ކުޅިވަރު

ބައްސާމް: ކުޅިވަރުގެ މައިދާނުގައި އެންމެންގެ ބްރޯއެއް!

Jul 29, 2015

"އަސްލު ބުނަންތަ ވާހަކައެއް. މިހާރު މި އޮތް ގޭމްސް އަށް (އާދީއްތަ ދުވަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް) އަށް ދާ ޓީމު ތަކުގެ ކަންތައްތައް އޮމާންކަމާއެކު ހަމަޖެހިގެން މިދަނީ ބައްސާމާހެދި. އެހެންނޫންނަމަ މިކަންތައް ވަރަށް ބޮޑު ހަމަނުޖެހުމަކަށް ވެސް ދިޔައީސް. އޭނަ މީގެ ތެރެއަށް އައިސް އެންމެންގެ ވާހަކަތައް ވެސް އަޑުއަހާ. ވަކި ކުލައަކަށް ވަކި މީހަކަށް ނުބަލައި އެންމެނަށް ވެސް ފައިދާބޮޑުގޮތަށް ކަންކަން ހަމަޖައްސައިދޭ އިސް މީހުންނާ ވާހަކަ ދައްކައިގެންވެސް. ކިތަންމެ ޒުވާންވިޔަސް އަސްލު އަހަރުމެން ހީކުރި ވަރަށްވުރެ ކެރޭ އަދި ކޮލިޓީ މީހެއް އެއީ،" ފާއިތުވެދިޔަ 25 އަހަރު ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅަކު ކުޅިވަރުގެ އެކިއެކި ވާހަކަތަކުގެ ތެރެއިން އެފްއޭއެމްގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލާ ބެހޭގޮތުން ވިދާޅުވީ މިހެންނެވެ. 

އުމުރުން މިހާރު 32 އަހަރުގެ ބައްސާމަކީ ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެހާމެ އަވަހަށް އުސް ހަރުފަތްތަކެއް ގިރާކުރައްވައި، ކުޅިވަރުގެ ގިނަ ބައެއްގެ އިތުބާރާއި ލޯބި މިހާރު ހޯދަވާފައިވާ ޒުވާނެކެވެ. އޭނާގެ ކުޅިވަރަށް ހިދުމަތް ކުރަން ފެށީ އަމިއްލަ ގޭތެރެއިންނެވެ. ބައްޕަ އަދީލް ޖަލީލް ކުލަބު ވެލެންސިއާ ހިންގެވިއިރު ރާއްޖޭގެ ނަން މަޝްހޫރު ގިނަކުޅުންތެރިން އެއިރު ކުޅުނީ ވެލެންސިއާ އަށެވެ. އަލީ އުމަރާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި އައްސަދު އަބުދުލްގަނީ އާއި އަލީ ޝިހާމާއި ބިންމާ އަބުދުﷲ ވަހީދު އަދި މުހުތާރު ނަސީރު (ޓޫކިލޯ) މެން ފަދަ އެތައް އެކުޅުންތެރިންގެ ކަންތައްތައް އެއިރު އަދީލްގެ ބެއްލެވުމުގެ ދަށުން ހަމަޖައްސަވަމުންދިޔައީ ބައްސާމެވެ.

އެކަމަކު ކުޅުންތެރިއެއްގެ ޖާޒީގައި ގަލޮޅު ދަނޑަށް ނުކުތުމުގެ ޝައުގުއޮތްލެއް ބޮޑުކަމުން ހަންގޭރީގެ ކޯޗު ލާސްލޯ ކިސްގެ އިރުޝާދުގެ ދަށުން ވެލެންސިއާގެ ޓީމަށް ބައްސާމް ކުޅުއްވަން ވެސް ފެއްޓެވި އެވެ. ނަމަވެސް ބޮޑަށް ހިންގުމުގެ ދާއިރާއަށް ހާއްސަވާން ޖެހުމާއި މަތީ ތައުލީމް ހާސިލްކުރުމަށް ރާއްޖޭން ބޭރަށް ދާން ޖެހުމުން އެންމެފަހުން ކުޅުންތެރިއެއްގެ ޖާޒީ ބޭލި އެވެ. އޭގެ ފަހުން އެފްއޭއެމުގައި ހުރި ވެލެންސިއާގެ އޮފީހުގައި ވެސް ކުޑަ ދުވަސްކޮޅަކު މަސައްކަތްކުރި އެވެ.

