ހަބަރު

ދަށު ކޯޓުން ޖޭއެސްސީއަށް ހައިލަމް ވާދަކުރައްވަނީ

Aug 7, 2019

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ ދަށު ކޯޓުތަކުގެ ފަނޑިޔާރުގެ އިންތިހާބަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ކުރިމަތިލައްވައިފި އެވެ.

ޖޭއެސްސީ ގައި އިންނަވާ ދަށު ކޯޓުތަކުން އިންތިހާބުކޮށްފައިވާ މެންބަރުގެ ދައުރު މިމަހު ހަމަވާތީވެ އެ މަގާމަށް ދަށު ކޯޓުތަކުން ފަނޑިޔާރަކު އިންތިހާބު ކުރަން ބާއްވާ އިންތިހާބު އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

ދަށު ކޯޓުން ޖޭއެސްސީގައި އިންނަވާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބަށް ވަގުތު ހަމަވިއިރު ކުރިމަތިލައްވާފައިވަނީ ތިން ބޭފުޅުންނެވެ. ހައިލަމްގެ އިތުރުން ކުރިމަތިލައްވާފައިވަނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަބުދުއްރައްޒާގު މުހައްމަދާއި ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފެވެ.

އެގޮތުން އިލެކްޝަން ކޮމިޝަން (އީސީ) ގެ އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) ގައި މިއަދު ހަވީރު ވަނީ ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބު ކޮށްފަ އެވެ. އެގޮތުން އެއް ނަމްބަރު ކެނޑިޑޭޓަކީ މެޖިސްޓްރޭޓް އަބުދުއްރައްޒާގު މުހައްމަދެވެ. ދެ ނަމްބަރު ކެނޑިޑޭޓަށް ގާޒީ ހައިލަމް، ތިން ވަނަ ނަމްބަރު ލިބިލައްވާފައިވަނީ މެޖިސްޓްރޭޓް އަލީ ޝަރީފެވެ.

އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އިލެކްޝަން ކޮމިޝަންއާ އެވެ. އެކަމާ ގުޅޭ ގޮތުން އީސީގެ ނައިބް ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، އިންތިހާބުގައި ވޯޓް ލުމުގެ ހައްގު 178 ފަރާތަކަށް ލިބިފައިވާ ކަމަށެވެ. އެގޮތުން އީސީ އިން ނިންމާފައިވަނީ ކޮންމެ ސިޓީ އަކާއި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށެއްގައި އެއް ވޯޓް ފޮށި ބެހެއްޓުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ވޯޓް ލުން ކުރިއަށްދާނީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށެވެ. އަދި ވޯޓް ލާން ރަށްރަށުން ވެރިކަން ކުރާ ރަށަށް ދާން ދަތުރުތައް ހަމަ ޖެހިގެންދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވޯޓްގެ ވަގުތީ ނަތީޖާ ވޯޓްލާ ދުވަހު އިއުލާން ކުރެވޭނެ ކަަމަށެވެ. އަދި ދާއިމީ ނަތީޖާ އޭގެ އަނެއް ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

މާލޭގައި ވޯޓް ފޮށި ބެހައްޓަން ނިންމާފައިވަނީ ބާ ޖަމާލުއްދީގައި އެވެ.