އޭސީސީ

އޭސީސީއަށް ދެވޭ ވަރަށް ނިޔާޒަށް މާކުހެއް ނުލިބުން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް ކުރިމަތިލި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާއަށް އެ މަގާމަށް އައްޔަންވާން ބޭނުންވާ ވަރަށް މާކްސް ނުލިބި ފެއިލްވެއްޖެ އެވެ.

އޭސީސީގައި މިހާރު ތިއްބެވި މެންބަރުންގެ މުއްދަ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ހަމަވާތީ، ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 68 މީހަކު ކުރިމަތިލި އެވެ. އޭގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ 12 މީހެއްގެ ނަން ފާހަގަކުރައްވައި މަޖިލީހަށް ފޮނުވި އެވެ.

12 12 މީހުންގެ ނަން ދިރާސާކޮށް އެ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު ކޮމިޓީން އެކުލަވައިލި ރިޕޯޓުގައިވާ ގޮތުން، އެންމެ މަތިން މާކްސް ލިބުނީ އިބްރާހިމް ޝަކީލަށެވެ. އޭނާއަށް 77.7 މާކްސް ލިބުނެވެ. އާދަމް ޝާމިލަށް 77.3 މާކްސް ލިބުނުއިރު، ފާތިމަތު އަނޫލާއަށް 77.2 މާކްސް ލިބުނެވެ. މަރިޔަމް ޝިއުނާއަށް 77 މާކްސް އަދި އާއިޝަތު އަބްދުﷲ އަށް 75 މާކްސް ލިބުނެވެ.

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒަށް ލިބުނީ 67.5 މާކުހެވެ. އޭސީސީއަށް އައްޔަން ކުރުމުގެ ގާބިލު ހުރި ކަމަށް ބަލަނީ 75 މާކްސް ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބިގެންނެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ތަޅުމުގައި ވޯޓަށް އަހާނީ ވެސް މާކްސް ލިބިފައިވާ ތަރުތީބުންނެވެ.

ނިޔާޒު އިބްރާހިމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އެއް މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިކުރި ފަރާތެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ފެށިއިރު އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވީ ނިޒާޔެވެ.