ބައްސާމުގެ ހިދުމަތް ކުޅިވަރަށް ހާއްސަކޮށް ފުޓްބޯޅަ އަށް ނުލިބިދިޔައީ ތައުލީމު ހާސިލްކުރަން ރާއްޖޭން ބޭރުގައި ހުންނެވި ދުވަސްކޮޅު އެކަންޏެވެ. މެލޭޝިޔާގައި ހުންނަ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަންއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ކިޔަވާވިދާޅުވުމަށްފަހު ދެން ބައްސާމް ފެނުނީ މަރުކަޒީ ބޭންކް އެމްއެމްއޭއިންނެވެ.

އެކަމަކު އޭނާގެ ހިދުމަތާއި މަސައްކަތުގެ ކޮލިޓީ ފެންނަން ފެށީ އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ކަމާ ހަވާލުވެޑައިގަތުމާ ހިސާބުންނެވެ. ޒަމާންތަކެއް ވަންދެން ފޫހިތައްގަނޑަކަށް ފެތިފައި އޮތް އެފްއޭއެމުގެ ހިންގުމަށާއި މުބާރާތްތަކުގެ އޮނިގަނޑަށް ބަދަލު ގެނެސް އާވިސްނުންތައް ކުރިއަށް ނެރުނީ ހަމަ އޭނާގެ މާލިމީ ކަމުގަ އެވެ. ވަޅުޖެހެމުންދިޔަ ފުޓްބޯޅައިގެ ފޯރިގަދަ ކުރުމަށް 12 އަހަރަށް ފަހު ބިދޭސީ ޓީމުތައް ބައިވެރިކޮށްގެން ޕީޕަލްސް ކަޕުގެ ނަމުގައި ފަހަކަށް އައިސް ނުބާއްވާހާ ފޯރިގަދަ މުބާރާތުގެ ހިޔާލާއި މަސައްކަތުގެ މުހިންމު މެޝިނަކީ އޭނާ އެވެ. ދިވެހި ޕްރިމިއާ ލީގު ތައާރަފްކުރި އެވެ. ސީޒަން ޓިކެޓް ތައާރަފްކޮށް، ކުލަބުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބާރުއެޅުއްވި އެވެ. މިނިވަން 50ގެ ނަމުގައި މުޅި ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. ކުރިއާ ހިލާފަށް ޓީމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީގެންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އެފްއޭއެމުގެ ގޮފިތައް އުފައްދަން ފަށައި އޭގެ ތެރެއިން ފުރަތަމަ ގޮފި އައްޑޫގައި ގާއިމްކުރި އެވެ. މިއާއެކު ކުލަބުތަކުން ވެސް ހިތްހަމަޖެހުން ފާޅުކުރަންފެށި އެވެ.

"ބައްސާމް އައި ހިސާބުން އެފްއޭއެމާ ކުލަބުތަކާ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވި. ކުރިން ގޯސްވެފައި އޮތް ގުޅުން ރަނގަޅު ކުރަން އޭނާ މަސައްކަތްކުރެއްވި. އެންމެ ފާހަގަ ކުރެވެނީ އެއްވެސް މީހަކު ބާކީނުކޮށް، ކާމިޔާބީ ހާސިލްކުރަން އޭނާ ބާރުއަޅާ. ކަންކަން ގޯސްވުމުގެ ކުރިން އެކަމެއް ބަލައި ރަނގަޅު ކުރަން މަސައްކަތް ކުރޭ. މިހާރު އެއީ ކުލަބުތަކުން ރުހޭ ޖެނެރަލް ސެކްރެޓަރީއެއް،" ފުރަތަމަ ޑިވިޝަނުގެ ކުލަބެއްގެ އިސް މީހަކު ނަން ނުޖެހުމަށް އެދެމުން ވިދާޅުވި އެވެ.

އެފްއޭއެމަށް ބައްސާމް ވަޑައިގަތީ ފުޓްބޯޅައިގެ ކަންތައްތައް ވަރަށް ބޮޑަށް އެނގިވަޑައިގެން ހުންނަވަ އެވެ. ގައުމުގެ ފުޓްބޯޅަ ހިންގެވުމާ އޭނާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުލަބު ހިންގެވުމުގައި އެންމެ އިސްކޮށް އުޅުއްވި އެވެ. ވެލެންސިއާގެ ވައިސް ޗެއާމަންކަން ކުރައްވައި ކުޅުންތެރިންގެ އިތުބާރު ހޯއްދެވި އެވެ. އެކުލަބު ފީފާ އަށް ދަރާފައި އޮއްވާ އެދަރަނި އަދާކޮށްދެއްވި އެވެ. މުސާރަނުދެވޭ ކުލަބެއްގެ ގޮތުގައި ފާއިތުވެދިޔަ ހައެއްކަ އަހަރު ވެލެންސިއާ އޮތް އޮތުން ބަދަލު ކުރައްވައި އޭނާގެ ބެއްލެވުމުގެ ދަށުން މާލީގޮތުން ފުދުންތެރި ކުލަބަކަށް ވެލެންސިއާގެ މިސްރާބު ބަދަލުކުރެއްވި އެވެ.

