ދުނިޔެ

އެމެރިކާއިން ހަނގުރާމަ ފަށައިފިނަމަ، ވަރަށް ނުރައްކާވާނެ: އިރާން

އެމެރިކާއިން އިސްވެ އޮވެ އިރާނާ ދެކޮޅަށް އަސްކަރީ ހަނގުރާމަ ފަށައިފިނަމަ އެއީ މިހާތަނަށް ކުރެވޭނެ އެންމެ ނުރައްކާތެރި ހަނގުރާމައަށް ވެގެންދާނެ ކަމަށް ބުނެ އިރާނުގެ ރައީސް ހަސަން ރޫހާނީ އެމެރިކާއަށް އިންޒާރު ދެއްވައިފި އެވެ.

އިރާންގެ އިގްތިސޯދު ސަރަހައްދުގައި ހިމެނޭ ހޮރޮމުޒް ކަނޑުއޮޅިން ދަތުރު ކުރަމުންދިޔަ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރަކާއި ޔޫއެއީގެ ޓޭންކަރެއް ހިފެހެއްޓި މައްސަލައިގައި އެމެރިކާއި އިރާނާއި ދެމެދު ވަނީ ގުޅުން ގޯސްވެ ހަނގުރާމައަކަށްދާފަ މޭރުމަކުން ބަހުގެ ހަމަލާތަށް ބަދަލުކޮށްފަ އެވެ. އަދި 2015 ވަނަ އަހަރު ހެދި ނިއްކުލިއާ އެއްބަސްވުމާ އިރާނުން ހިލާފުވުމުގެ އިތުރުން އެމެރިކާގެ ޑްރޯންތަކެއް ވައްޓާލި މައްސަލައިގައި އިރާނަށް ހަމަލާދޭ ފަދަ މޭރުމަކުން އެމެރިކާއިން ވަނީ ވާހަކަ ދައްކާފަ އެވެ.

އެމެރިކާއަށް އިންޒާރު ދެއްވަމުން ރޫހާނީ އިތުރަށް ވިދާޅުވީ، އިރާނާއެކު މަޝްވަރާކުރާނަމަ އެކަން ވާނީ މިހާތަނަށް ކުރެވޭނެ އެންމެ ބޮޑު އަމާންކަމުގެ މަޝްވަރާ ކަމަށާއި، އަދި ހަނގުރާމަ ކުރާނަމަ އެއީ މިހާތަނަށް ކުރެވޭނެ އެންމެ ނުރައްކާތެރި އެންމެ ބިރުވެރި ހަނގުރާމަ ކަމަށެވެ. ރޫހާނީ ވިދާޅުވީ، ހަނގުރާމައަކަށް އެމެރިކާއިން ދާން ބޭނުންނުވާ ކަމަށްވާނަމަ އިރާނަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލަން ޖެހޭނެ ކަމަށެވެ.

ހަނގުރާމަ ފަށަން އުޅޭ ހޮރޮމުޒް ކަނޑު އޮޅިއަކީ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ ކަނޑުގެ މަގެވެ. އިނގިރޭސިވިލާތުން ވެސް ދަނީ އިރާނާ ދެކޮޅަށް ހޮރޮމުޒް ކަނޑުގައި ހަރަކާތްތެރިވާނެ އަސްކަރީ ކޯލިޝަނެއް ހެނދުމުގެ މަސައްކަތް ކުރަމުންނެވެ.

ހޮރޮމުޒް ކަނޑުން ދަތުރުކުރި ތިން ޓޭންކަރު އިރާނުން ވަނީ މިހާތަނަށް ހިފަހައްޓާފަ އެވެ. މިހުރިހާ ޓޭންކަރެއްވެސް ހިފެހެއްޓީ ބައިނަލް އަގްވާމީ ކަނޑު ދަތުރު ކުރުމުގެ ގަވާއިދާ ހިލާފުވުމުން ކަމަށް އިރާނުން ވަނީ ބުނެފަ އެވެ. އިރާނުން ވަނީ ހޮރޮމުޒް ކަނޑުގައި އެހެން ގައުމުތަކުގެ ސިފައިން ތިބުމާ ދެކޮޅަށް މިސައިލް ޓެސްޓުތަކެއްވެސް ކޮށްފަ އެވެ. އަދި އިނގިރޭސިވިލާތުން ކޯލިޝަން ހަދައިގެން ހޮރޮމުޒް ކަނޑު ބަލަހައްޓާނަމަ އެ ސަރަހައްދުގެ އަމާންކަން ގެއްލިގެން ހިގައިދާނެ ކަމަށްވެސް ބުނެފަ އެވެ.