ހަބަރު

ފިލަނިކޮށް އިންޑިއާއިން އަދީބު ހައްޔަރުކޮށްފި

ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އެ ގައުމުން ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ޓުޓިކޮރިންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަދީބު އިންޑިއާއަށް ގޮސްފައިވަނީ ޓަގު ބޯޓެއްގައި އެ ބޯޓުގެ ކުރޫއަކަށް ވެގެނެވެ. އެ ބޯޓުގެ ތެރެއިން އަދީބު ހައްޔަރުކުރީ އިންޑިއާ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ އެއްވެސް ފަރާތަކުން އަދި އެއްޗެއް ނުބުނެ އެވެ.

އަދީބު އިންޑިއާއަށް ގޮސްފައިމިވަނީ އޭނާގެ މައްޗަށް ހުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ.

އޭނާގެ ހަބަރެއް ނުވަނީ އިއްޔެ މެންދުރުފަހުން ފެށިގެން ކަމަށް މައުލޫމާތު ލިބެ އެވެ. އިއްޔެ އޭނާ ތަހުގީގީ އިދާރާއަކުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބަޔާން ދިނުމަށް ގަޑި ދެއްވާފައި އެ ގަޑިއަށް ހާޒިރު ނުވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އަދީބު އިންޑިއާއިން ހައްޔަރުކޮށްފައިވާއިރު އޭނާގެ ބައެއް ގާތް މީހުން ވެސް މި ވަގުތު އިންޑިއާގައި ތިއްބި ކަމަށް އެނގިފައިވެ އެވެ. އަދީބު ދަތުރުކުރިކަމަށް ބުނާ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓު މިވަގުތު ޓުޓިކޮރިން ބަނދަރުގައި އޮތް ކަމަށް ދައްކަ އެވެ. ނަމަވެސް، އެ ބޯޓު މިދިޔަ ހޮނިހިރު ދުވަހު ހުޅާމާލެ ބޭރުގައި އޮތް ކަމަށް ދައްކަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް ވެސް އަދީބު، އަނބިކަނބަލުންނާއެކު އިންޑިއާއަށް ވަޑައިގެންނެވި އެވެ. އެއީ އޭނާ އެއްކޮށް މިނިވަންނުވަނީހެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ އައިސް އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.

މީގެ ދެރޭ ކުރިން ރިސޯޓެއްގައި ހުންނެވީ އަދީބު އިންޑިއާއިން ހައްޔަރުކޮށްފައިވާއިރު އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފަ އެވެ. ގިނަ މައްސަލަތަކެއްގައި އަދީބަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު އޭގެ ބައެއް މައްސަލަތަކުގެ ތަހުގީގު މިހާރު ވެސް ކުރިއަށްދެ އެވެ. އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާއިރު އޭގައި އެންމެ ބޮޑު ތުހުމަތެއް ވަނީ އަދީބަށެވެ. މިހާތަނަށް އެ ކޮރަޕްޝަނުން ގެއްލުނު އެއްވެސް ފައިސާއެއް އަނބުރާ ހޯދިފައެއް ނުވެ އެވެ.

މިފަހުން ފަށާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގައި ވެސް އެންމެ ގިނައިން އައިސްފައިވަނީ އަދީބުގެ ނަމެވެ. އަދި އަދީބަކީ އެ މައްސަލާގައި ދައުލަތުގެ ހެއްކެއް ވެސްމެ އެވެ.