ހަބަރު

ބޭރު މީހުންގެ ވިޔަފާރިތަކަށް ފޮރިން އިންވަސްޓްމަންޓް ހުއްދަ ހޯދާ ބިލެއް

ރާއްޖޭން ބޭރުގެ އެއްވެސް މީހަކަށް ރާއްޖޭގައި ވިޔަފާރިއެއް ކުރުމަށް ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ ދަށުން ހުއްދަ ހޯދަން ޖެހޭ ގޮތަށް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގައި މިހާރު އޮންނަނީ ބިދޭސީ އެއްވެސް މީހަކަށް ރާއްޖޭގައި ވިޔަފާރިއެއް ކުރެވޭނީ ރާއްޖޭގައި ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން، ނުވަތަ ޕާޓްނާޝިޕް ގާނޫނުގެ ދަށުން ޕާޓްނާޝިޕެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެންނެވެ.

އެ ގާނޫނަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑަ) ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުގައި މިހާރު ވެސް އޮންނަ ގޮތަށް އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމުގެ އިތުރަށް ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ ދަށުން ވެސް ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

އެ އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެފައި ވަނީ، ވިޔަފާރި ތަންތަނުން ހިންގާ ވިޔަފާރިތައް ހަރުދަނާ ކުރުމަށާއި ވިޔަފާރި ނަން ރަޖިސްޓްރީކުރުމުގެ އުސޫލުތަކާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ހިންގުމާ ގުޅޭ އެހެން އުސޫލުތައް ވެސް އިތުރަށް ހަރުދަނާ ކުރުމަށެވެ.

ބިދޭސީ އެއްވެސް ފަރާތަކުން ރާއްޖޭގައި ކުރަން ބޭނުންވާ ވިޔަފާރިއަކީ އެހެން ގާނޫނުގެއްގެ ދަށުން ދައުލަތުގެ އެހެން އެއްވެސް އިދާރާއެއްގެ ހުއްދަ ހޯދަން ޖެހޭ ވިޔަފާރިއަކަށްވާނަމަ އެ އިދާރާއަކުން އެ ހުއްދަ ހޯދައި، ފޮރިން އިންވަސްޓްމަންޓް ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ވިޔަފާރި ކުރުމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ހުރިހާ މައުލޫމާތާއެކު، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ފީއަކާއެކު ރަޖިސްޓްރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ. ރަޖިސްޓްރީއަށް ދައްކަން ޖެހޭ ފީގެ މިންވަރު، ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުގައި ބަޔާން ކުރާނެ އެވެ.