ވިޔަފާރި

ދެވަނަ ކުއާޓަރުގައި ޓޫރިޒަމަށް ލިބުނު އާމްދަނީ ދަށްވެއްޖެ

Aug 6, 2019

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ ސާވޭގައި ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މި އަހަރުގެ ދެވަނަ ކުއާޓަރު ކުއާޓާލީ ބިޒްނަސް ސާވޭގައިވާ ގޮތުން ޓޫރިޒަމްގެ އޮފް ސީޒަންއާ ދިމާކޮށް ރޫމް ރޭޓްތައް ވަނީ ބޮޑުތަން ދަށްވެފަ އެވެ. ސާވޭގައި ބައިވެރިވި ގިނަ މީހުން ބުނެފައިވަނީ އާމްދަނީ ދަށްވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ރިސޯޓުތަކަށް ޓޫރިސްޓުން އަންނަ ހެއްދި ބުކިންގެ އަދަދު ވެސް ދަށްވެފައިވާ ކަމަށް މި ދާއިރާއިން ސާވޭގައި ބައިވެރިވި 97 ޕަސެންޓް މީހުން ބުނެފައިވެ އެވެ.

މި އަހަރުގެ ކުރިއަށް ހުރި ދުވަސްތަކަށް ބަލާއިރު ތިންވަނަ ކުއާޓަރުގައި ވެސް ޓޫރިޒަމް ސެކްޓާ އަށް ލިބޭ އާމްދަނީ އާއި ބުކިންތައް ދަށްވާނެ ކަމަށް ސާވޭގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވެ އެވެ.

މި ސާވޭގައި ފާހަގަ ކޮށްފައިވާ ގޮތުން މި ދާއިރާ އަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެކަށީގެންވާ ދިވެހި މުވައްޒަފުން ނުލިބުން ހިމެނެ އެވެ. ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ލިބުނު އާމްދަނީ ދަށްވިނަމަވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއަހަރުގެ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމް ސިނާއަތަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ.

އެމްއެމްއޭ ކުއާޓާލީ ބިޒްނަސް ސާވޭކޮށްފައި ވަނީ ޖޫން 25 އިން ޖުލައި 9 އަކަށެވެ. މި ސާވޭގައި ކޮންސްޓްރަކްޝަން ސިނާއަތާއި ޓޫރިޒަމް ސެކްޓާ އަދި މުދާ ވިއްކާ ފަރާތްތަކުން ހިމެނޭ ގޮތަށް 175 ކުންފުންޏަކަށް ސާވޭ ފޯމް ފޮނުވާފައިވެ އެވެ. މި ފަރާތްތަކުގެ ތެރެއިން 95 ޕަސެންޓް މީހުން ވަނީ ސާވޭގައި ބައިވެރިވެފަ އެވެ.