ދުނިޔެ

ހޮންގްކޮންގް މުޒާހަރާއިން 49 މީހަކު ހައްޔަރުކޮށްފި

ހޮންކޮންގް ސަރުކާރުން ފާސް ކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑިޝަން ބިލް ފާސް ކުރުން ފަސްކުރި ނަމަވެސް އެ ބިލް އަނބުރާ ނުގެންދާތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކުގައި އަމަން ނަގާލާ ފުލުހުންނާ ކުރިމަތިލި 49 މީހަކު ހައްޔަރުކޮށްފި އެވެ.

ހޮންގްކޮންގް ފުލުހުން ބުނީ، މުޒާހަރާ ތެރެއިން ހައްޔަރުކުރި 49 މީހުން މިއަދުގެ ވަގުތެއްގައި ކޯޓަށް ގެންދާނެ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ދިފާއުގައި މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ކޯޓު ދޮށައް ޖަމާވާން ފަށާފަ އެވެ. ފުލުހުންނާ ކުރިމަތިލައިގެން ހައްޔަރު ކޮށްފައި ވަނީ 32 ފިރިހެނުންނާއި، 17 އަންހެނުންނެވެ.

ފުލުހުން އިތުރަށް ބުނީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކުރި މުޒާހަރާއެއްގެ ތެރެއިން ކަމަށްވާތީ ޣައިރު ގާނޫނީ އެއްވުމަކުން އެއްވުމުގެ ދައުވާ ކުރާނެ ކަމަށެވެ. ހޮންގްކޮންގައި ކުރިއަށްދާ މުޒާހަރާތައް ބޮޑަށް އަމާޒު ކޮށްފައި ވަނީ އެކްސްޓްރެޑިޝަން ބިލް އޮތް ގޮތުން ޗައިނާގެ ނުފޫޒު ހޮންގްކޮންގައި ގަދަވާނެ ކަމަށް ބުނެ އެވެ.

އެކްސްޓެރެޑިޝަން ބިލްގައިވާ ގޮތުން ޗައިނާ ސަރުކާރުން އެދިއްޖެ ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބެ އެވެ.

މި ބިލްގައި އިނގިރޭސިވިލާތައި އެމެރިކާގެ އިތުރުން 20 ގައުމެއް ހިމެނޭއިރު އެކަމާ މުޒާހަރާގެ ބައިވެރިން ކަންބޮނޑުވުން ފާޅުކޮށް މުޒާހަރާއެއް ނުކުރެ އެވެ. މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާ މި މުޒާހަރާތަކުގައި މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ. އިއްޔެ އެކަނިވެސް 400،000 އަށްވުރެ ގިނަ މީހުން މުޒާހަރާގައި ބައިވެރިވި އެވެ.