ފާތުމަތު ދީމާ

ބޮޑު ގުރުބާނީގެ އަގު ރަނުން!

ފާތުމަތު ދީމާ އަލީގެ ކެރިއާ ބިނާ ކުރުމަށް އޭނާގެ މައިންބަފައިން ބޮޑު ގުރުބާނީއެއް ވިއެވެ. އަމިއްލަ ގައުމު ދޫކޮށް، އެހެން ގައުމެއްގައި ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތައް ގޮތަކުން ހަރަދު ބޮޑުވެސް ކަމެކެވެ.

ދަރިފުޅުގެ ކުރިމަގަށްޓަކައި އެ ދެމެފިރިންވީ ގުރުބާނީން އުފާވެރިކަން އިހްސާސް ކުރީ އެ މަންމަ އާއި ބައްޕަ އެކަންޏެއް ނޫނެވެ. މުޅި ގައުމަށް އެ ގުރުބާނީން އުފާވެރިކަން ލިބިއްޖެ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތިން ރަން މެޑަލް ރާއްޖެއަށް ހޯދައި ދިނުމަށް ދީމާވީ ގުރުބާނީން ކޮންމެ ރައްޔިތެއްގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ނީރާލި އެވެ.

އުމުރުން އެންމެ 11 އަހަރުގެ ދީމާގެ ހުނަރާ މެދު އުފައްދާނެ ސުވާލެއް ވެސް ނެތެވެ. އޭނާ އަށް ތައުރީފު ކުރަނީ ދިވެހިން އެކަންޏެއް ނޫނެވެ. އޭނާ އާ ދެކޮޅަށް ނުކުތް އިދިކޮޅު ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ ކޯޗުންނެވެ.

ގޭމްސް ބޭއްވި މޮރިޝަސްގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާގެ މައްޗަށް ދީމާ ކުރި ހޯދި އެވެ. އޭނާގެ އުމުރާއެކު ހޯދަމުން ދާ ކާމިޔާބުތަކުން ކުރިމަގުގައި ރާއްޖޭގެ އެންމެ މަގުބޫލް އެތުލީޓަކީ ދީމާ ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. އެކަމަށް ކުރެވޭ އުންމީދު ވެސް ބޮޑެވެ.

"އުމުރުން އެންމެ 11 އަހަރު، އެއް މުބާރާތެއްގައި ގައުމަށް ތިން ރަން މެޑަލް ހޯދައި ދިނުމަކީ އާދަޔާ ހިލާފު ކާމިޔާބަކަށް ނޫނީ ނުވާނެ." ދީމާ އާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓަރު ވިދާޅުވި އެވެ.

ނާކާމިޔާބުވި ކުޅިވަރުތަކަށާއި އެތުލީޓުންނަށް ދީމާ ފިލާވަޅެއް ދަސްކޮށް ދީފި އެވެ. ކާމިޔާބަކީ އެކަމަށް ސަމާލުކަން ދީގެން ބުރަ މަސައްކަތުން ނޫނީ ނުލިބޭނެ އެއްޗެއް ކަމެވެ. ނާކާމިޔާބު ކުރިމަތިވި ކޮންމެ ކުޅިވަރަކަށް ހެދުނު ގޯސްތަކަށް ވިސްނާއިރު ގިނަ ކަންކަމެއް އަތުން ދޫކޮށް ލެވިފައި ހުއްޓެވެ.

އެހެންނަމަވެސް ދީމާ ގޭމްސްއާ ކުރިމަތިލީ އެ ހުރިހާ ކަމަށް ތައްޔާރު ވެގެންނެވެ. އޭނާގެ މުޅި ސިކުނޑި ސަމާލުކަން ދީފައި ވަނީ އެކަމުގެ މައްޗަށެވެ. ދީމާގެ ވާހަކަ މިއަދު މުޅި ގައުމުގައި ދެކެވެނީ އޭނާ އާއި އޭނާގެ ލޮބުވެތި މަންމަ އާއި ބައްޕަ ވީ ގުރުބާނީންނެވެ. އެ ގުރުބާނީގެ އަގު މިއަދު މިނެކިރެނީ ރަނުންނެވެ.