މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފު ގެއްލުވާލަން ވެގެން ބަޔަކު މަސައްކަތް ކުރި ކަމަށް ފުލުހުން އޭނާއަށް އެންގެވި ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު އޭނާ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް އިދިކޮޅު ޕީޕީއެމް އިން އޭރު ތުހުމަތު ކުރި އެވެ. ޕީޕީއެމް އިން އެ ތުހުމަތު ކުރި ދަުވަސްވަރު ބައެއް ފަރާތްތަކުން އީސީގެ މެންބަރުންނާއި މުވައްޒަފުންނަށް ބިރު ދެއްކި ކަމަށް މީގެ ކުރިން ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ޝަރީފު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބު ނިމި، ރައީސް އިބްރާާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާ ކުރެއްވުމާ ދެމެދު އޮތް މުއްދަތުގެ ތެރޭގައި އީސީގެ މެންބަރުންނަށާއި މުވައްޒަފުންނަށް ބިރު ދެއްކުމުގެ ކަންކަން ހިނގި ކަމަށާއި އެ ކަމުގެ ސަބަބުން މުވައްޒަފުން ތިބީ ނަފްސާނީ ގޮތުން ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ.
ޝަރީފު ވިދާޅުވީ ސީދާ އޭނާ ގެއްލުވާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން އޭނާއަށް އަންގާފައިވާ ކަމަށެވެ.ރިޔާސީ އިންތިހާބަށް ފަހު ބައެއް ފަރާތްތަކުން އީސީގެ މެންބަރުންނަށް ދަތި ކުރުމުގެ ކަންކަން ހިނގި ކަމަށް ކޮމިޝަނުން ބުނަމުން ދިޔަ ނަމަވެސް މިއީ ޝަރީފު މީގެ ކުރިން ހާމަކުރެއްވި ވާހަކައެއް ނޫނެެވެ.
"މަގުމަތިން ވީނުވީއެއް ނޭނގި އަޅުގަނޑު މަގުމަތިން ދާއިރު ކާރު މަޑު ކުރުވާފައި އަޅުގަނޑު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ރިޕޯޓު ފުލުހުން އަޅުގަނޑަށް ދިން،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ބައެއް މެންބަރުންގެ ގެ ކައިރިއަށް ރޭގަނޑުގެ ދަންވަރުގެ ވަގުތުގައި ބައެއް މީހުން ގޮސް ދޮރުގައި ޓަކިދީ އިންޒާރު ދީފައިވާ ކަމަށެވެ. އަދި މަގުމަތިން ކޮމިޝަންގެ މެންބަރުންނާއި ބައެއް މުވައްޒަފުން ދާއިރު ވެސް ބައެއް މީހުން މަރުގެ އިންޒާރު ދިނުން ފަދަ ކަންކަން ވެސް ހިނގި ކަމަށެވެ.
"ބައެއް މެންބަރުންގެ ގެއަށް ދަންވަރު ދަޅައިގައި، ގުންޑާއިން ކަހަލަ މީހުން ގޮސް ގޭގެ ދޮރުގައި ޓަކި ޖަހައި ބިރު ދައްކާފައި އެބަހުރި، އެކި ވަގުތުތަކުގައި މެންބަރުންގެ ގެ ކައިރިއަށް ގޮސް އެބަ ތިބޭ ގޭންގްތަކުގައި އުޅޭ ޒާތުގެ ޒުވާނުން،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ އެ މައްސަލަތައް ފުލުހުންނަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ފަހުން މަސްރަހު ފިނިވި އެއްވެސް މިންވަރަކަށް އިންޒާރެއް އަންނަމުން ނުދާތީ އެ މައްސަލަތައް އިތުރަށް ކޮމިޝަނުން ބެލެވިފައި ނުވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް ޕީޕީއެމްއިން އޭރު ތުހުމަތު ކުރިއިރު، ދާދި ފަހުން މީޑިއާއަކަށް ރައީސް އަބްދުﷲ ޔާމީން ދެއްވި އިންޓަވިއުއެއްގައި ވެސް އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ދަތުރުފުޅުތަކުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބޮޑު ތަރުހީބު އެ އިންތިހާބުގެ ނަތީޖާއިން ނުފެނުމުން އަދިވެސް ނަތީޖާ ގަބޫލުފުޅު ކުރައްވަން ދަތިފުޅު ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ އީސީން އިންތިހާބުގެ ނަތީޖާ އިއުލާން ކުރީ އެ އިންތިހާބުގައި ރައްޔިތުން ވޯޓު ދިން ގޮތަށް ކަމަށާއި ކެމްޕޭންގެ ތެރޭގައި ކުރިއަށް ދިޔަ ހަރަކާތްތަކުގައި ބައިވެރިވި މީހުންގެ އަދަދު ގުނައިގެން ނޫން ކަމަށެވެ.
ޝަރީފު ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކޮމިޝަންގެ އެއްވެސް މެންބަރަކު ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކޮށްފައި ނުވާ ކަަމަށެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ވަކި ކެންޑިޑޭޓަކު ކާމިޔާބު ކުރުމަށް މަގުފަހިވާ ގޮތަށް އީސީން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.