ރ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ އެމަރެލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ހުޅުވައިފި އެވެ.
ރ. ފަސްމެންދޫގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގައި 60 ބީޗް ވިލާ އާއި 60 ވޯޓާ ވިލާ ހިމެނޭ ގޮތަށް ޖުމްލަ 120 ވިލާ ހުރެ އެވެ. މި ރިސޯޓަށް އައި ފުރަތަމަ ޓޫރިސްޓަށް ބުރާސްފަތި ދުވަހު ވަނީ މަރުހަބާ ކިޔާފަ އެވެ.
ހިތްގައިމުކޮށް ފަރުމާކޮށްފައިވާ މި ފުރިހަމަ ރިސޯޓުގައި އެކި ފަންތީގެ ވިލާތައް ހުރެ އެވެ. މި ވިލާތަކުގައި ޖަކޫޒީ ހުންނަ ހާއްސަ ވިލާތަކާއި ޕޫލް ވިލާތައް އަދި ސުޕީރިއާ ވިލާތަކުގެ އިތުރުން ޕްރެޒިޑެންޝިއަލް ވިލާތައް ވެސް ހިމެނެ އެވެ.
އެމަރަލްޑް ރިސޯޓު ފަރުމާކޮށްފައިވަނީ ތަފާތު ހަތަރު ރެސްޓޯރެންޓާއެކުގަ އެވެ. މި ރެސްޓޯރެންޓުތަކުގެ ތެރޭގައި ޕީއްޒާ އާއި ޕާސްތާއަށް ހާއްސަ ރެސްޓޯރެންޓެއް އިތުރުން މަސް ފިހެހެދުމަށް ހާއްސަކޮށް ގްރިލް ރެސްޓޯރެންޓެއްވެސް ހިމެނެ އެވެ. އަދި މިތަނުގައި ޓެނިހާއި ފުޓްބޯޅަ ފަދަ ކުޅިވަރުތައް ކުޅެވޭނެ ކޯޓުތަކުގެ އިތުރުން މޫދު ކުޅިވަރުތަކަށް ހާއްސަ ސެންޓަރެއްވެސް ހުރެ އެވެ.
ރާއްޖޭގައި މިހާރު 140 އަށްވުރެ ގިނަ ރިސޯޓު ހިންގަ އެވެ. އަދި 140 ތަނެއްގައި ޓޫރިޒަމް ޕްރޮޕަޓީސް ތަރައްގީ ކުރަމުން ގެންދެ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 12 ރިސޯޓެއް ވަނީ ހުޅުވާފަ އެވެ.