ރައީސް އަބްދުﷲ ޔާމީން

"ހޮރުން ނުނުކުންނަ" ސިޔާސީ ލީޑަރުންނަށް ޔާމީންގެ ހަމަލާތައް

ކޮންމެ ފަހަރަކު ގައުމު ހަލާކަށް ދަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލާ ސިޔާސީ ބޮޑުންގެ ސަބަބުން ކަމަށް ވިދާޅުވެ ވެރިކަން ކުރާ ކޯލިޝަންގެ ސިޔާސީ ލީޑަރުންނަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

"ކޮބައި ނުވިއެއްނު" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި އިދިކޮޅު ދެ ޕާޓީގެ އެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ގައުމު ހަލާކުވެ އަނދަޅަށް ދަނީ ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް ދޮގު ވައުދު ވަމުންދާ ސިޔާސީ ބޮޑުންގެ ސަބަބުން ކަމަށާއި އެ ބަޔަކަށް ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށެވެ. އެއީ "ނުރައްކާތެރި" ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެ އިރުވައި މޫސުމެއްގައި ދޮންދޫނި ނުކުންނަ ގޮތަށް ކޮންމެ އިންތިހާބަކާ ދިމާކޮށް ނުކުންނާނެ ސިޔާސީ ބޮޑުންތަކެއް، މިއީ ނުރައްކާތެރި ބައެއް، ގައުމު ފަސާދަ ކުރާ މީހުން، މި މީހުން ދައްކާ ވާހަކަ އަޑުނާހަންވީ މިހާރު، މި މީހުން ދައްކާ ވާހަކަ އަޑުއަހައިގެން ދެކޮޅު ނުޖެއްސޭނެ، ކޮންމެ ފަހަރަކު ދިވެހިރާއްޖެ މި ކަހަލަ އަނދަޅަކަށް ލާނީ މި ބޮޑުންގެ ޓީމު،" އެއްވެސް ބޭފުޅެއްގެ ނަން ވިދާޅު ނުވެ ސަރުކާރު ކޯލިޝަންގެ ލީޑަރުންނަށް ޔާމީންގެ ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ސިޔާސީ ބޮޑުންތައް ބޭނުންވާ ގޮތަށް ދައުލަތުގެ ހުރިހާ މުއައްސަސާއެއް ސިޔާސީކޮށް ނިމިއްޖެ ކަމަށެވެ. އެ ގޮތުން ސިޔާސީ ނުފޫޒުން ބޭރުން އަދުލު އިންސާފު ލިބިދާނެ ކަމާ މެދު ރައްޔިތުން ސުވާލު އުފައްދާ ވަރަށް ޖުޑިޝަރީއާއި މުއައްސަސާތައް ސިޔާސީވެ ނިމިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ މަގާމުތަކަށް ބާލައިރު ވެސް ފެންނަނީ އާއިލީ ވެރިކަމެއްގެ ގޮތުގަ އެވެ. ހުރިހާ މަގާމުތަކެއްގައި ތިއްބެވީ އެ ސިޔާސީ ބޮޑުންތަކުގެ އާއިލީ ބޭފުޅުންނަށް ދީ ނިންމާފައިވާ ކަމަށެވެ. މިހާރު މަސައްކަތް ކުރަނީ މުއައްސަސާތަކުގައި ތިބި މީހުން ވެސް ވަކިކޮށް ވަޒީފާ ހަމަޖައްސައިދެވޭތޯ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

ގައުމު މި ހާލަތަށް ދިއުމުން އެ ކަމުގެ "ކައްފާރާ" ބޮޑުންތައް ދައްކަން ޖެހޭ ކަމަށާއި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިހާރު މިއިން އެއްވެސް މީހަކު ހަރުން ނުކުންނަނީ އެއް ނޫން، ހޮރުން ނުކުމެއްޖެނަމަ އެއްޗެއް ބުނަނީއެއް ވެސް ނޫން، ހަމަ މީހުންގެ ބާތުޑޭތަކުގައި ބާތުޑޭ ކާޑު ދިނުން ފިޔަވައި މި މީހުން ކުރާ ކަމެއް ވެސް ނޫން،" ކޯލިޝަން ލީޑަރުންގެ އަޑެއް ވެސް އިވެމުންނުދާ ކަން ފާހަގަކުރައްވަމުން ރައީސް ޔާމިން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ސިޔާސީ ބޮޑުންގެ ވާހަކަތައް އަޑުއެހުމުގެ ބަދަލުގައި ރައްޔިތުން ވިސްނަންވީ ކަމަކީ ރައްޔިތުންގެ ދިރިއުޅުމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަމާ މެދުގައާއި އެ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނީ ކޮން ސަރުކާރަކުންތޯ ކަމަށެވެ. ޔާމީން ވިދާޅުވި ގޮތުގައި، އެމަނިފާނުގެ ސަރުކާރުގެ ދުވަސްވަރުގައި ރައްޔިތުންނަށް ފެނިގެން ދިޔައީ ތަރައްގީގެ ދުވެލި ކާމިޔާބު ދުވަސްތަކެކެވެ.