ހަބަރު

މިހާރު އަދީބު ހުރީ ދިވެހި ސިފައިންގެ އުޅަނދެއްގައި: އިންޑިއާ

Aug 3, 2019
2

ފިލައިގެން އިންޑިއާއަށް ދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުން ދިވެހި ސަލާމަތީ ބާރުތަކާ ހަވާލުކޮށްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރު އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް ދިވެހި ސަރުކާރުގެ ފަރާތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

"ދަ ހިންދޫ"އަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ އަދީބު ޓަގު ބޯޓުގައި ރާއްޖެ އާއި އިންޑިއާގެ ކަނޑު ސަރަހައްދު ގުޅޭ ހިސާބަށް ރޭ އިންޑިއާ ސިފައިން ގެންގޮސްދީފައިވާ ކަމަށެވެ. އަދި އެއަށްފަހު އަދީބު އެރުވީ އެމްއެންޑީއެފްގެ އުޅަނދަކަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އޭނާ މިހާރު ހުރީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޓަގު ބޯޓުގައި އަދީބު ފިލިގޮތް ތަހުގީގު ކުރުމުގެ ބޭނުމަށް އެ ޓަގު ބޯޓާއި އޭގައި ތިބި ނުވަ ފަޅުވެރިން ވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމީހުން އިންޑިއާއަށް ފުރުވާލީ މެޑިކަލް ޗެކަޕެއް ހަދައި ކާބޯތަކެއްޗާ ވެސް އެކުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި މާދަމާ ފަތިހަށް އަދީބު ދަތުރުކުރަމުންދާ އުޅަނދަށް ރާއްޖެ އާދެވޭނެ އެވެ.

އޮފިޝަލް ވަނީ އަދީބު، އިންޑިއާއިން ޑީޕޯޓްކޮށްލި ކަމުގެ ވާހަކަ ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އަދީބުގެ އަތުގައި ސައްހަ ޓްރެވެލް ޑޮކިއުމެންޓެއް ނެތްއިރު އޭނާ އިންޑިއާއަށް އެތެރެވެފައިނުވާ ކަމަށެވެ. އަދި އޭނާ އިންޑިއާއިން ހައްޔަރުކޮށްފައި ވެސް ނުވާ ކަމަށެވެ.

އަދީބާ އިންޑިއާ ސިފައިން ސުވާލުކުރީ އޭނާ ދަތުރުކުރި ޓަގު ބޯޓު ޓުޓިކޮރިންގެ ބަނދަރު ބޭރުގައި ބާއްވައިގެންނެވެ.

އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އެހެންނަމަވެސް، އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.