ހަބަރު

ދެއަންބަށް އިނދެވޭނީ ދޮށީ އަނބީގެ ބަޔާނަކާއެކު: ސުޕްރީމް ކޯޓް

Jul 29, 2019
6

ދެއަންބަށް ކައިވެނި ކުރާއިރު، އަނބިދަރީންނަށް ހަރަދުކޮށްފައި ވޭތޯ ބަލަން ދޮށީ އަނބިމީހާގެ ބަޔާން ނަގަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވައި ނެރުއްވާފައިވާ ސާކިއުލާއެއްގައި ވަނީ އާއިލާއާބެހޭ ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން އެއް އަންބަށް ވުރެ ގިނަ އަނބީންނާ ކައިވެނިކުރާ ފިރިހެނުން އަނބިދަރީންނަށް ހަރަދުކުރަމުންދޭތޯ ސާފު ކުރަން މީގެ ކުރިން ރާއްޖޭގެ ހުރިހާ ކޯޓުތަކުން އަނބިމީހާގެ ބަޔާން ނަގަމުންދިޔަ ކަމަށެވެ.

ނަމަވެސް މިހާރަކަށް އައިސް ބައެއް ކޯޓުތަކުން ހަރަދުގެ ރެކޯޑެއް ނެތްނަމަ އެއީ އަނބިދަރީންނަށް ހަރަދުކުރާ މީހެއްކަ މުގައި ބަލައި އަނބިމީހާގެ ބަޔާން ނެގުމަކާ ނުލައި ކައިވެނި ކޮށްދެމުންދާ ކަމަށެވެ.

އެއް އަންބަށް ވުރެ ގިނަ އަންބަށް ކައިވެނި ކުރަން އެދި ކޯޓަށް ހުށަހެޅޭ ހާލަތްތަކުގައި ކައިވެނިކުރަން ހުށަހަޅާ ފިރިހެން މީހާ އަކީ އޭނާ އިނދެގެންއުޅޭ އަނބިމީހާއަށާއި ދަރިންނަށް ކުރަންޖެހޭ ހަރަދުތައް ކުރަމުންގެންދާ މީހެއްކަން ކަށަވަރުކޮށް ޔަގީން ކުރުމަށް އިނދެގެން އުޅޭ ދޮށީ އަނބިމީހާގެ ބަޔާންނެއް ކޯޓުން ނަގަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ސާކިއުލާގައި ވެއެވެ.