ކުޅިވަރު

ވޮލީ ކެޕްޓަންކަން ބަޓިސް އާއި ޝައްފަ އަށް

Jul 29, 2015

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަންކަން އައިޝަތު ޝައްފަ އަށް އަދި ފިރިހެން ޓީމުގެ ކެޕްޓަންކަން އިޝާން މުހައްމަދު (ބަޓިސް) އަށް ދީފި އެވެ.

އާދީއްތަ ދުވަހު ރިޔޫނިއަންގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް އޯޝަން ގޭމްސްގައި ވާޑަކުރާ މި ދެ ޓީމުގެ ކެޕްޓަނުންނަށް އެ ޒިންމާ މިއަދު ހަވީރު ހަވާލުކޮށްދެއްވީ ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ ވިންޓަ މުހައްމަދު ޝަރީފެވެ. އޭނާ އަކީ 1979ގައި ރާއްޖެއިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ޓީމުގެ ކެޕްޓަނެވެ.

ޝައްފަ އަކީ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މޮޅު ކުޅުންތެރިއެކެވެ. އަދި މިވަގުތު ޓީމުގައި ހުރި އެންމެ ބާރު ޖެހުންތެރިޔާ އެވެ. ބަޓިސް އަކީ ފިރިހެން ޓީމުގެ ސެޓަރު އަދި ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ.

ރީޔޫނިއަންގައި އޯގަސްޓް މަހުގެ 1 އިން 8 އަށް ބާއްވާ ގޭމްސްގައި ރާއްޖޭން 10 ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އަދި ގޭމްސްގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަރުކާރުގެ ޑެލިގޭޓުން އަދި މީޑިއާއާއެކު، ރާއްޖޭން ކޮންޓިންޖެންޓްގެ އަދަދު 271 އަށް އަރަ އެވެ. މި ގޭމްސް އަށް 16 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާއިރު ނުވަ މެޑައްޔާއި 15 މެޑައްޔާ ދޭތެރެ އަދަދަކަށް މެޑަލް ހޯދުމަށް ރާއްޖެ އުއްމީދު ކުރެ އެވެ.