ހަބަރު

އަދީބު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި މިނިވަންކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާއި، އޭނާ ވަގުތުން މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އަދީބު ފުލުހުންގެ ބެލުމުން ދަށުން މިރޭ މާލެ ގެނައުމަށްފަހު ބަންދަށް 15 ދުވަސް ޖެހުމަށް އެދި ކުރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ. އެކަމަށް މިރޭ ދަންވަރު ބޭއްވި އަޑުއެހުމުގައި ފުލުހުންގެ އައިއޯ ވިދާޅުވީ އަދީބު ބަންދު ކުރުމަށް ބޭނުން ވަނީ ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތްވާ ގައުމުން ބޭރަށް ފިލަން ދިޔުމުން ކަމަށެވެ.

އެ މައްސަލާގެ ތުހުމަތަށް އަދީބު ހައްޔަރުކުރީ ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން ކަމާއި އޭނާއަށް ތުހުމަތުތައް ކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް މައްސަލާގެ އައިއޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަދީބު ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ކުރިން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަމަށެވެ.

އެކަމާ ގުޅިގެން އަދީބު ހުރީ ގާނޫނާ ހިލާފު ހައްޔަރެއްގައި ކަމަށް ވިދާޅުވެ އެކަން އޭނާގެ ވަކީލް މަހުފޫޒު ސައީދު ފާހަގަ ކުރެއްވި އެވެ. މަހުފޫޒު ވިދާޅުވި ގޮތުގައި އެ މައްސަލާގައި ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އަދީބު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.

މަހުފޫޒު އެކަން ފާހަގަ ކުރެއްވުމުން ޝަރީއަތުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެކަން ސާފުކުރަން ސުވާލު ކުރައްވާފަ އެވެ. ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް މަރިޔަމް ޝަހުމާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނުވާތީ އެތަނަށް ރާއްޖޭގެ ކޯޓަކުން ރާއްޖޭގެ ގާނޫނުގެ ދަށުން ނެރެފައިވާ ކޯޓު އަމުރެއް ނުހިނގާނެ ކަމަށެވެ. އެތަނުގައި ހިނގާނީ ބައިނަލްއަގްވާމީ މުއާހަދާތަކާއި ކަނޑުގެ ގާނޫނުތައް ކަމަށެވެ.

މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން އެ މުއާހަދާތަކާއި ގާނޫނުތަކާ ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފުވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ހާލަތުގައި އަމަލު ކުރަން އޮތް ގާނޫނަކީ ބައިނަލްއަގްވާމީ ގާނޫނެއް ކަމުގައިވާ ފްލެޓް ސްޓޭޓް ގާނޫނު ކަމަށެވެ.

އެ ގާނޫނުގައިވާ ގޮތުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދަކުން ގައުމަކަށް މީހަކު ހައްޔަރު ކުރެވޭނީ އެމީހަކު ހުރި އުޅަނދަކީ އެ ގައުމެއްގައި ރަޖިސްޓްރީކޮށްފައި ނުވަތަ އެ ގައުމެއްގެ ދިދަ ނަގާފައިވާ އުޅަނދެއް ކަމުގައިވާނަމަ އެވެ. ފުލުހުންގެ އައިއޯ ވަނީ އަދީބު ހައްޔަރުކުރި އުޅަނދުގައި ނަގާފައިވަނީ އިންޑިއާގެ ދިދައެއް ކަމާއި އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެހެންވެ ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ގާނޫނަކުން ބާރެއް އޮވެގެން ނޫން ކަމަށެވެ. އަދީބު ހައްޔަރުކުރުމުގައި ގާނޫނާ ހިލާފުވެފައިވާ ކަމަށް ދައުލަތުން އެއްބަސްވާ ކަމަށެވެ.

ދައުލަތުން އެކަމަށް އެއްބަސްވުމުން މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދު ހުސެއިން ނިންމީ، އަދީބު ބަންދުން މިނިވަން ކުރުމަށެވެ. ގާޒީ ވިދާޅުވީ މީހަކު ބަންދު ކުރަން ބޭނުންވާއިރު އެންމެ އަސާސީ އެއް ކަމަކީ އޭނާ ހައްޔަރުކުރި ގޮތް ކަމަށެވެ. ހައްޔަރުކުރުން ގޯސް ނަމަ ދެން އެއާ ގުޅިގެން އެހެން އިޖުރާއަތްތަކެއް ނުހިނގާނެ ކަމަށެވެ. އެހެންވެ އަދީބު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގާޒީ ފުލުހުންގެ މައްޗަށް އަމުރު ކުރެއްވި އެވެ.

