ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު ހަތަރު އަހަރުތެރޭ 41 ޕަސެންޓަށް މަދުވެފައިވާ ކަމަށް ސާވޭ އިން ދައްކައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ ދައްކާ ގޮތުން ރާއްޖޭން ބޭރަށް ދަތުރުކުރާ މައިގަނޑު މަގުސަދަކީ ބޭސް ފަރުވާ އަށް ކަމަށްވީނަމަވެސް ދަތުރުކުރާ މީހުންގެ އަދަދު 2015 އިން 2018 އަށް ބަލާއިރު ވަނީ ބޮޑުތަން ދަށްވެފަ އެވެ.
މި ސާވޭގެ ނަތީޖާ ދައްކާގޮތުން ބޭސްފަރުވާ އަށް ދަތުރުކުރި ދިވެހިންގެ ނިސްބަތް ވަނީ 58 ޕަސެންޓުން އިން 41 ޕަސެންޓަށް އަށް ދަށްވެފަ އެވެ.
ނަމަވެސް، ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ބޭސްފަރުވާ އަށް ދަތުރުކުރާ ދިވެހިން ރާއްޖެ އިން ބޭރުގައި ހޭދަކުރާ ފައިސާގެ އަދަދު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ސާވޭ ނަތީޖާ ދައްކާގޮތުން ކޮންމެ ދަތުރުވެރިޔަކު އެވެރޭޖްކޮށް 878 ޑޮލަރު ހޭދަކޮށްފައިވެ އެވެ. މިއީ 2015 ވަނަ އަހަރު ހޭދަކުރި 683 ޑޮލަރާ އަޅާބަލާއިރު 29 ޕަސެންޓް އިތުރު އަދަދެކެވެ.
ބޭސްފަރުވާ އަށް ދަތުރުކުރާ ދިވެހީން ރާއްޖެ އިން ބޭރުގައި އާންމު ގޮތެއްގައި ހޭދަކޮށްފައި ވަނީ ގާތްގަނޑަކަށް ދެ ހަފްތާއެވެ. ދިވެހީން އެންމެ އާންމުކޮށް ދަތުރުކުރާ ދެ ގައުމު ކަމުގައިވާ އިންޑިއާ އަދި ސްރީ ލަންކާގައި ބޭސްފަރުވާ އަށް ހޭދަކުރި މުއްދަތަށް ބަލާއިރު، ފާއިތުވެދިޔަ ހަތަރު އަހަރު އެވްރެޖުކޮށް އިންޑިޔާގައި 15 ދުވަސް ހޭދަ ކޮށްފައިވީއިރު ސްރީ ލަންކާގައި ހޭދަކޮށްފައިވަނީ އެވްރެޖުކޮށް 12 ދުވަހެވެ.
އެމްއެމްއޭއިން 2018 ވަނަ އަހަރުގެ އޮފް-ޕީކް އަދި ޕީކް ސީޒަން ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި 7 ދުވަހުގެ މުއްދަތަކަށެވެ. މިގޮތުން އޮފް-ޕީކް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ 13 ޖުލައި އިން 20 ޖުލައި 2018 އަށެވެ. އަދި ޕީކް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ 24 ޑިސެންބަރު އިން 30 ޑިސެންބަރު 2018 އަށެވެ. ދެ ސެޝަން އަކަށް ބަހާލެވިގެން ކުރިއަށް ގެންދިޔަ މި ސާވޭ ކުރުމުގައި މި އޮތޯރިޓީގެ އެކި ޑިވިޝަންތަކުގެ ބޭފުޅުން ބައިވެރިވެފައިވެ އެވެ. އަދި 2017 ވަނަ އަހަރެކޭ އެއްގޮތަށް 2018 ވަނަ އަހަރު ވެސް ސާވޭ ކޮށްފައި ވަނީ ދަތުރުވެރިންނާ ބައްދަލުކޮށް ސުވާލުކޮށްގެން އޮންލައިންކޮށް ފޯމެއް ފުރައިގެންނެވެ.