ކުޅިވަރު

ކޮމިޔުނިޓީ ޝީލްޑާއެކު ސިޓީގެ ޓާގެޓް ހަތަރު ތައްޓަށް

މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ލިވަޕޫލްގެ މައްޗަށް ކާމިޔާބު ހޯދައި އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ކޮމިޔުނިޓީ ޝީލްޑް ސިޓީން ކާމިޔާބު ކޮށްފި އެވެ.

މިދިޔަ އަހަރުވެސް، ކޮމިޔުނިޓީ ޝީލްޑް ތަށި ކާމިޔާބު ކުރި ސިޓީން ވަނީ އެ އައްޑަނަ އާއެކު މިދިޔަ އަހަރުވެސް އެ ޓީމުގެ އަމާޒު ހުރީ ޑޮމެސްޓިކް ހަތަރު ތަށި ހޯދުމަށެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ސިޓީންނެވެ. އެ ޓީމުގެ ލަނޑު ރަހީމް ސްޓާލިން ކާމިޔާބު ކުރީ 12 ވަނަ މިނެޓްގަ އެވެ. އޭރު އަދި ލިވަޕޫލްގެ ކުޅުންތެރިންނަށް މެޗުގެ ތެރެއަށް ނުވަދެވެ އެވެ. އެހެންނަމަވެސް ލިވަޕޫލުން މެޗުގެ ތެރެއަށް އެނބުރި އައިސް އެ ޓީމުގެ ކުޅުން ރަނގަޅު ކުރި އެވެ.

ލިވަޕޫލްގެ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ ޖޮއެލް މަޓިޕް އެވެ. އެ ނަތީޖާއިން މެޗު ހަމަހަމަވެ ޕެނަލްޓީގައި ތަރިއަކަށްވީ، ސިޓީގެ ކީޕަރު ކުލައުޑިއޯ ބްރާވޯ އެވެ. އޭނާ އަކީ މިހާރު އެ ޓީމުގެ ދެ ވަނަ ކީޕަރު ނަމަވެސް އަދިވެސް ޕެނަލްޓީ މަތަ ކުރުމުގައި އޭނާ އަކީ އެކްސްޕާޓެކެވެ.

ލިވަޕޫލްގެ ޖޯޖީނިއޯ ވައިނަލްޑަން ޖެހި ޕެނަލްޓީ ބްރޯވޯ ދިފާއު ކުރުންވީ، ސިޓީއަށް މެޗު ކާމިޔާބު ކުރަން ލިބުނު ބޮޑު އެހީ އަކަށެވެ. ސިޓީއަށް މެޗު ކާމިޔާބު ކޮށްދިން ޕެނަލްޓީ ވައްދާލީ ގެބްރިއަލް ޖެސޫ އެވެ.