ގައުމީ ފުޓްބޯޅަ ޓީމުން އެއްބަނޑު އެއްބަފާ ދެބެން ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އަދި މިހާތަނަށް ނުވާ ކަމަކީ އެއް އާއިލާއަކު އެއްބަނޑު އެއްބަފާ ދެ މީހަކު ގައުމީ ޓީމުގެ ކެޕްޓަންކަން ކުރުމެވެ. މި ފަހަރު މި ރެކޯޑް ހަދަނީ ނ. މާފަރު މަރުހޫމް އަބުދުލްގަނީ އީސާގެ ދެބެންނެވެ.
އަންނަ އާދީއްތަ ދުވަހު ރިޔޫނިއަންގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށްދާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނަކީ ކުލަބު ވެލެންސިއާގެ އަކުރަމް އަބުދުލްގަނީ އެވެ. އޭނާ އަކީ ފުޓްބޯޅައިން ތައްޓެއް ހޯދަން ދިވެހިންކުރި އުއްމީދު ހަގީގަތަށްވިއިރު ގައުމީ ޓީމުގެ ކެޕްޓަންކަން ބޭންޑް އަޅައިގެން ސާފް ޗެމްޕިއަންޝިޕް އުފުލާލި ފަހުރުވެރި ކެޕްޓަން އައްސަދު އަބުދުލްގަނީގެ ކޮއްކޮ އެވެ. އައްސަދަކީ މިހާރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެވެ.
އައްސަދާއި އަކުރަމްގެ އިތުރުން އެދެމީހުންގެ އެއްބަނޑުއެއްބަފާ އަންވަރު އަބުދުލްގަނީ އަކީ ވެސް ކުރިން ގައުމީ ޓީމަށް ކުޅުނު އިތުބާރު ޑިފެންޑަރަކެވެ. ވެލެންސިއާ އާއި ވިކްޓަރީ އަދި ނިއު އާއި ވިޔަންސާގެ ކުރީގެ ޑިފެންޑަރު މިވަގުތު މަސައްކަތް ކުރަނީ ނ. އަތޮޅު ކައުންސިލްގެ ނާއިބް ރައީސްގެ ގޮތުގަ އެވެ.
އޭނާ މިއަދު ބުނީ ކޮއްކޮއަށް ގައުމީ ކެޕްޓަންލިބުމުން "އާއިލާގެ އެންމެން ވެސް ތިބީ ވަރަށް އުފަލުން،" ކަމަށެވެ.
"ވަރަށް އުފަލުން އެއްމެންވެސް ތިބީ. އައްސަދުބެ ވެސް ކެޕްޓަންކަންކޮށްފަ ހުރީމަ އަކޫ އަށް މިހާރު ކެޕްޓަންކަން ލިބުނީމަ އަސްލު މިއީ ވަރަށް ބޮޑު އުފަލެއް އެންމެނަށް ވެސް. އަހަރެން ވެސް ވަރަށް އުފާވެފައި މިހުރީ،" އަންވަރު ބުންޏެވެ.
އައްސަދާއި އަންވަރު އަދި އަކުރަމް ފުޓްބޯޅަ ހަޔާތުގައި އިއްތިފާގުތަކެއް ވެސް އެބަހުއްޓެވެ. މި ތިން ބެއިންގެ ވެސް ފުޓްބޯޅަ ކެރިއަރުގެ ފެށުން އައީ ވެލެންސިއާ އިންނެވެ. އެންމެ ފުރަތަމަ އައްސަދެވެ. އޭގެ ފަހުން އަންވަރެވެ. އަދި އެންމެ ފަހުން އަކުރަމެވެ. އަދި ތިން ބެއިން އެއް ފަހަރާ ދަނޑުމަތިން ފެނިފައިވަނީ ވަނީ ވެލެންސިއާގެ ޖާޒީގަ އެވެ.
ވެލެންސިއާ އާއި ގައުމީ ޓީމުގައި އައްސަދު ބޭނުންކުރީ 13 ނަންބަރު ޖާޒީ މިހާރު ކުލަބާއި ގައުމީ ޓީމުގައި ވެސް ބޭނުންކުރަނީ އަކުރަމެވެ.
"މިއީ އަސްލު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަހަރެން ގައުމީ ޓީމުގައި އެސިސްޓެންޓް ކޯޗަކަށް ހުރީމައެއްނޫން. އާއިލާގެ ކޮންމެ މެމްބަރަކަށް ލިބޭ ކުރިއެރުމަކީ އަހަރެންގެ ވެސް އުފަލެއް،" އައްސަދު ބުންޏެވެ.