ރާއްޖެ ކުޅިވަރު

ޕޮމިސް ކަޕް އަލުން ބޭއްވުން: ކްލަބު ފުޓްބޯޅައިގެ މުސްތަގްބަލަށް މުހިންމު ނިންމުމެއް

ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް ނުވަތަ ޕޮމިސް ކަޕްގެ ނަމުގައި 1987 އަހަރު، ރާއްޖޭން އިންތިޒާމްކޮށްގެން ބޭއްވި ބައިނަލްއަގުވާމީ ފުރަތަމަ ފުޓްބޯޅަ މުބާރާތަކީ އޭރު ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. ދިވެހި ފުޓްބޯޅަ އަށް ބޮޑު ކުރިއެރުންތަކެއް ޕޮމިސް ކަޕް މުބާރާތް ބާއްވަން ފެށި ފަހުން ލިބުނެވެ. މި މުބާރާތުގެ ކުރިން ރާއްޖޭގެ ކްލަބުތަކަށް ސަަރަހައްދީ ކްލަބުތަކާ ރަނގަޅު ފެންވަރެއްގައި ވާދަކޮށްލެވޭ ގޮތެއް ނުވެ އެވެ. މިއަދު ސަރަހައްދީ ފުޓްބޯޅައިގައި އެންމެ ވަރުގަދަ އެއް ގައުމުގެ ގޮތުގައި ރާއްޖެ އޮތްއިރު، މި ފެންވަރަށް ދިވެހި ފުޓްބޯޅަ ކުރިއެރުމުގެ އެއް ސަބަބަކީ ޕޮމިސް ކަޕް ފުޓްބޯޅަ މުބާރާތެވެ.

ޕޮމިސް ކަޕް އެންމެ ފަހުން ބާއްވާފައިވަނީ 2003 ވަނަ އަހަރެވެ. އެ އަހަރަށް ފަހު ޕޮމިސް ކަޕް ނުބޭއްވުނު އެއް ސަބަބަކީ މުބާރާތުގައި ވާދަކުރާނެ ރަނގަޅު ފެންވަރުގެ ކްލަބުތަކެއް ނުލިބުމެވެ. ސަރަހައްދީ ކްލަބުތަކެއް ގެނެސްގެން މުބާރާތެއް ބޭއްވުމުގެ މާބޮޑު ބޭނުމެއް އޭރަކު ނެތެވެ. ކްލަބުތަކަށް ވެސް ފައިދާކުރާނީ ވާދަވެރި މެޗުަތަކެއް ލިބިގެންނެވެ. އެކަމަކު ރަނގަޅު ޓީމެއް ނުލިބިގެން ޕޮމިސް ކަޕް ނުބޭއްވުމަށް ފަހު، ފަހުން އެ މުބާރާތް އޮތީ ވަޅުޖެހިފަ އެވެ.

އެހެން ނަމަވެސް، އެފްއޭއެމްގެ ހިންގުމާ މިހާރު ހަވާލުވެފައިވާ ނޯމަލައިޒޭޝަން ކޮމެޓީން ވަނީ އަންނަ އަހަރުން ފެށިގެން ޕޮމިސް ކަޕް ބޭއްވުމަށް ހަމަޖައްސައިފަ އެވެ. ކްލަބު ފުޓްބޯޅައިގެ އޮނިގަނޑަށް އެފްއޭއެމް އިން ގެންނަން ނިންމާފައިވާ ބޮޑެތި ބަދަލުތަކާއެކު، ޕޮމިސް ކަޕް އަލުން ބޭއްވުމަކީ ދިވެހި ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު އުފާވެރި ހަބަރެކެވެ.

"ޕޮމިސް ކަޕް ބޭއްވުމަކީ ވަރަށް ރަނގަޅު ނިންމުމެއް. އެކަމަކު ޗެލެންޖަކަށް ވާނީ މުބާރާތުގައި ވާދަކުރާނެ ރަނގަޅު ފެންވަރުގެ ޓީމެއް ހޯދުން. މި މުބާރާތުގެ ފައިދާކުރާނީ ރާއްޖޭގެ ކްލަބުތަކަށް ވުރެ މޮޅު ކްލަބުތަކެއް ގެނެސްގެން،" ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ ކޯޗެއް ބުންޏެވެ. "އެހެން ނޫނީ މި މުބާރާތް ބޭއްވުމުގެ ބޭނުމެއް ނެތް. ދުރާލާ ވިސްނައިގެން، ރާވައިގެން ބާއްވަން އުޅެފި ނަމަ ޔަގީން ރަނގަޅު ޓީމުތައް ގެނެވޭނެކަން."

މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުންދާ މެލޭޝިއާގެ ޕީޑީއާރްއެމް ވަނީ މުބާާރާތުގައި ބައިވެރިވުމަށް ނިންމައިފަ އެެވެ. މުބާރާތުގައި ބައިވެރިވާނެ ކަމަށް ދެން ބެލެވެނީ ސިންގަޕޫރުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ.

އެފްއޭއެމް އިން ކްލަބު ފުޓްބޯޅަ އަށް ގެންނަން ވިސްނާފައިވާ ބަދަލުތައް ރަނގަޅެވެ. ކްލަބު ފުޓްބޯޅައިގެ ފޯރި ދަށްވެފައި އޮތް ދަނޑިވަޅެއްގައި، ކްލަބު ފުޓްބޯޅައިގެ ފޯރި ގަދަކުރަން މަސައްކަތް ފަށަން މިހާރު މާލަސްވެއްޖެ އެވެ. ޕޮމިސް ކަޕަކީ މި މަސައްކަތުގައި ރަނގަޅު ދައުރެއް އަދާކުރާނެ މުބާރާތެކެވެ. އެކަމަކު ޕޮމިސް ކަޕްގެ ބޭނުން ހިފޭނީ ރަނގަޅު ފެންވަރުގެ ޓީމުތަކެއް މުބާރާތުގައި ބައިވެރިކޮށް، ރޭވުންތެރިކަމާއެކު މުބާރާތަށް ތައްޔާރުވެގެންނެވެ. ދެ އަހަރު ބޭއްވުމަށް ފަހު، އަނެއްކާ ވެސް މުބާރާތް މެދުކަނޑާލައިފި ނަމަ، އޭގެ ނަތީޖާ ނުފެނިދާނެ އެވެ.