ސުޕްރީމް ކޯޓް

"ހަވީރު" އަކީ ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ނޫސް -- "ހަވީރު" ނޫހަކީ އެ ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިންގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިމައްސަލައިގައި މިއަދު ހުކުމްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެވެ. މީގެއިތުރުން ބެންޗްގައި ތިއްބެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.

ސިވިލް ކޯޓަށް 2016 ވަނަ އަހަރު "ހަވީރު"ގެ މިލްކުވެރިކަމާ ގުޅޭ ގޮތުން މައްސަލަ ހުށަހެޅީ އެ ނޫހުގެ ހިއްސާދާރުން ކަމަށް ބުނެ އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އެވެ. ހިއްސާދާރުންގެ ތެރޭގައި މުހައްމަދު ނައީމް ކިޔާ މީހަކުވެސް ހިމެނޭ ކަމަށް ދައުވާގައި ވެއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގައި އެދިފައި އޮތީ ހަވީރު ނޫހުގެ އާމްދަނީން ހިއްސާދާރުންނަށް ލިބެންޖެހޭ ބައި ހޯދުމަށާއި ނޫސް ހިންގުމުގައި ބައިވެރިވެވޭނެ އިންތިޒާމެއް ހަމަޖެއްސައި ދިނުމަށެވެ. ދައުވާއާއި ގުޅިގެން އިބްރާހީމް ރަޝީދު މުސާއާއި ފާރޫގުގެ ބައިވެރިވުން ނެތި ހަވީރު ހިންގުން ސިވިލް ކޯޓުން ހުއްޓުވީ މާޗް 31، 2016 ގައެވެ. އޭގެފަހުން އޭޕްރީލް 2، 2016 ގައި ހަވީރު އޮންލައިން ނޫސް ހުއްޓާލުމަށްވެސް ސިވިލް ކޯޓުން އަމުރުކޮށްފައިވެ އެވެ. އަދި "ހަވީރު" އާއި އެތަނުގެ ޗާޕްހާނާ ހިންގަމުން ދިޔައީ އިބްރާހީމް ރަޝީދާއި ފާރޫގާއި ނައީމުގެ އިތުރުން ޒާހިރު ހިއްސާވާ ގޮތަށް މާޗް 31. 1983 ގައި އެެއްބަސްވުމެއްގެ ދަށުން ހަދާފައި އޮތް "ހަވީރު ނޫސް އެޖެންސީ" އިން ކަމަށް ދައުވާގައިވާތީ އެތަނުގެ ފައިދާ އެ މީހުންގެ މެދުގައި ބެހުމަށްވެސް ސިވިލް ކޯޓުން ހުކުމް ކުރި އެވެ.

އޭރު ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ހުކުމް ކުރެއްވީ ދައުވާގައި އެދިފައި ނުވާ ގިނަ ކަންތައްތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ހަވީރުގެ އެއްވެސް މުވައްޒަފަކަށް ދެ އަހަރު ވަންދެން އެހެން ނޫހެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ހިމަނައި ހުކުމްކުރި އެވެ. އަދި އެ މުވައްޒަފުން އެހެން ނޫހެއްގެ ވަޒީފާއަށް ހިނގައްޖެނަމަ ފިޔަވަޅު އަޅަން ދައުލަތުގެ މައްޗަށް އަމުރުވެސް ކުރި އެވެ. އަދި ހަވީރު އޮންލައިންގެ ވެބްސައިޓާއި އާކައިވް "ހަވީރު ނިއުސް އެޖެންސީ" ވެސް ހިއްސާދާރުން ބޭނުންވާ ގޮތަށް ބަދަލުކުރުމަށް ވެސް ހުކުމްކުރި އެވެ.

ޑރ. ޒާހިރުގެ ފަރާތުން ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފް ކުރުމުން ޖެނުއަރީ 2019ގައި ހައިކޯޓުން މައްސަލަ ނިންމީ ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ދައުވާގައިވާ ކަންކަމުގެ މައްޗަށް ނޫން ކަމަށާއި ދަށު ކޯޓުން މައްސަލަ ރިވިއު ކުރުމަށެވެ. އެކަމަކު އެ މައްސަލަ ޑރ. ޒާހިރުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތުއުނާފް ކުރުމުން އެ ކޯޓުން ފުރަތަމަ ނިންމީ އެ ކޯޓުން އިސްތިއުނާފް ކުރުމުގެ ހުއްދަ ދޭން ނުޖެހޭ ކަމަށެވެ. އެހެންކަމުން އެ ނިންމުން އަލުން ރިވިއުކޮށްދިނުމަށް ޑރ. ޒާހިރު އަނެއްކާވެސް ސުޕްރީމް ކޯޓުގައި އެދިވަޑައިގަތީ 2021 ގައެވެ. ޑރ. ޒާހިރު 2012 ގައި މިމައްސަލަ ރިވިއު ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދުމުން އޭރު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު މުޅި މައްސަލަ ނިންމާ ކުރި ހުކުމްގައި ބުނެފައިވަނީ ހައި ކޯޓު ކުރި ހުކުމުގައި "ހަވީރު ނިއުސް އެޖެންސީ"ގެ މުދަލެއް ހުރިކަން ނުވަތަ ނޫންކަން ބަލާފައި ނެތް ކަމަށާއި އަދި އެއް ދުވަސްވަރެއްގައި އިބްރާހީމް ރަޝީދު މޫސާ އަކީ "ހަވީރު"ގެ މަސްއޫލްވެރިޔާ ކަމަށްވީ ނަމަވެސް އެއީ މިލްކުވެރިކަން ލިބެންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެހެންވެ ހައިކޯޓުގެ ހުކުމް ބާތިލްކޮށް ހަވީރުގެ މިލްކުވެރިޔަކީ ޑރ. ޒާހިރު ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅުއްވާފަ އެވެ.

ސިވިލް ކޯޓުން ކުރި އަމުރުތަކަށްފަހު ހަވީރު ނޫސް ހުއްޓާލުމަށްފަހު އޭރު ހަވީރު ހިންގި ޓީމުން ވަނީ "މިހާރު"ގެ ނަމުގައި ނޫހެއް ހިންގަން ފަށާފަ އެވެ.