ހަސަން ޝިޔާމް

ވީބީ ހަސަންއަށް އިންތިހާބުގައި ވާދަނުކުރެވޭނެ: ސުޕްރީމް ކޯޓް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަމުން ގެންދެވި ހަސަން ޝިޔާމް (ވީބީ ހަސަން) އަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ހ. ކްއީން، އިލްޔާސް އަހްމަދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން މިއަދު ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި އޮތީ ހަސަން ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ޝަރީއަތުން ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް ހުކުމާ އެއްގޮތަށް އޭނާ ދަރަނި ދައްކަމުން ނުދާ ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުން ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ އެ މީހަކަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ހަސަން ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމާއި ހުކުމާ އެއްގޮތަށް ދަރަންޏަށް ފައިސާ ނުދައްކާތީ އޭނާއަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

ހަސަން ނުދައްކާ އޮތް ދަރަންޏަކީ އޭނާ އާއި އެކު ޖުމްލަ 11 މީހުން ޒިންމާވާންޖެހޭ ގޮތަށް އެސްބީއައި އިން ނަގާފައިވާ ލޯނެކެވެ. މިއީ ކްރިސްޓަލް ލެގޫން ރިޒޯޓްސް އަށް ފެބްރުއަރީ 16، 2006 ގައި ނެގި 10 މިލިއަން ޑޮލަރާއި، ޖޫން 18، 2008 ގައި ނަގާފައިވާ 64 މިިލިއަން ޑޮލަރުގެ ލޯނެކެވެ.

މި ދެ ލޯނަށް ގަވައިދުން ފައިސާ ދައްކަމުން ނުދާތީ އެސްބީއައި އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން މީގެކުރިން ނިންމާފައި އޮތީ ހުކުމް ކުރި ދުވަހުން ފެށިގެން އަށް މަސް ދުވަސް ތެރޭ ލޯނުގެ ފައިސާ އާއި އިންޓްރެެސްޓާއި ޖޫރިމަނާ ދައްކާ ހަލާސް ކުރުމަށެވެ.