ހަބަރު

އިންޑިއާގެ ހިމާޔަތަށް އަދީބު އެދިއްޖެ

އިންޑިއާގެ ހިމާޔަތަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެދިފައިވާ ކަމަށް އޭނާގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ރާއްޖޭން ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް މިއަދު އިންޑިއާގެ ޓުޓިކޮރިން އިން އަދީބު ހިފަހައްޓާފައިވަނިކޮށް އޭނާ ތަމްސީލް ކުރާ "ގަރްނިކާ 37" ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ އަދީބަށް ހިމާޔަތް ހޯދުމަށް އދ. ކަމާބެހޭ އޮފީސްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދީބުގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭން ފިލައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ހައްޔަރުކޮށްފައިވާކަމަށް ބުނެ ފެތުރެމުންދަނީ ސައްހަ ނޫން މައުލޫމާތެއް ކަމަށެވެ.

އަދި އެތަކެއް ސިޔާސީ ދައުވާއެއް އަދީބުގެ މައްޗަށް މީގެ ކުރިން ކުރެވިފައިވާއިރު، މިހާރު އޭނާގެ ފަރާތުން ދޮގު ބަޔާންތަކެއް ހޯދަން ފުލުހުން މަސައްކަތްކުރަމުންދާތީ، އދ. މެދުވެރިކޮށް އިންޑިއާގެ ހިމާޔަތް ހޯދަން އެދިފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ އަދީބުގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ޝަރީއަތްތަކެއް ހިންގައި، ޖަލަށްލާފައިވަނިކޮށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަހަރު ފަހު ކޮޅު އެ ހުކުމްތައް ބާތިލްކޮށްފައި ކަމަށެވެ. ނަމަވެސް، އެ ހުކުމްތައް ބާތިލުކޮށްފައިވީ ނަމަވެސް، އަދީބު ހުރީ ގޭ ބަންދުގައި ބަހައްޓާފައިކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

"އޭގެ ތެރެއިން އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، ބޭސް ފަރުވާ ލިބޭނީ އެއްބަސްވުމެއްގައި ސޮއިކޮށްގެން ކަމަށް ބުނެ އަދީބު ލައްވާ ވަނީ މަޖުބޫރުން އެއްބަސްވުމެއްގައި ސޮއި ކުރުވާފައި،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އަދި އޭގެ ފަހުން ވެސް، މަޖުބޫރުން އިތުރު ލިޔުންތަކެއްގައި ސޮއި ކުރުވައިގެން އޭނާ ނުކުރާކަމަކަށް އިއުތިރާފު ކުރުވުމަށް ފުލުހުން މަސައްކަތްކޮށްފައިވާކަމަށް އަދީބު ވަނީ އެ ބަޔާނުގައި ތުހުމަތުކޮށްފަ އެވެ.

އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ލިބިދޭންޖެހޭ ހައްގުތައް އަދީބަށް ކަށަވަރުކޮށްދިނުމަށް އިންޑިއާގެ ކިބައިން ވަނީ އެދިފަ އެވެ.

އަދި ހިމާޔަތް ހޯދަން ހުށަހެޅި ހުށަހެޅުމާމެދު ވަކިގޮތެއް ކަނޑައެޅެންދެން އަނބުރާ ރާއްޖެއަށް ފޮނުވާނުލައި، އަދީބަށް ރައްކާތެރިކަން ދިނުމަށްވެސް އެ ބަޔާނުގައި އިންޑިއާ ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

އިންޑިއާގެ ހިމާޔަތަށް އަދީބު އެދިވަޑައިގެންފައިވަނީ، އޭނާ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަދީބު ފިލައިގެން ކަނޑު މަގުން ރާއްޖެއިން ބޭރަށް ދަނިކޮށް އިންޑިއާގެ ފުލުހުން ހިފަހައްޓާފައި މިވަނީ، އިއްޔެ މެންދުރުފަހު ތަހުގީގަށް ފުލުހަށް ހާޒިރުވާން އަންގާފައި ވަނިކޮށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށެވެ.

ފުލުހުން ބުނީ އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަދީބު ފިލުވުމުގައި އެހީތެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް އެ ބަޔަކަށް ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އަދީބު އިންޑިއާއަށް ގޮސްފައިމިވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އޭނާގެ ހަބަރެއް ނުވަނީ އިއްޔެ މެންދުރުފަހުން ފެށިގެން ކަމަށް އެނގިފައިވެ އެވެ.

އަދީބު ދަތުރުކުރިކަމަށް ބުނާ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓު މި ވަގުތު އޮތީ ޓުޓިކޮރިން ބަނދަރުގައި ކަމަށް ދައްކަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެ ބޯޓު އޮތް ކަމަށް ދައްކަނީ ހުޅާމާލެ ކައިރީގަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.