ސިއްހަތު

ހަށިގަނޑަށް ރަނގަޅީ ފެޓްގެ ކިހާ މިންވަރެއް؟

Jul 31, 2015

ހުރިހާ ވައްތަރެއްގެ ކާބޯތަކެއްޗެއްގައި ވެސް ކޮންމެވެސް މިންވަރަކަށް ފެޓް އެކުލެވިގެންވާކަން އެނގޭ ހެއްޔެވެ؟ މިސާލަކަށް ކެރެޓާއި ލެޓިއުސް ފަތުގައި ވެސް ފެޓްގެ ކޮންމެވެސް މިންވަރެއް ހިމެނެ އެވެ.

ކަންމިހެން އޮތުމުން ފެޓް އިން ސަލާމަތްވުމަށް ނުވަތަ އޭގެ ނުރައްކާތެރި މިންވަރުން ސަލާމަތްވުމަށް ނުކައި ދޫކޮށްލަން ޖެހެނީ ކޮން ބާވަތްތަކެއްކަން ދެނެގަތުން އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. އެކަމަކު އެ ވާހަކައެއް ފެށުމުގެ ކުރިން ފެޓްގެ ތައާރަފަކަށް ބަލާލަމާ ހިނގާށެވެ.

މިއީ ނިއުޓްރިއެންޓެކެވެ. މާނަ އަކީ ހަށިގަނޑު ބަލަހައްޓައި އޭގެ އުފެދުމަށް ކޮންމެހެން ބޭނުންވާ އެއްޗެކޭ އެވެ. ފެޓް އަކީ އެއާ ނުލައި އަހަރެމެންނަށް ދިރިނުއުޅެވޭނެ މާއްދާއެކެވެ. މިއީ ހަކަތައިގެ މުހިންމު ރޯލެއް ކުޅޭ އެލެމެންޓެކެވެ. އޭގެ އިތުރުން ހަށިގަނޑަށް ބޭނުންވާ އެހެން ނިއުޓްރިއެންޓްސްތަކުގެ ޒިންމާ ވެސް އަދާކުރުމަށް ފަސޭހަކޮށްދޭ އެއްޗެކެވެ.

ނަމަވެސް ހަށިގަނޑުގައި ފެޓް މާ ގިނަވުމަކީ ނުރައްކާތެރި ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. މީގެ ކުޑަ މިންވަރެއް ނުވަތަ "ގުޑް ފެޓް" ހަށިގަނޑަށް މުހިންމު ވަނީ މި ސަބަބާ ހެދި އެވެ. އޭގެ ސަަބަބުން ހަށިގަނޑު ހިންގައި ބަލިތަކުން ވެސް ހަށިގަނޑު ރައްކާތެރިކޮށްދެ އެވެ.

ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން އުފައްދާ ކާބޯތަކެތީގެ އެ ވައްތަރުތަކުގައި ހަށިގަނޑަށް ގެއްލުންވާ މިންވަރަށް ފެޓް އެކުލެވިފައިވެ އެވެ. މީގެ ސަބަބުން ފެޓްގެ ނުރައްކާތެރި މިންވަރެއް ހަށިގަނޑަށް ނެގިއްޖެ ނަމަ ފަލަވުމާއި ލޭގެ ޕްރެޝާ މަތިވުން އަދި ކޮލެސްޓްރޯލް މަތިވުމާއި ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ފެޓްސްގެ ވައްތަރުތަކަށް ބަލާއިރު މި އުޅެނީ ސެޗުރޭޓެޑް ފެޓްސް އާއި އަންސެޗްރޭޓެޑް ފެޓްސް އެވެ. ސެޗުރޭޓެޑް ފެޓް އަށް ވުރެ ހަށިގަނޑަށް ރަނގަޅީ އަންސެޗްރޭޓެޑް ފެޓް އެވެ.

ސެޗުރޭޓެޑް ފެޓް ގޯސްވަނީ އޭގެ ސަބަބުން ހަށިގަނޑުގައި "ބޭޑް ކޮލެސްޓްރޯލް" އުފައްދާތީ އެވެ.

ތަޖުރިބާކާރުން ލަފާ ދެނީ ދުވާލެއްގެ މައްޗަށް 70 ގްރާމުގެ ފެޓުން ފުއްދާލެވިދާނެ ކަމަށެވެ. ފިރިހެނުން ނެގުން ރަނގަޅީ 30 ގްރާމުގެ ސެޗްރޭޓެޑް ފެޓް ކަމަށެވެ. އަދި އަންހެނަކު ނަމަ 20 ގްރާމުގެ ސެޗުރޭޓެޑް ފެޓް ދުވާލަކަށް ނެގުމުން ސިއްހީ ގޮތުން އޭގެ ނޭދެވޭ އަސަރުތަކެއް ނުކުރާނެ ކަމަށެވެ.

