ރިޔާޒް ރަޝީދު

މެރީޑިއަމުން އެސްޓީއޯއަށް 19 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

Aug 1, 2019
4

ކުރީގެ މަޖިލިސް މެންބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމް ކުންފުނިން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއަށް 19 މިލިއަން ރުފިޔާ ދައްކަން ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ކޯޓުން މެރީޑިއަމްގެ މައްޗަށް މި ހުކުމް ކުރީ އެސްޓީއޯއިން ގަތް ތެލަށްވާ ފައިސާ ނުދައްކައިގެން ފައިސާ ހޯދަން ކުރި ދައުވާއެއްގެ އިސްތިއުނާފު ޝަރިއަތަށްފަހު އެވެ. ކުރީން ސިވިލް ކޯޓްގައި މި މައްސަލަ ނިމުނީ މެރީޑިއަމް ކޮޅަށެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ މެރީޑިއަމުން ތެޔޮ ގަތްކަން އެސްޓީއޯއަށް ސާބިތުކޯށްދެވިފައި ނުވާތީ އެވެ. އެ ހުމުން ކުރި އިރު މެރީޑިއަމާ އެސްޓީއޯ އާ ދެމެދު އެ ކަމާއި ގުޅިގެން ކުރެވުނު މުއާމަލާތްތަކުގެ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް އޭރު އެސްޓީއޯ އިން ވެސް ބުންޏެވެ.

ފަހުން އެ ލިޔުންތައް ފެނިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. އަދި އެ ލިޔުންތައް ޝަރީއަތަށް ވެސް ހުށަހެޅި އެވެ.

އެސްޓީއޯއިން މައްސަލަ އިސްތިއުނާފު ކޯޓަށް ގެންދިއުމުން ފަނޑިޔާރު މުހައްމަދު ފައިސަލާ އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދު ބެއްލެވި މައްސަލާގެ ހުކުމްގައި ބުނެފައިވަނީ އޮގަސްޓް 23، 2010 އިން ފެށިގެން އޮކްޓޫބަރު 28، 2010 އެއްގެ ނިޔަލަށް މެރީޑިއަމަށް ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށް އޮންނަ ތެލަކީ މެރީޑިއަމަށް ކްރެޑިޓަށް ދޫކޮށްފައިވާ ތެޔޮ ކަމަށް ޝަރީއަތަށް ހުށަހެޅި ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ. އެހެންވެ އަގަށްވާ 19 މިލިއަން ރުފިޔާ މެރީޑިއަމުން އެސްޓީއޯއަށް ދެއްކުމަށް އަންގާ ކަމަށެވެ.

މެރީޑިއަމަށް އެސްޓީއޯއިން ފޮނުވާފައިވަނީ 183 އިންވޮއިސްއެކެވެ. އޭގެ ފައިސާގެ އަދަދަކީ 18،949،473.40 ރުފިޔާ އެވެ. އޭގެ ޖޫރިމަނާއަށް އަރާފައިވަނީ 384،198.80 ރުފިޔާއެވެ. ޖުމްލަ 19،333،672 ރުފިޔާ އެސްޓީއޯއަށް މެރީޑިއަމުން ދައްކަން ޖެހެ އެވެ.