ހޮނިހިރު ދުވަހު ރިޔޫނިއަންގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓްގެ ދިދަ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ދީފި އެވެ.
އޭނާ އަށް ދިދަ ދިނުމަށް ނިންމީ މި ގޭމްސްގެ ދިދަ ދޭނެ އެތްލީޓަކު ހޮވަން ބޭއްވި އެސްއެމްއެސް މުބާރާތުން އެއްވަނަ ލިބުމުންނެވެ. ސާއިދަށް ރާއްޖެ ދިދަ ހަވާލުކޮށްދެއްވީ ގޭމްސް އަށްދާ ދިވެހި ކޮންޓިންޖެންޓް (ޓީމް މޯލްޑިވްސް) އާ ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ބައްދަލުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނެވެ.
ރީޔޫނިއަންގައި އޯގަސްޓް މަހުގެ 1 އިން 8 އަށް ބާއްވާ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތްލީޓުންގެ ތެރެއިން ރަންމެޑަލް ހޯދުން އެންމެ ގާތް އެތްލީޓަކީ ވެސް އޭނާ އެވެ. އޭނާ އަކީ ޗައިނާގެ ވޫހާންގައި މި އަހަރު ޖޫން މަހު ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ވާދަކޮށް ގައުމީ ރެކޯޑް އާކޮށްފައިވާ އެތްލީޓެކެވެ. ކުރިން ވެސް އޭނާގެ އަތުގައި އޮތް މި ރެކޯޑް އެ ރޭހުގައި އޭނާ އާ ކުރީ 21.19 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރީގެ ރެކޯޑަކީ 21.20 ސިކުންތެވެ.
2000 ވުރެ އެތްލީޓުން ވާދަކުރާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިވެހި ކޮންޓިންޖެންޓް ފުރާނީ މިއަދު މެންދުރު އެވެ. މި ގޭމްސްގައި ރާއްޖޭން މިފަހަރު 10 ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އަދި ގޭމްސްގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަރުކާރުގެ ޑެލިގޭޓުން އަދި މީޑިއާއާއެކު، ރާއްޖޭން ކޮންޓިންޖެންޓްގެ އަދަދު 271 އަށް އަރަ އެވެ. މި ގޭމްސް އަށް 16 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާއިރު ނުވަ މެޑައްޔާއި 15 މެޑައްޔާ ދޭތެރެ އަދަދަކަށް މެޑަލް ހޯދުމަށް ރާއްޖެ އުއްމީދު ކުރެ އެވެ.
ނަމަވެސް ރައީސް ވަނީ ބަލިވެގެންނުވާނެކަން ކުޅުންތެރިންނަށް ވިސްނައިދެއްވައި 15 ނުވަތަ 20 މެޑަލް ހޯދުމަށް އެދިވަޑައިގެންފަ އެވެ.
"މި އުފާވެރި މިނިވަން ފަންސާހުގެ ތެރޭގައި އިންޑިއަން އޯޝަން ގޭމްސް އަށް ގޮސްގެންވެސް ބޭނުންވަނީ އުފާވެރިކަން. ތިޔަކުދިން މި ކާމިޔާބީ ހޯދައިފިނަމަ ސަރުކާރުން ވެސް އެކަން ބަލައިގަންނާނަން. އިނާމް ދޭނަން. ބޯނަސް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.