އަދީބު އިންޑިއާއަށް ޓަގު ބޯޓެއްގައި ފުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް އެކަން ފަޅާއެރީ ބުރާސްފަތި ދުވަހު އިންޑިއާގެ ޓުޓިކޮރިން ބަނދަރާ ބޯޓު ގާތްކުރުމާ ގުޅިގެންނެވެ. އެ ބޯޓުގައި އަދީބު ހުރި ކަމުގެ މައުލޫމާތު އިންޑިއާ ސިފައިންނަށް ދިނީ އެ ބޯޓުގައި ހުރި އިންޑިއާގެ ފަޅުވެރިޔާ އެވެ.

އަދީބު ދަތުރުކުރި ޓަގު ބޯޓަކީ އިންޑޮނޭޝިއާއަށް ހިލަ ބަރުކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަ މަގުމަތީ ރާއްޖޭގައި މަޑުކުރި ބޯޓެކެވެ. އެ ބޯޓުގައި އިންޑިއާގެ އެއް ފަޅުވެރިޔަކާއި އިންޑޮނޭޝިއާގެ އަށް ފަޅުވެރިޔަކު ތިއްބެވެ.

އިންޑިއާ ސިފައިން ވަނީ ޓުޓިކޮރިންގެ ބަނދަރު ބޭރުގައި ބޯޓު ބާއްވައިގެން އަދީބާ ސުވާލުކޮށްފަ އެވެ. އޭނާ އިންޑިއާއަށް އެރިޔަ ނުދިނެވެ. އަދީބު އެ ގައުމުގެ ސިޔާސީ ހިމާޔަތަށް އެދުނު ނަމަވެސް އެކަން އެ ގައުމުގެ ސަރުކާރުން ނުކޮށްދިނެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ. ނަމަވެސް އޭނާ އިންޑިއާއަށް ޓަގު ބޯޓުގައި ދިޔައީ ސުޕްރީމް ކޯޓުން ޕާސްޕޯޓް ހިފަހައްޓާފައި އޮތްވަ އެވެ. އޭގެ އިތުރަށް އޭނާ ފިލައިދާނެ ކަމަށް ސުޕްރީމް ކޯޓުގައި ބަންދު އަމުރަކަށް ވެސް ދައުލަތުން އޮތީ އެދިފަ އެވެ.

އަދީބުގެ ވަކީލުން ވަނީ އަދީބާމެދު އިންޑިއާއިން އަމަލު ކުރި ގޮތް އދ.އަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

އަދީބު ތަމްސީލް ކުރާ އިނގިރޭސި ވިލާތުގެ "ގަރްނިކާ 37" ލޯ ފާމުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އދ. ކަމާބެހޭ އޮފީސްތައް މެދުވެރިކޮށް އިންޑިއާގެ ހިމާޔަތަށް އެދިފައިވަނިކޮށް، އޭނާ ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިތުރުން އިންޑިއާގެ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަދީބު ފިލައިގެންދިޔަ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓުގައި އަދީބު ބަހައްޓައިގެން، އޭނާ ހުރީ އިންޑިއާގެ ކަނޑުގެ ސަރަހައްދުން ބޭރުގައިކަމަށް ދައްކަން އިންޑިއާއިން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ބޯޓު ޓުޓިކޮރިން ބަނދަރުގައި އޮތް ކަން ސާފުކޮށް އެނގެން އޮތް ކަމަށާއި، އެހެންކަމުން އަދީބު އޭރު ހުރީ އިންޑިއާގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުގައިކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ގަރްނިކާ 37 އިން އިތުރަށް ބުނި ގޮތުގައި، އަދީބު ބޯޓުގައި ހުރި އިރު އެންމެ ފަހަރަކު ފިޔަވައި ވަކީލުންނާ ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ދީފައިނުވުމުގެ އިތުރުން، އިންޑިއާ ސަރުކާރުންވެސް އެކަމުގައި ސައްހަ މައުލޫމާތު ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

އަދި އިންޑިއާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށުން، އަދީބާއެކު އެ ޓަގު ބޯޓު އިންޑިއާގެ ސަރަހައްދުން ބޭރުކުރުމަށްފަހު ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވުމަކީ އެކަމަށް ބާރުލިބޭ ކަމެއްގެ ގޮތުގައި ވަކީލުން ބުނެފައިވެ އެވެ.