ހަބަރު

ޕާކިސްތާނުން 1.3 މިލިއަން ރުފިޔާގެ ތަކެތި އިސްކަންދަރަށް ހަދިޔާކޮށްފި

އިސްކަންދަރު ސްކޫލުގެ ކުރި އެރުމަށާއި، ތަރަައްގީއަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ޕާކިސްތާނުގެ ސަރުކާރުން އިސްކަންދަރު ސްކޫލަށް ހަދިޔާ ކޮށްފި އެވެ.

އިސްކަންދަރު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާކިސްތާނު ސަރުކާރުން ހަދިޔާ ކުރި ތަކެތި ސްކޫލާ ހަވާލުކޮށްދެއްވާފައިވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް ވަސީމް އަކްރަމް އެވެ. އިސްކަންދަރު ސްކޫލުގެ ފަރާތުން ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ޕްރިންސިޕަލް ހުސެއިން ސައީދު އެވެ.

ޕާކިސްތާނު ސަރުކާރުން އިސްކަންދަރު ސްކޫލަށް ހަދިޔާ ކޮށްފައިވަނީ، ސްކޫލުގެ ހޯލަށް ބޭނުންވާ 55 އިންޗީގެ 16 ޓީވީ އާއި 160 އެގްޒެކިއުޓިވް ޗެއާ، 58 އިންޗީގެ އަށް ޓީވީ، ލެބް ހޯލް އަށް ބޭނުންވާ ތަކެތީގެ އިތުރުން ކޮމްޕިއުޓަރު ސިސްޓަމަކާއި ޒަމާނީ ފެންވަރުގެ ސައުންޑް ސިސްޓަމަކާއި 24 ޔޫޕީއެސް އެވެ. މި ތަކެތީގެ އަގަކީ 1.3 މިލިއަން ރުފިޔާ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވައިސް އެޑްމިރަލް ވަސީމް އަކްރަމް ވިދާޅުވީ، ޕާކިސްތާނުނުން އިސްކަންދަރު ސްކޫލަށް ދިން އެހީއަކީ ދެ ގައުމަކީ ވެސް މުސްލިމް ގައުމަކަށް ވުމުން ދިން އެހީއެއް ކަމަށެވެ. އަދި ރަނގަޅު ތައުލީމީ ޖީލެއް ގައުމެއްގައި ބިނާކުރަން ބޭނުންވާނަމަ، ސްކޫލްތަކުގެ ދަރިވަރުން ޒަމާނީ ޓެކްނެލޮޖީގެ އެހީގައި ކިޔަވަން ޖެހޭ ކަމަށެވެ.

އިސްކަންދަރު ސްކޫލުގެ ފަރާތުން ވަނީ ޕާކިސްތާނު ސަރުކާރުން ދިން އެހީ ފާހަގަކޮށް ސަފީރު ވައިސް އެޑްމިރަލް ވަސީމް އަކްރަމް އަށް ހަދަނީ ފިލާއެއް އަރުވާފަ އެވެ.