ހަބަރު

ބެންގްކޮކްގައި ބޮމުގެ ހަމަލާތަކެއް، ދިވެހިން ސަމާލުވާން އެދިއްޖެ

Aug 2, 2019

ތައިލެންޑްގެ ވެރިރަށް ބެންގްކޮކްގައި ދިން ބޮމުގެ ހަމަލާތަކެއްގައި މިހާތަނަށް ހަތަރު މީހަކު ޒަހަމްވެފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި މިހާތަނަށް ހަ ބޮމެއް ގޮއްވާލާފައިވާކަން ޔަގީންވެފައިވާ ކަމަށެވެ. އަދި ހަމަލާތައް ދީފައިވަނީ ސަރުކާރުގެ އޮފީސްތައް ހުންނަ ސަރަހައްދުތަކުގައިކަމަށް ރިޕޯޓުތައް ބުނެ އެވެ. އާސިއާންގެ ފޮރިން މިނިސްޓަރުންގެ ސަރަހައްދީ ބައްދަލުވުމެއް ކުރިއަށްދާ ވަގުތެއްގައި ދިން ހަމަލާތަކާއެކު އެގައުމުގެ ފުލުހުން ވަނީ ސަލާމަތީގޮތުން އިތުރު ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް، އެ ހަމަލާތައް ދީފައިވަނީ އެ ބައްދަލުވުން ކުރިއަށްދާ އިމާރާތް ކައިރީގައި ނޫން ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

އެ ހަމަލާތަކާ ގުޅިގެން، ބެންގްކޮކްގައި މިހާރު ތިބި ދިވެހިން ސަމާލުވާން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން އަވަސް އަށް ވިދާޅުވީ އެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއްނުވާ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން މިދަނީ އެކަންތައް ވަރަށް ގާތުން މޮނިޓާ ކުރަމުން،" މިއުވާން ވިދާޅުވި އެވެ.

އެ ހަމަލާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާތީ އެ ސަރަހައްދުގައި އުޅޭ ދިވެހިން ޕާސްޕޯޓް ހިފައިގެން އުޅުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އިތުރު ހަމަލާތަކެއް ދީފާނެކަމުގެ ބިރު އޮތުމުން މީހުން ގިނަ ސަރަހައްދުތަކަށް ނުދިޔުމަށް މިނިސްޓްރީގެ އިތުރުން އެމްބަސީން ވަނީ އިލްތިމާސްކޮށްފަ އެވެ.