އެލައިޑް އިންޝުއަރެންސް

މަޓާޓޯ ޓްރެވެލް އެވޯޑްސްގެ ސްޕޮންސަރަކަށް އެލައިޑް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް އެވޯޑްސް ކަމަށްވާ "މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019" އިގެ ސިލްވާ ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސާ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެލައިޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެލައިޑްގެ ފަރާތުން ސްޕޮންސާ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ. މަޓާޓޯގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ސުއޫދެވެ.

ރަސްމިއްޔާތަށް ފަހު އެލައިޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު ވިދާޅުވީ އެެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ޓްރެވެލް އެވޯޑްސް ވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް އެލައިޑުން ފުރިހަމަ އެއްބާރަލުން ދޭނެ ކަމަށެވެ.

މިއީ އެލައިޑުން ޓްރެވެލް އެވޯޑްސް ޕާޓްނަރެއް ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ އަށް ވަނަ އަހަރެވެ.

މި އަހަރުގެ ޓްރެވެލް އެވޯޑްސްގެ އިވެންޓް އޮންނަނީ ދެ ގިންތިއަކަށް ބާހަލައިގެނެވެ. އެއީ ގާލާ ނައިޓާއި ގެސްޓް ހައުސް އެޑިޝަނެވެ. މޯލްޑިވްސް ޓްރެވެލް އެވޯޑްސް ހަފުލާ ބާއްވަން ފެށީ 2012 ވަނަ އަހަރުން ފެށިގެނެވެ.