ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަން(ސީއައިސީ) އިން ބަލާ މައްސަލަތަކުގައި، ކަސްޓަމްސް ހިންގުމާ ހަވާލުވެ ހުންނަވާ ވަޒީރަށް ދޭ ލަފައާ އެއްގޮތަށް އަމަލު ނުކުރާ ނަމަ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެނައުމުގެ ބާރު އެ ކޮމިޝަނަށް ލިބޭ ގޮތަށް މައްސަލަތައް ބެލުމާ ބެހޭ ގަވާއިދެއް އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.
މިއަދު އަމަލުކުރަން ފެށި އެ ގަވާއިދު ބުނާގޮތުން ސީއައިސީ އިން މައްސަލައެއް ބެލުމަށް ފަހު އެ މައްސަލައެއްގެ ތަހުގީގު ރިޕޯޓާ އެކު އެ ކޮމިޝަނަށް ފެންނަ ގޮތް ބަޔާންކޮށް ކަސްޓަމްސްގެ ކަންކަން ބަލަހައްޓާ މިނިސްޓަރަށް ފޮނުވަންޖެހޭނެ އެވެ. އަދި ކަސްޓަމްސްގެ އުސޫލަކަށް ނުވަތަ ގަވާއިދަށް ބަދަލު ގެންނަން ފެންނަ ނަމަ އެކަމެއް ވެސް މިނިސްޓަރަށް ހުށަހެޅުމުގެ ބާރު އެ ގަވާއިދުގެ ދަށުން ސީއައިސީ އަށް ލިބިދެ އެވެ.
އެގޮތަށް އެ ކޮމިޝަނުން ދޭ ލަފައާ އެއްގޮތަށް މިނިސްޓަރު އަމަލު ނުކުރާ ނަމަ ނުވަތަ އެކަމަށް އެއްބާރުލުން ނުދޭ ނަމަ އެކަން މަޖިލީހުގެ ސަމާލު ކަމަށް ގެނައުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށް އެ ގަވާއިދުގައިވެ އެވެ.
ސީއައިސީގެ ލަފައަށް އަމަލު ނުކުރާ ނަމަ މިނިސްޓަރުގެ މައްސަލަ މަޖިލީހުގެ ސަމާލު ކަމަށް ގެނައުމުގެ ބާރު އެ ކޮމިޝަނަށް ގަވާއިދުން ލިބިދޭއިރު އެހެން ބައެއް ކޮމިޝަންތަކުން މިނިސްޓަރަށް ދޭ ލަފައަށް އަމަލު ނުކުރުމުގެ މައްސަލަތައް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.
އެގޮތުން ފެބްރުއަރީ 8، 2012 ގައި ފުލުހުން އަނިޔާކުރި މައްސަލަތަކާ ގުޅިގެން ބައެއް ފުލުހުން ވަޒީފާއިން ވަކިކުރަން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ހޯމް މިނިސްޓަރަށް ލަފާ ދިނުމުން އެއަށް އަމަލު ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭގެ ތެރެއިން ބައެއް މީހުންނަށް ޕްރޮމޯޝަން ވެސް ދީފައިވެ އެވެ. ކަސްޓަމްސް ވެސް ހިންގަމުން އަންނަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
އެ ގަވާއިދު ބުނާގޮތުން އެ ކޮމިޝަނުން ބަލާނީ ކަސްޓަމްސްގެ ގާނޫނަށް އަމަލުކުރަން ފެށިއިރު ސަރުކާރުގެ އެހެން އިދާރާތަކުގައި ކަސްޓަމްސާ ގުޅޭގޮތުން ހުށަހެޅި، ނުނިމި ހުރި މައްސަލަތަކާއި އެ ގާނޫނު އައި ފަހުން ހިނގި ކަންތައްތަކުގެ ތެރެއިން ދެ އަހަރު ނުވާ މައްސަލަތަކެވެ. ނަމަވެސް ކަސްޓަމްސް އޮފިސަރެއްގެ މައްސަލަ ކޯޓަކުން ބަލަމުންދާއިރު އެ މައްސަލައެއް އެ ކޮމިޝަނަށް ނުބެލޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން އެ ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅިގެން މީހުން ހާޒިރު ކުރުމާއި ހެކި ހޯދުމުގެ އިތުރުން ތަހުގީގު ނިންމުމަށް ފަހު ދައުވާކޮށް ދިނުން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުމުގެ ބާރު ވެސް އެ ކޮމިޝަނަށް އޮވެއެވެ. އަދި އެ ކޮމިޝަނުން ބަލާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ތަހުގީގުގައި ހަނު ހުރުމާއި ވަކީލުންގެ އެހީތެރިކަން ބޭނުން ކުރުމުގެ ހައްގު ވެސް އެ ގަވާއިދުގެ ދަށުން ލިބިދެ އެވެ.
އެ ގަވާއިދު ބުނާގޮތުން އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމާ މެދު ގޮތެއް ނިންމާނީ އެ ކޮމިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ވެސް އެ މައްސަލައަކާ މެދު ގޮތެއް ނިންމާނީ މެމްބަރުންގެ ބައްދަލުވުމެއްގައި ކަމަށް އެ ގަވާއިދުގައިވެ އެވެ.
ސީއައިސީ އަކީ ކަސްޓަމްސް ގާނޫނުގެ ދަށުން އުފެދުނު މިނިވަން މުއައްސަސާ އެކެވެ. ކަސްޓަމްސް އޮފިސަރުން ކުރާ ކުށްތައް ބެލުމާއި ކަސްޓަމްސްގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމުގެ ބާރު އެ ކޮމިޝަނަށް އޮވެއެވެ.