"ބައްސާމަކީ ވަރަށް ބަރާބަރު މީހެއް. އޭނާ ހުންނައިރު ބަރާބަރަށް މުސާރަ ލިބޭ. ކުރިން އަހަރުމެން އުޅެން ޖެހޭ މުސާރަ ނުލިބިގެން ކުލަބުގެ އިސްމީހުން ފަހަތުން. ގުޅާގުޅާ ފޯނުނުނަގައިގެން. އެކަމަކު ބައްސާމް ހުރިއިރު ކުޅުންތެރިންނާ އޮންނަ ގުޅުން ރަނގަޅުވި. ބަރާބަރަށް ލާރިކޮޅުދޭނެ. އަނެއްކާ ކަމެއް ދަތިވެގެން ބުންޏަސް އޭނާ ކޮންމެވެސް ހައްލެއް ހޯދައިދޭ. ވަރަށް އެކުވެރި މީހެއް އެއީ. އަހަރެން ވެލެންސިއާ އަށް ނުކުޅެން ނިންމައިގެން ހުއްޓާ ބައްސާމް އައިސް ކަންތައްތަ ރަނގަޅުކުރީމަ މަޑުކުރީ،" 2010 އިން ފެށިގެން ވެލެންސިއާ އަށް ކުޅެމުން އައި ކުޅުންތެރިއަކު ބުންޏެވެ.

ވެލެންސިއާ އަށް ކުޅުމަށްފަހު މިހާރު ނިއު އަށް ކުޅޭ ކުޅުންތެރިއަކު ބުނީ ބައްސާމްގެ ތަފާތަކީ ކުޅުންތެރިންނަށް ދޮގުނުހެދުން ކަމަށެވެ.

"އަސްލު އަދީލްގެ ކޮލިޓީ އޭނާގެ ކިބައިން ފެނޭ. އަދީލަކީ ވެސް ކުޅުންތެރިންނަށް ދޮގުހަދާ މީހެއްނޫން. ބައްސާމް ކުޅުންތެރިންނަށް ދޮގެއް ނުހަދާ. ކަމެއް ވާންނެތިއްޔާ އެވަގުތަކު ނުވާނެ ވާހަކަ ބުނޭ. އެހެންވީމަ އޭނާއަށް އިތުބާރުކުރެވޭ. އޭނާ ހުރެގެން ވެލެންސިއާއިން ބަރާބަރަށް މުސާރަދިން،" ވިކްޓަރީ އާއި ވީބީ އަށްވެސް ކުޅުނު މިޑްފީލްޑަރު ބުންޏެވެ.

ފުޓްބޯޅައިގެ ކަންކަމުގައި އުޅުއްވަމުން އެހެން ކުޅިވަރުތަކުގެ ކަންތައްތައް އޭނާ ބައްލަވަން ފެއްޓެވީ ފުޓްބޯޅައިގެ ތެރެއިން ފަހިވި ފުރުސަތުތަކެއްގައި ސަރުކާރުގެ ބައެއް އިސްބޭފުޅުންގެ ވެސް އެދުމުގެ މަތީންނެވެ. މި ގޮތުން ޔޫތު މިނިސްޓްރީ އާއި އެސޯސިއޭޝަންތަކާ ދެމެދު "ކޯޅުން" ގިނަވެ ނުނިމި ދިގުލަމުންދިޔަ ކަންތައްތައް ހައްލުކޮށްދެއްވުމުގައި އޭނާ ގެންދަވަނީ މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. ކުޅުންތެރިންގެ ބޭނުންތައް އޮޅުން ފިލުއްވައި، ސަރުކާރުގެ ސިޔާސަތު ޕްރޮމޯޓްކުރައްވަ އެވެ. މިހެންވެ ކުޅިވަރުގެ ގިނަ މީހުން އަދުގެ ރައީސް އަބުދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ބައްސާމް، ސިފަކުރަނީ ކުރިމަގު އޮތް، ފެހި ބޭފުޅެއްގެ ގޮތުގަ އެވެ.