޓުވާ އަމާން މާހައުލެއް ގާއިމްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ގާނޫނޫ ހިލާފު މުޒާހަރާތަށް ހިންގާކަމަށް ބުނެ މައި އިދިކޮޅު ޕާޓީގެ ލީޑަރު އެލްކްސީ ނަވަލްނީ ވަނީ 30 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފަ އެވެ.