ހަބަރު

އަދީބު ހައްޔަރުކޮށްފިން: ފުލުހުން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު -- ފޮޓޯ: އަވަސް
45.5%
36.4%
18.2%

ފިލައިގެން އިންޑިއާއަށް ދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަދީބު ހައްޔަރުކޮށްފައިވާކަން ފުލުހުން މިއަދު ކުރި ޓްވީޓަކުން ހާމަކުރީ އިންޑިއާގެ ސަރުކާރުގެ އޮފިޝަލަކު އެކަން އިންޑިއާގެ ނޫސްތަކަށް ކަށަވަރުކޮށްދީފައިވަނިކޮށެވެ.

އިންޑިއާ ސަރުކާރުގެ އެ އޮފިޝަލް ވިދާޅުވެފައިވަނީ ރޭ އަދީބު ޓަގު ބޯޓުގައި ރާއްޖެ އާއި އިންޑިއާގެ ކަނޑު ސަރަހައްދު ގުޅޭ ހިސާބަށް ރޭ އިންޑިއާ ސިފައިން ގެންގޮސްދީފައިވާ ކަމަށާއި އެއަށްފަހު އަދީބު އެރުވީ އެމްއެންޑީއެފްގެ އުޅަނދަކަށް ކަމަށެވެ.

ފުލުހުން މިއަދު ކުރި ޓްވީޓްގައި ބުނީ އަދީބު ހައްޔަރުކޮށް ފުލުުހުންގެ ބެލުމުގެ ދަށުގައި މިހާރު ރާއްޖެ ގެނައުމަށް ދަތުރު ކުރަމުންދާ ކަމަށެވެ.

އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އެހެންނަމަވެސް، އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އަދީބު އިންޑިއާއަށް ފުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއީ މިނިވަން ދުވަހުގެ ޗުއްޓީ ހޭދަކުރުމަށް ފުލުހުންނަށް އެންގުމަށްފަހު ރިސޯޓަކަށް ދަތުރުކުރުމަށްފަހު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުލުހުންނަށް އަދީބު ރާއްޖެއިން ފުރިކަން އެނގުނީ އާދިއްތަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ފުލުހުން ދިޔައީ އިންޑިއާ އަދި ލަންކާއާ ގުޅިގެން އަދީބު ހޯދުމަށް މަސައްކަތް ކުރަމުން ކަމަށްވެ އެވެ.

އަދީބު ދަތުރުކުރި ޓަގު ބޯޓަކީ އިންޑޮނޭޝިއާއަށް ހިލަ ބަރުކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަ މަގުމަތީ ރާއްޖޭގައި މަޑުކުރި ބޯޓެކެވެ. އެ ބޯޓުގައި އިންޑިއާގެ އެއް ފަޅުވެރިޔަކާއި އިންޑޮނޭޝިއާގެ އަށް ފަޅުވެރިޔަކު ތިއްބެވެ. އަދީބު އެ ބޯޓުގައި ހުރިކަން ފަޅާ އަރުވާލީ އިންޑިއާގެ ފަޅުވެރިޔާ އެވެ.

އިންޑިއާ ސިފައިން ވަނީ ޓުޓިކޮރިންގެ ބަނދަރު ބޭރުގައި ބޯޓު ބާއްވައިގެން އަދީބާ ސުވާލުކޮށްފަ އެވެ. އޭނާ އިންޑިއާއަށް އެރިޔަ ނުދިނެވެ. އަދީބު އެ ގައުމުގެ ސިޔާސީ ހިމާޔަތަށް އެދުނު ނަމަވެސް އެކަން އެ ގައުމުގެ ސަރުކާރުން ނުކޮށްދިނެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345