ހަބަރު

އަދީބު މާލެ ގެނެސް، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

އިންޑިއާއަށް ފިލަން ދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާލެ ގެނެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.

އަދީބު މާލެ ގެނެސް، ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިރޭ 10:30 ހާއިރު އެވެ.

އޭނާ ފުލުހަށް ހާޒިރުކޮށްފައިވާއިރު މީގެކުރިން ފުލުހުން ވަނީ އަދީބު ހުރީ ހައްޔަރުކޮށްފައި ކަމަށް ބުނެފަ އެވެ. ނަމަވެސް އިންޑިއާ ސިފައިން އަދީބު، ދިވެހި ފުލުހުންނާ ހަވާލުކުރިތާ 24 ގަޑިއިރު ވެފައިވާއިރު ކޯޓަކަށް ހާޒިރުކޮށް ބަންދު ޖަހާފައި ނުވާތީ އޭނާ ދޫކޮށްލުމަށް އޭނާގެ ޕާޓީއިން ވަނީ ގޮވާލާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ހައްޔަރުކުރާތާ 24 ގަޑިއިރު ތެރޭގައި ގާޒީއެއްގެ ކުރި މައްޗަށް ގެންގޮސް އެމީހެއްގެ ބަންދާމެދު ގޮތެއް ނިންމަންޖެހެ އެވެ.

އަދީބު އިންޑިއާއަށް ޓަގު ބޯޓެއްގައި ފުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް އެކަން ފަޅާއެރީ ބުރާސްފަތި ދުވަހު އިންޑިއާގެ ޓުޓިކޮރިން ބަނދަރާ ބޯޓު ގާތްކުރުމާ ގުޅިގެންނެވެ. އެ ބޯޓުގައި އަދީބު ހުރި ކަމުގެ މައުލޫމާތު އިންޑިއާ ސިފައިންނަށް ދިނީ އެ ބޯޓުގައި ހުރި އިންޑިއާގެ ފަޅުވެރިޔާ އެވެ.

އަދީބު ދަތުރުކުރި ޓަގު ބޯޓަކީ އިންޑޮނޭޝިއާއަށް ހިލަ ބަރުކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަ މަގުމަތީ ރާއްޖޭގައި މަޑުކުރި ބޯޓެކެވެ. އެ ބޯޓުގައި އިންޑިއާގެ އެއް ފަޅުވެރިޔަކާއި އިންޑޮނޭޝިއާގެ އަށް ފަޅުވެރިޔަކު ތިއްބެވެ.

އިންޑިއާ ސިފައިން ވަނީ ޓުޓިކޮރިންގެ ބަނދަރު ބޭރުގައި ބޯޓު ބާއްވައިގެން އަދީބާ ސުވާލުކޮށްފަ އެވެ. އޭނާ އިންޑިއާއަށް އެރިޔަ ނުދިނެވެ. އަދީބު އެ ގައުމުގެ ސިޔާސީ ހިމާޔަތަށް އެދުނު ނަމަވެސް އެކަން އެ ގައުމުގެ ސަރުކާރުން ނުކޮށްދިނެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ. ނަމަވެސް އޭނާ އިންޑިއާއަށް ޓަގު ބޯޓުގައި ދިޔައީ ސުޕްރީމް ކޯޓުން ޕާސްޕޯޓް ހިފަހައްޓާފައި އޮތްވަ އެވެ. އޭގެ އިތުރަށް އޭނާ ފިލައިދާނެ ކަމަށް ސުޕްރީމް ކޯޓުގައި ބަންދު އަމުރަކަށް ވެސް ދައުލަތުން އޮތީ އެދިފަ އެވެ.

އަދީބުގެ ވަކީލުން ވަނީ އަދީބާމެދު އިންޑިއާއިން އަމަލު ކުރި ގޮތް އދ.އަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

އަދީބު ތަމްސީލް ކުރާ އިނގިރޭސި ވިލާތުގެ "ގަރްނިކާ 37" ލޯ ފާމުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އދ. ކަމާބެހޭ އޮފީސްތައް މެދުވެރިކޮށް އިންޑިއާގެ ހިމާޔަތަށް އެދިފައިވަނިކޮށް، އޭނާ ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިތުރުން އިންޑިއާގެ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަދީބު ފިލައިގެންދިޔަ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓުގައި އަދީބު ބަހައްޓައިގެން، އޭނާ ހުރީ އިންޑިއާގެ ކަނޑުގެ ސަރަހައްދުން ބޭރުގައިކަމަށް ދައްކަން އިންޑިއާއިން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ބޯޓު ޓުޓިކޮރިން ބަނދަރުގައި އޮތް ކަން ސާފުކޮށް އެނގެން އޮތް ކަމަށާއި، އެހެންކަމުން އަދީބު އޭރު ހުރީ އިންޑިއާގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުގައިކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ގަރްނިކާ 37 އިން އިތުރަށް ބުނި ގޮތުގައި، އަދީބު ބޯޓުގައި ހުރި އިރު އެންމެ ފަހަރަކު ފިޔަވައި ވަކީލުންނާ ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ދީފައިނުވުމުގެ އިތުރުން، އިންޑިއާ ސަރުކާރުންވެސް އެކަމުގައި ސައްހަ މައުލޫމާތު ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

އަދި އިންޑިއާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށުން، އަދީބާއެކު އެ ޓަގު ބޯޓު އިންޑިއާގެ ސަރަހައްދުން ބޭރުކުރުމަށްފަހު ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވުމަކީ އެކަމަށް ބާރުލިބޭ ކަމެއްގެ ގޮތުގައި ވަކީލުން ބުނެފައިވެ އެވެ.