މުވާސަލަތީ ކުންފުނި، މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިދުމަތް ކަމަށްވާ 5ޖީ ގެ ހިދުމަތް ރާއްޖެއަށް މިރޭ ތައާރަފުކޮށްފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއަށް ފުރަތަމަ 5ޖީ އިންޓަނެޓްގެ ހިދުމަތް ތައަރާފުކޮށް އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ ޗެއާޕާސަން އިސްމާއީލް ވަހީދާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއީލް ރަޝީދެވެ.
ދިރާގުގެ 5ޖީ ނެޓްވޯކްގެ ހިދުމަތް ތައާރަފު ކުރި ނަމަވެސް އެ ހިދުމަތް އަދި ލިބޭނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބައެއް ސަރަހައްދުތަކަށާއި، އައްޑޫ ސިޓީ ހިތަދޫގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކަށެވެ.
5ޖީ އިންޓަނެޓްގެ ހިދުމަތް ސަޕޯޓް ކުރާ ޑިވައިސްތައް ގެންގުޅޭ ދިރާގުގެ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޑޭޓާ ޗާޖަކާ ނުލާ އަދި މިހާރު ގެންގުޅޭ ސިމް މެދުވެރިކޮށް ލިބޭނެ އެވެ.
މިރޭގެ ރަސްމިއްޔާތުުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗެއާޕާސަން އިސްމާއީލް ވަހީދު ވިދާޅުވީ މިރެއަކީ ދިރާގުގެ ތާރީހުގައި އަދި ރާއްޖޭގެ ތާރީހުގައި ރަން އަކުރުން ފެވިގެންދާނެ ރެއެއް ކަމަށެވެ. މުއާސަލާތީ އެ ކުންފުނީގެ އުއްމީދު ކުރައްވަނީ ކުރިއަށް އޮތް ތަނުގައި ދިރާގުގެ 5ޖީ ހިދުމަތް އިތުރަށް ފުޅާވެގެން ދިއުމަށެވެ.
"ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނާ ވަރަށް ގާތުން، ކަސްޓަމަރުންގެ ބޭނުންތައް އަޑުއަހަމުން، ހިދުމަތްތައް ބައްޓަން ކުރަމުން ގެންދާ ކުންފުންޏެއް، އެހެންކަމުން އަޅުގަނޑުމެން އުއްމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ކަންކޮޅުތަކަށް އެއްވެސް ތަފާތު ކުރުމެއް ނެތި ލިބޭނެ ގޮތް ވުން،" ޗެއާޕާސަން ވިދާޅުވި އެވެ.
ދިރާގުން ބުނި ގޮތުގައި ދުނިޔޭގެ ފޯނު އުފައްދާ ބޮޑެތި ކުންފުނިތަކާ ގުޅިގެން ރާއްޖޭގެ މާކެޓަށް އެންމެ ފަހުގެ 5ޖީ ސަޕޯޓް ކުރާ ފޯނުތަކާއި ޑިވައިސްތައް ގެނައުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. ރާއްޖޭގައި އެންމެ އަވަހަށް ތައާރަފުވާނެ 5ޖީ ސަޕޯޓް ކުރާ ޑިވައިސްއަކީ މީގެ ދެ ދުވަސް ކުރިން ބާޒާރަށް ނެރުނު ވާވޭ މޭޓް އެކްސް މޯބައިލް ފޯނެވެ.