ދުނިޔެ

ކަޝްމީރުގެ ހާލަތާމެދު މުސްލިމު ގައުމުތަކުގެ ޖަމިއްޔާއިން ކަންބޮޑުވެފައި

Aug 7, 2019

އިންޑިއާގެ މުސްލިމުންގެ މެޖޯރިޓީ އޮންނަ ކަޝްމީރު ސްޓޭޓަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާ ސަރުކާރުން ނިންމުމާ ގުޅިގެން އެ ސަރަހައްދުގައި އުފެދިފައި އޮތް ބިރުވެރި ހާލަތާމެދު މުސްލިމު ގައުމުތަކުގެ ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ނިންމުމާ ގުޅިގެން، އޯގަނޭޒައިޝޭން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހާއްސަ ގުރޫޕުން ވަނީ ޖިއްދާގައި ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި އެ ބައްދަލުވުމަށްފަހު އެ ޖަމިއްޔާގެ ސެކެރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް-އޮތައިމީން ވިދާޅުވީ އޯއައިސީ އޮތީ ޖަންމު އަދި ކަޝްމީރު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ފަހަތުގައި ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ކަޝްމީރާއި އިންޑިއާގެ އެހެން ސްޓޭޓްތަކާ ދެމެދު އޮންނަ ތަފާތުތަކަށް ބާރު ލިބޭ ގާނޫނޫ އަސާސީގެ 370 ވަނަ މާއްދާ ވަނީ އުވާލައިފަ އެވެ. އެ ނިންމުމަކީ ކަޝްމީރުގައި ދިރިއުޅޭ މުސްލިމުންގެ އާބާދީ މަދުކޮށް، އެ ސަރަހައްދުގައި ހިންދޫންގެ ނުފޫޒު ގަދަ ކުރުމަށް ނިންމި ނިންމުމެއް ކަމަށް ތުހުމަތުކޮށް ގިނަ ގައުމުތަކުން ދަނީ އިންޑިއާ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާވެސް ހިމެނެ އެވެ. އެކަމުގެ ސަބަބުން ކަޝްމީރުގެ ހަމަޖެހުން ގެއްލި ޓެރަރިސްޓް ހަމަލާތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ގައުމުތަކުން ވަނީ ބުނެފަ އެވެ.

އަދި އެ ނިންމުމަކީ އިންޑިއާއަކީ ހިންދޫ ގައުމެއްގެ ގޮތުގައި ހެދުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޭވުމެއް ކަމަށް ވެސް ވަނީ ތުހުމަތުކުރެވިފަ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ޖަންމޫ އެންޑް ކަޝްމީރާށް ދީފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި، އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ. އެ ނިންމުމާއެކު މުޒާހަރާކުރަން ފެށުމުން 10،000 ސިފައިން ކަޝްމީރަށް ފޮނުވައި، އެތަނުގެ މުސްލިމް ސިޔާސީ ލީޑަރުން ވަނީ ސިއްރު ތަނެއްގައި ބަންދު ކޮށްފަ އެވެ. އަދި ހަމަނުޖެހުން ހިންގަފާނެކަމަށް ބުނެ މުވާސަލަތީ ހިދުމަތްތައް ކަނޑާލައި މުޅި ސަރަހައްދުވަނީ އިންޑިއާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ.

އޯއައިސީން އިތުރަށް ބުނި ގޮތުގައި، އދ. އާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް އިންޑިއާ ސިފައިން އެ ސަރަހައްދަށް ފޮނުވައިގެން ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގަމުންދާ ކަމަށެވެ.

އަދި ކަޝްމީރު ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން މަސައްކަތްކޮށް ދިނުމަށްވެސް އޯއައިސީން ވަނީ ގޮވާލައިފަ އެވެ.

އޯއައިސީގެ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ މުސްލިމުންގެ އާބާދީ ބޮޑު 53 ގައުމުގެ ތެރޭގައި ރާއްޖެއަކީ ވެސް މެންބަރެކެވެ. ރާއްޖެ އޯއައިސީއާ ގުޅިފައިވަނީ 1976 ވަނަ އަހަރެވެ. ނަމަވެސް، ކަޝްމީރު މައްސަލާގައި އިންޑިއާ ސަރުކާރުން ނިންމި ނިންމުމުމަކީ އެ ގައުމުގެ އެތެރޭގެ ކަމެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ ވަނީ އުވާލުމަކީ އިންޑިއާގެ އެތެރޭގެ ކަމެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ.

"އަދި ކޮންމެ މިނިވަން މުސްތަގިއްލު ގައުމަކަށް އެ ގައުމެއްގެ ގާނޫނުތައް ބަދަލުކުރަންޖެހޭ ހާލަތެއްގައި އެކަން ކުރުމުގެ ހައްގު އޮންނާނެކަމަށް ގަބޫލުކުރަން،" ފޮރިން މިނިސްޓްރީން ނެރުނު ދެ ފޮޅުވަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.