އިދިކޮޅު ފަރާތްތައް

ލަތީފު އިދިކޮޅު އެއްވުމުގައި ބައިވެރިވެ، ސަރުކާރަށް ފާޑުކިޔައިފި

ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްލަތީފު މުހައްމަދު މިރޭ ބޭއްވި އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އެއްވުމުގައި ބައިވެރިވެވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މި ސަރުކާރު ގެނައުމަށް ކެމްޕެއިން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ އެއް މެންބަރު ލަތީފު މިރޭގެ އެއްވުމުގައި ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި މި ސާރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށެވެ. ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ބަދަލުގައި ސަރުކާރުން ކުރަނީ ތަހުގީގު ކަމަށާއި އެކަން ކުރަން މުއައްސަސާއެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮބައި ނުވިއެއްނު"ގެ ނަމުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ގުޅިގެން ކާނިވާ ސަރަހައްދުގައި ބޭއްވި އެ އެއްވުމުގައި ވާހަކަ ދައްކަވަމުން ލަތީފު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. އެ ގޮތުން އެމަނިކުފާނުގެ ވެރިކަމުގައި އޭނާ ނިސްބަތްވާ ދިއްދޫއަށާއި އެހެން ރަށްރަށަށް ތަރައްގީގެ އެތައް މަޝްރޫއެއް ހިންގާދިން ކަމަށެވެ.

ރައީސް ޔާމީނަކީ ތަރައްގީގެ ބާނީކަމަށާއި އެމަނިކުފާނު ގެނެސްދެއްވި ތަރައްގީތައް މި ސަރުކާރަށް ނުގެނެސްދެވޭނެ ކަމަށް ލަތީފު ވިދާޅުވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމަނިކުފާނުގެ ވައުދުފުޅުތައް ނުފުއްދެވޭ ކަމަށް ލަތީފު ވިދާޅުވި އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ލަތީފު އިންތިހާބުވެވަޑައިގަތީ އަމިއްލަ ގޮތުންނެވެ. ފަހުން އޭރު ވެރިކަން ކުރި ޕީޕީއެމާ ގުޅިވަޑައިގަތް ލަތީފު ފަހުން އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާތީ ކަމަށް ވިދާޅުވެ އެވެ.

ޕީޕީއެމް ދޫކުރެއްވުމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ވެސް ލަތީފު ހިމެނިވަޑައިގަންނަވަ އެވެ. އެއަށްފަހު އޭނާއަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަނެވުނީ ވެސް ރައީސް ސޯލިހް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން، އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

އެހެން ނަމަވެސް ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންނަށް އެއްވެސް ޕްރައިމަރީއަކާ ނުލައި ސަރުކާރު ކޯލިޝަންގެ ޓިކެޓު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ދިނުމަށް އެމްޑީޕީން ދެކޮޅު ހެދުމުން އޭރުން ފަށައިގެން ލަތީފު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.