ހަބަރު

ދިވެހި ފުލުހުންނާ ހަވާލު ނުކުރުމަށް އަދީބުގެ އާދޭސް އިންޑިއާއަށް

ރާއްޖެ އަނބުރާ ފޮނުވާލައިފިނަމަ ނުހައްގު އަދަބު ދޭނެކަމަށް ތުހުމަތުކޮށް، ދިވެހި ފުލުހުންނާ ހަވާލު ނުކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން އިންޑިއާ ސަރުކާރަށް މިއަދު އިލްތިމާސްކޮށްފި އެވެ.

ރާއްޖޭން ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އިއްޔެ އިންޑިއާގެ ޓުޓިކޮރިން އިން އަދީބު ހިފަހައްޓާފައިވަނިކޮށް އޭނާ ތަމްސީލް ކުރާ "ގަރްނިކާ 37" ލޯ ފާމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އދ.ގެ ކަމާބެހޭ އޮފީސްތައް މެދުވެރިކޮށް އިންޑިއާ ސަރުކާރުގެ ހިމާޔަތަށް އެދިފައިވާކަމަށެވެ.

ނަމަވެސް، އެކަމަށް އިންޑިއާ ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، އަދީބު އަނބުރާ ގެންނަން ފުލުހުންގެ ޓީމެއް މިހާރު އިންޑިއާއަށް ދިޔުމުގެ މަގުމަތީ އުޅޭކަމަށާއި، ދިވެހި ފުލުހުންނަށް އަދީބު ހަވާލުކޮށްފިނަމަ ރާއްޖެ ގެނެސް ނުހައްގުން އަމަލު ކުރާނެ ކަމަށް ބުނެ އެ ލޯ ފާމުން ވަނީ މިއަދު އިތުރު ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ރާއްޖެ އަކީ އަދީބު އަށް ރައްކާތެރިކަން އޮތް ތަނެއް ނޫން ކަމަށާއި އަނބުރާ ފޮނުވާލައިފި ނަމަ ފުރާނައަށް ގެއްލުންވެދާނެ ކަމަށެވެ.

އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ލިބިދޭންޖެހޭ ހައްގުތައް އަދީބަށް ކަށަވަރުކޮށްދިނުމަށް ބަޔާނުގައި ވަނީ އެދިފަ އެވެ.

އަދީބުގެ ގާނޫނީ ޓީމުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަދީބު ލައްވާ ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންނާ ދެކޮޅަށް އެގްރިމެންޓެއްގައި ސޮއިކުރުވާފައިވާ ކަމަށެވެ. އަދި އެ އެގްރިމެންޓުގައި ސޮއިކުރައްވަންދެން އަދީބަށް ދޭންޖެހޭ ސިއްހީ ފަރުވާ ނުދީ ސަރުކާރުން ހިފެހެއްޓިކަމަށް ގާނޫނީ ޓީމުން ތުހުމަތު ކުރެ އެވެ. އަދި އެ އެގްރިމެންޓުވެސް އެ ޓީމަށް މިހާރު ލިބިފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ހިމާޔަތް ހޯދަން ހުށަހެޅި ހުށަހެޅުމާމެދު ވަކިގޮތެއް ކަނޑައެޅެންދެން އަނބުރާ ރާއްޖެއަށް ފޮނުވާނުލައި، އަދީބަށް ރައްކާތެރިކަން ދިނުމަށްވެސް އެ ބަޔާނުގައި އިންޑިއާ ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

މި ބަޔާން ނެރެފައިވާއިރު ދިވެހި ފުލުހުން އިއްޔެ ވަނީ، އަދީބު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ފުލުހުން ބުނީ އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަދީބު ފިލުވުމުގައި އެހީތެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް އެ ބަޔަކަށް ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އެހެންނަމަވެސް، އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

އަދީބު ދަތުރުކުރިކަމަށް ބުނާ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓު މި ވަގުތު އޮތީ ޓުޓިކޮރިން ބަނދަރުގައި ކަމަށް ދައްކަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެ ބޯޓު އޮތް ކަމަށް ދައްކަނީ ހުޅާމާލެ ކައިރީގަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.