ރައީސް އަބްދުﷲ ޔާމީން

އިސްތިއުފާ ދޭން ޖެހޭ ވަރަށް މި ސާރުކާރު ފެއިލްވެއްޖެ: ޔާމީން

ސަރުކާރު ދޫކޮށްލަން ޖެހޭ މިންވަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަަރުކާރު ފެއިލްވެފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

"ކޮބައި ނުވިއެއްނު" ނަމުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ގުޅިގެން ކުރިއަށް ގެންދާ އެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖެ ދުށް އެންމެ ބޮޑު އެއް ހާއިނު ކަމަށްވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ދެ މަސް ދުވަސްވަންދެން ލަންކާގެ އެމްބަސީގައި "ފޮރުވައިގެން" ގެންގުޅުމަކީ ސަރުކާރަކުން ކުރި އެންމެ ބޮޑު "ޖަރީމާ" ކަމަށެވެ. އެކަމަށްޓަކައި އެކަނި ވެސް މި ސަރުކާރުގެ ވެރިން ސަރުކާރު ދޫކޮށްލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދުނިޔޭގެ އެއްވެސް ގައުމެއްގައި މިފަދަ ބޮޑު ޖަރީމާއެއް ހިންގާފައި އެ ސަރުކާރު ނުވެއްޓޭނެ ކަމަށް ގަބޫލު ކޮށްގެން ނުވާނެ، ޑިމޮކްރެޓިކް އުސޫލުތައް ގަބޫލު ކުރާ ކަމަށް ވަނީނަމަ މި ސަރުކާރުން އެބަޖެހޭ މި ހިނދުން ހިނދަށް ސަރުކާރު ދޫކޮށްލަން، މިފަދަ ބޮޑު ޖަރީމާއެއް ހިންގައިފިއްޔާ ރައްޔިތުން އެ ސަރުކާރަށް ބަލައެއް ނުގަންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ކަންކަން އޮޅުވާލައި ރައްޔިތުންނަށް ހުވަފެން ދެއްކުމެވެ. އިތުރު އެއްވެސް ކަމެއް މި ސަރުކާރަށް ރައްޔިތުންގެ މަންފާއަށްޓަކައި ނުކުރެވުނު ކަމަށާއި އިގްތިސާދީ ދުވެލި ދަނީ ދުވަހުން ދުވަހަށް ދަށްވަމުން ކަމަށެވެ.

"މި ސަރުކާރުން އެބަ ބުނޭ އަޅުގަނޑުމެންގެ ސަރުކާރަށްވުރެ އިތުރަށް ކަންކަން ކުރެއްވިއްޖެ ކަމަށް، އިތުރީ ހަދާ ދޮގު، އިތުރީ ރައްޔިތުންނަށް ދައްކާ ހުވަފެން، އެއްވެސް ކަމެއް ނުވީއެއް ވެސް ނޫން، އެއްވެސް ކަމެއް ނުވާނެ ކަން އަޅުގަނޑުމެންނަށް މި އެނގުނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތައް ރޭވުމުގެ ގާބިލިއްޔަތު ކަމެއް ވެސް މި ސަރުކާރުގައި ނެތް ކަމަށާއި ވެރިކަމުގެ ފަސް އަހަރު ދައުރު ނިމޭއިރު ވެސް ސަރުކާރުން އެ ބުނާ ތަރައްގީގެ ޕްލޭން ނުފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޕްލޭން ރާވަން ނޭނގިގެން ސަރުކާރުން އަދިވެސް ހޯދަނީ ކުރީ ސަރުކާރުގެ ލިޔެކިޔުންތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު އެއްވެސް ކަމެއް ނުވެގެން މިއުޅެނީ އަޅުގަނޑުމެންގެ ސަރުކާރުން ދެލިކޮޕީއެއް ނުފެނިގެން، އަދިވެސް ވަތްގަނޑުތައް ހާވައި ހޯދަމުން މި ދަނީ އެފަދަ މަޝްރޫއުތައް ހިމެނޭ ފޮތެއް ކުރީ ސަރުކާރުން ބާއްވާފައި އޮތްތޯ، އެ ކަމެއް ވެސް ނުވި، މި އުސޫލުތައް ހިފައިގެން ރައްޔިތުންނަށް މާ ގިނަ ދުވަހަކު ކެތެއް ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައިގެން އައިސްފައިވާ މި ސަރުކާރުން މިހާރު ދައްކަނީ އަލުން އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް އަލުން ތަންފީޒު ކުރާ ވާހަކަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ދެން ވިދާޅުވީ ސަރުކާރުން އިފްތިތާހު ކުރަނީ ވެސް އާ ނަންތަކުގައި ކުރީ ސަރުކާރުން ނިންމާފައިވާ އުމްރާނީ މަޝްރޫއުތައް ކަމަށެވެ.

"އަޅުގަނޑުމެން ފްލެޓްތައް އެޅީމަ މާ ކުދިވެއްޖެ، މިހާރު އުޅެނީ އެ ފްލެޓްތަކަށް ބަދަލު ގެނެސް މުޅިން މި ސަރުކާރުން އެޅި ފްލެޓްތަކަށް ހަދަން، އިހަށް ދުވަހު އެ ގޮތަށް ޕާކެއް ވެސް ހުޅުވައިފި، ރަސްރަނި ބަގީޗާގައި ވެސް އެ އޮތީ ބޮޑު ޕާކެއް ހުޅުވާފައި، ސަލްޓަން ޕާކު ހުޅުވާފައި އެ އޮތީ، ކިހާ ބޮޑެތި މަޝްރޫއުތަކެއްތޯ މި ނިންމާލަނީ،" ސަރުކާރުގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.