ވިޔަފާރި

ދެވަަނަ ކުއާޓަރުގައި ދިރާގަށް 210 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

Aug 3, 2019
10

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް 210 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ދިރާގުގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އެޕްރީލް އިން ޖޫން މަހުގެ ނިޔަލަށް އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 210 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 238 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ސާފު ފައިދާ ދަށްވުމުގެ ސަބަބަކީ ޓޫރިޒަމްގެ ލޯސީޒަން ކަމަށްވުމުން ރޯމިންއިން ލިބުނު އާމްދަނީ ދަށްވެފައިވުމެވެ.

މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 710 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ލިބުނީ 708 މިލިއަން ރުފިޔާ އެވެ. މި ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބަކީ ފައިބާ ބްރޯޑްބޭންޑް އިންޓަނެޓާއި އެންޓަޕްރަައިޒް އަދި އެއާ ގުޅުންހުރި ހިދުމަތްތައް ފުޅާވެގެން ގޮސްފައިވުމެވެ.

ދިރާގަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 324.1 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓަރުގައި ހަރަދުވެފައިވަނީ 350.6 މިލިއަން ރުފިޔާ އެވެ. އަދި އެ ކުންފުނިން މި ކުއާޓަރުގައި ޓެކްސްގެ ގޮތުގައި 41.15 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.