ހަބަރު

ބޭހަށް ގޮސްހުރިއިރު ވެސް ހިމާޔަތް ހޯދަން އަދީބު އުޅުނު

Aug 5, 2019
5

ފުލުހުންގެ ބެލުމުގެ ދަށުން މިދިޔަ ޖޫން މަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ވަޑައިގެން ހުންނެވިއިރު ވެސް، އދ.ގެ ކަމާބެހޭ އޮފީސް މެދުވެރިކޮށް ހިމާޔަތް ހޯދަން މަސައްކަތް ކުރެއްވި ކަމަށް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ޓަގު ބޯޓެއްގައި ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅުމުގެ ތެރޭގައި އަދީބު ވަނީ ޓުޓިކޮރިން ބަނދަރުން ހިފަހައްޓައިފަ އެވެ. އަދި އިންޑިއާގެ ހިމާޔަތަށް އދ. މެދުވެރިކޮށް އެދިފައިވަނިކޮށް، އެގައުމަށް އެތެރެވުމުގެ ފުރުސަތު ނުދީ، ދިވެހި ފުލުހުންނާ ހަވާލުކޮށް އަދީބު ވަނީ ރޭގެ ވަގުތެއްގައި އަނބުރާ ރާއްޖެ ގެނެސްފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

އަދީބާމެދު އިންޑިއާއިން އަމަލުކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އޭނާގެ އަސާސީ ހައްގުތައް ގެއްލޭގޮތަށް ކަމަށް އަދީބު ތަމްސީލް ކުރާ އިނގިރޭސި ވިލާތުގެ "ގަރްނިކާ 37" ލޯ ފާމުން ވަނީ ބުނެފަ އެވެ.

އަދީބުގެ މައްސަލާގައި، އީމެއިލް މެދުވެރިކޮށް އިންޑިއާގެ "ހިންދުސްތާނު ޓައިމްސް" ނޫހަށް އެޓީމުގެ ފަރާތުން މައުލޫމާތު ދެއްވަމުން ޓޯބީ ކެޑްމަންވަނީ އަދީބު ފިލައިގެންދިޔަ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓުގައި ބަހައްޓައިގެން، އަދީބު ހުރީ އިންޑިއާގެ ކަނޑުގެ ސަރަހައްދުން ބޭރުގައިކަމަށް ދައްކަން އިންޑިއާއިން މަސައްކަތްކޮށްފައިވާ ކަމަށް ތަކުރާރުކޮށްފަ އެވެ.

ނަމަވެސް، އެ ބޯޓު ޓުޓިކޮރިން ބަނދަރުގައި އޮތް ކަން ސާފުކޮށް އެނގެން އޮތް ކަމަށާއި، އެހެންކަމުން އަދީބު އޭރު ހުރީ އިންޑިއާގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުގައިކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ގަރްނިކާ 37 އިން އިތުރަށް ބުނި ގޮތުގައި، އަދީބު ބޯޓުގައި ހުރި އިރު އެންމެ ފަހަރަކު ފިޔަވައި ވަކީލުންނާ ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ދީފައިނުވުމުގެ އިތުރުން، އިންޑިއާ ސަރުކާރުންވެސް އެކަމުގައި ސައްހަ މައުލޫމާތު ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ޖޫން މަހު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެން ހުންނެވިއިރު، ހިމާޔަތް ހޯދަން މަސައްކަތް ނުކުރޭތޯ ސުވާލުކުރުމުން، ކެޑަމަން ބުނީ އަދީބަށް ހިމާޔަތް ހޯދަން އދ.ގެ ހައިކޮމިޝަނާ ފޮ ރެފިއުޖީސް (ޔޫއެންއެޗްސީއާރު) އަށް އޭރުވެސް ހުށަހެޅިކަމަށެވެ.

"އެހެންވީމާ، ދިއްލީގައި ހުންނަ ޔޫއެންއެޗްސީއާރުގެ އޮފީހުން އެބަޖެހޭ މިކަމަށް ޒިންމާ ނަގަން. އެތަނުން ފިޔަވަޅު ނޭޅުމުގެ ނަތީޖާއަކީ ގަދަކަމުން ގަވައިދާ ހިލާފަށް އަދީބު އަނބުރާ ރާއްޖެ ގެންދިޔުމުގެ ފުރުސަތު ލިބުން،" ކެޑްމަން އިތުރަށް ބުނެފައިވެ އެވެ.

އެ އިންޓަވިއުގައި ކެޑްމަން ވަނީ އޭނާގެ ލޯ ފާމުން މީގެ ނެރުނު ބަޔާންތަކުގައި ކުރި ތުހުމަތުތައް ތަކުރާރުކޮށްފަ އެވެ. އެގޮތުން، ކަނޑުމަގުން އެފަދަ ގޮތަކަށް އަދީބު ފިލަން މަސައްކަތްކޮށްފައިވާކަމީ އޭނާއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު ސިފަވެގެންދާ ކަމެއް ކަމަށާއި، އޭނާގެ މައްޗަށް ކުރިން ކޮށްފައިވާ ހުކުމްތަކުންވެސް އެކަން ސާފުވާއިރު، އޭނާގެ ސަލާމަތަށް ނުރައްކާވާ ގައުމަކަށް އަނބުރާ ފޮނުވާލުމުގައި އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

އަލްޖަޒީރާއިން "ސްޓީލިންގް ޕެރެޑައިސް" ގެ ނަމުގައި ނެރުނު ޑޮކިޔުމަންޓްރީގައި އަދީބުގެ މައްޗަށް ހިޔާނާތުގެ އެތައް ތުހުމަތެއް ކުރެވޭކަން ނޫސްވެރިޔާ ފާހަގަކުރުމުން، ކެޑްމަން ބުނީ އެ ރިޕޯޓަކީ ޖިނާއީ ތަހުގީގެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން އަދީބަށް ލިބިދޭންޖެހޭ ހައްގުތަކުން މަހުރޫމް ނުކުރެވޭނެ ކަމަށެވެ.

ރޭގެ ވަގުތެއްގައި ރާއްޖެ އަނބުރާ ގެނެސް ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓުން ވަނީ އަދީބު މިނިވަންކޮށްފަ އެވެ. އަދީބު މިނިވަން ކުރަންޖެހުނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ދިވެހި ފުލުހުން ގޮސް އޭނާ ކަނޑުމަތިން ހައްޔަރުކޮށްފައިވާތީކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

ނަމަވެސް، މިއަދު ހެނދުނު ފުލުހުން ވަނީ އަލުން އަދީބު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފަ އެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވެފައިވާ ކަމަށް އަމިއްލައަށް އިއުތިރާފުވެ، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާއެކު އެއްބަސްވުމެއް ހަދާފައިވާކަން ފުލުހުން ރޭ ވަނީ ކޯޓުގައި ބުނެފަ އެވެ.