"ބަޓަރު ޖެހި ޕާން" ގެ މަގްބޫލުކަން ދިވެހިންގެ މެދުގައި އޮތް މިންވަރަކީ ލަވަ އާއި މިއުޒިކްގެ ތެރެއިން ވެސް މި ކެއުމަށް ތައުރީފު އޮއްސާލާފައިވާ ކަމެވެ.

ބަޓަރަކީ ސެޗްރޭޓެޑް ފެޓް އޭގައި 80 ޕަސެންޓަށް ހިމެނޭ އެއްޗެކެވެ. ނުވަތަ ކޮންމެ ސައިސަމުސާއަކަށް ވާވަރުގެ ފެޓަކީ 30 ކިލޯކެލޮރީސް އެވެ. އެހެންވީމަ ފާނާއި ބަޓަރާ އެކު ހަށިގަނޑަށް އެ ނެގެނީ ފެޓްގެ ނިކަން ބޮޑު މިންވަރެކެވެ. އަދި ބަޓަރުގައި ހިމެނޭ ފެޓްގެ 80 ޕަސެންޓް ސެޗްރޭޓެޑް ފެޓަށްވުމަކީ ވެސް ސިއްހަތަށް ބަލައިގެން މި ބާވަތުގެ ބޭނުން ހިފަން ޖެހޭ ކަމެކެވެ.

ބަޓަރަކީ ފަހުގެ އެއްޗެކެވެ. ހެނދުނުގެ ނާސްތާގައި މިހާުރު ކޮންމެހެން ވެސް ލައްވަން ޖެހޭ ރަހަ އެކެވެ.

ނަމަވެސް ބަޓަރުގެ ބަދަލުގައި މާރިޖީން އިހްތިޔާރުކުރުމަކީ ސިއްހީ ގޮތުން ލުއެއް ލިބިދާނެ ކަމެކެވެ. ބަޓަރާއި މާޖިރީން އަޅާކިޔާއިރު މާޖިރީންގައި ސެޗްރޭޓެޑް ފެޓްގެ ނިސްބަތަކީ 60 ޕަސެންޓެވެ.

ތަޖުރިބާކާރުން ބުނަނީ އޮލިވް އޮއިލް ފަދަ މާއްދާތައް ބޭނުންކޮށްފައިވާ އުފައްދާފައި ހުންނަ މާޖިރީންގެ ވައްތަރުތަކަކީ ބްރެކްފާސްޓްގައި ބަޓަރުގެ މައްޗަށް އިހްތިޔާރުކުރަން ރަނގަޅު އެއްޗެއް ކަމަށެވެ.

މިއީ ނިކަން ތަފާތު ދެ ވައްތަރެއްގެ ދެ ސްނެކެވެ. އެކައްޗަކީ މޭވާ އެކެވެ. އަނެކައްޗަކީ ތައްޔާރީ ކާނާ އެކެވެ. އަހަރެމެންގެ ތެރޭގައި ނިކަން މަޝްހޫރު ހެދިކާ އެކެވެ.

އެވޮކާޑޯ އަށް ބަލާއިރު 150 ގްރާމުގެ އެވޮކާޑޯ ގައި ހިމެނެނީ 29 ގްރާމުގެ ފެޓް އެވެ. އޭގެ ތެރެއިން 20 ގްރާމު ފެޓަކީ ސިއްހަތަށް ރަނގަޅު މޮނޮއަންސެޗުރޭޓެޑް ފެޓެވެ.

މީގެ އިތުރުން އެވޮކާޑޯގައި ވިޓަމިން އޭ، ޑީ، އީ އަދި ކޭގެ އިތުރުން ޕޮޓޭސިއަމް އާއި ވިޓަމިން ސީ އާއި މެގްނީސިއަމް ވެސް ހިމެނެ އެވެ. އަނެއްކޮޅުން ހަށިގަނޑަށް މުހިންމު ފައިބާ ވެސް ވަރަށް ގިނަ އެވެ.

މި ހުރިހައި ސަބަބުތަކަށް ބަލާއިރު އެވޮކާޑޯގެ މައްޗަށް ސޮސެޖުރޯލްސް އަށް ކުރި ހޯދޭނެ ގޮތެއް ނެތެވެ.

ސޮސެޖުރޯލްސް އަކީ ހަގީގަތުގައި ވެސް ސިއްހަތަށް ވަރަށް ގެއްލުން ހުރި ކެއުމެކެވެ. އެކަމަކު ވަރަށް މީރު އަދި އެހާމެ ގިނަ ބައެއްގެ މެދުގައި ނިކަން މަގްބޫލު ވެސް އެއްޗެކެވެ.

މީގެ 103 ގްރާމުގައި 25 ގްރާމުގެ ސެޗުރޭޓެޑް ފެޓް ހިމެނެ އެވެ. ކޮލެސްޓްރޯލް އިތުރުކުރާ ފެޓެވެ. އަދި މީގެ އިތުރުން އާޓިފިޝަލް ފެޓް ވެސް ކޮންމެވެސް މިންވަރަކަށް ހިމެނެ އެވެ.