ހަބަރު

އަދީބާމެދު އަމަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އދ. އަށް މައްސަލަ ހުށަހަޅަނީ

Aug 4, 2019
3

ނުހައްގުން އަދަބުދޭނެ ކަމުގެ ބިރަށް ރާއްޖެ ދޫކޮށް އިންޑިއާއަށް ދިޔުމުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާމެދު އިންޑިއާއިން އަމަލުކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ އދ. ހުށަހަޅާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ޓަގު ބޯޓެއްގައި ރާއްޖެއިން ފިއްލަވައިގެން އިންޑިޔާއަށް އެތެރެވާން އުޅުމުގެ ތެރޭގައި އަތުލައިގަނެ، އަދީބު މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ. ރޭގެ ވަގުތެއްގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ރާއްޖެ ގެނައުމަށް ދަތުރު ފަށާފައިވާއިރު، މިރޭގެ ވަގުތެއްގައި އޭނާ ރާއްޖެ ގެނެވޭނެކަމަށް ބެލެވެ އެވެ.

އެކަމާ ގުޅިގެން، އަދީބު ތަމްސީލް ކުރާ އިނގިރޭސި ވިލާތުގެ "ގަރްނިކާ 37" ލޯ ފާމުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އދ. ކަމާބެހޭ އޮފީސްތައް މެދުވެރިކޮށް އިންޑިއާގެ ހިމާޔަތަށް އެދިފައިވަނިކޮށް، އޭނާ ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިތުރުން އިންޑިއާގެ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަދީބު ފިލައިގެންދިޔަ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓުގައި އަދީބު ބަހައްޓައިގެން، އޭނާ ހުރީ އިންޑިއާގެ ކަނޑުގެ ސަރަހައްދުން ބޭރުގައިކަމަށް ދައްކަން އިންޑިއާއިން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ބޯޓު ޓުޓިކޮރިން ބަނދަރުގައި އޮތް ކަން ސާފުކޮށް އެނގެން އޮތް ކަމަށާއި، އެހެންކަމުން އަދީބު އޭރު ހުރީ އިންޑިއާގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުގައިކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ގަރްނިކާ 37 އިން އިތުރަށް ބުނި ގޮތުގައި، އަދީބު ބޯޓުގައި ހުރި އިރު އެންމެ ފަހަރަކު ފިޔަވައި ވަކީލުންނާ ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ދީފައިނުވުމުގެ އިތުރުން، އިންޑިއާ ސަރުކާރުންވެސް އެކަމުގައި ސައްހަ މައުލޫމާތު ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

އަދި އިންޑިއާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށުން، އަދީބާއެކު އެ ޓަގު ބޯޓު އިންޑިއާގެ ސަރަހައްދުން ބޭރުކުރުމަށްފަހު ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވުމަކީ އެކަމަށް ބާރުލިބޭ ކަމެއްގެ ގޮތުގައި ވަކީލުން ބުނެފައިވެ އެވެ.

"އަހެރެމެން ގަބޫލުކުރާ ގޮތުގައި، އިންޑިއާއަށް އެތެރެވާން އުޅެފައިވަނީ ގަވައިދާ ހިލާފަށް ނަމަވެސް، ހިމާޔަތަށް އެދިފައިވާ ފަރާތެއްގެ ހުށަހެޅުން ބެލުމަށްފަހު ވަކި ގޮތެއް ކަނޑައެޅެންދެން، އެމީހަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާ ސަރުކާރަށް [ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން] ލާޒިމުކަމެއް،" އެ ބަޔާނުގައި ބުންޏެވެ.

އަދީބުގެ ވަކީލުން ބުނީ ކަނޑުމަގުން އެފަދަ ގޮތަކަށް އަދީބު ފިލަން މަސައްކަތްކޮށްފައިވާކަމީ އޭނާއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު ސިފަވެގެންދާ ކަމެއް ކަމަށާއި، އޭނާގެ މައްޗަށް ކުރިން ކޮށްފައިވާ ހުކުމްތަކުންވެސް އެކަން ސާފުވާއިރު، އޭނާގެ ސަލާމަތަށް ނުރައްކާވާ ގައުމަކަށް އަނބުރާ ފޮނުވާލުމުގައި އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

މިރޭގެ ވަގުތެއްގައި އަދީބު އަނބުރާ މާލެ ގެންނައިރު، ދިވެހިން ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ވަކީލެއްގެ ފުރުސަތުވެސް ނުދީ ކަމަށާއި، އެހެންކަމުން އެ މައްސަލަ އދ. ގެ ސްޕެޝަލް ޕްރޮސީޖާސްގެ އިތުރުން ވާކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށްވެސް އެ މައްސަލަ ހުށަހަޅާނެކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އެހެންނަމަވެސް، އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.