ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އިނގިރޭސި ޕްރިމިއާ ލީގަށް އަލުން ޕްރޮމޯޓްވި ނޯވިޗް ސިޓީގެ މައްޗަށް 4-1 ގެ ނަތީޖާއަކުން، ފަސޭހަ މޮޅަކާއެކު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގް ފަށައިފި އެވެ.
ޔޫރަޕްގެ އެންމެ ފަހު ޗެމްޕިއަން ލިވަޕޫލުން ނޯވިޗް ސިޓީއާ ދެކޮޅަށް އެންފީލްޑްގައި ކުޅުނު މެޗުގެ ހަތް ވަނަ މިނެޓްގައި ލިވަޕޫލް ވަނީ ލީޑް ނަގާފަ އެވެ. އެއީ ލިވަޕޫލްގެ ޑިވޯކް އޮރިޖީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ނޯވިޗްގެ ތަޖުރިބާކާރު ޑިފެންޑަރު ގްރޭންޓް ހާންލީ ދިފާއު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
ޖަރުމަންގެ ކޯޗް ޑަނިއަލް ފާކަ 2017 ވަނަ އަހަރު ނޯވިޗްގެ ކޯޗް ކަމާ ހަވާލުވެގެން، އޭނާ ވަނީ މުލީން އާ ޓީމެއް ބިނާ ކޮށްފަ އެވެ. އެ ބަދަލާއެކު އާ ކުޅުންތެރިން ޓީމަށް ގެނައިރު އޭރުން ސުރެ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން މިހާރު ތިބި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ ގްރޭންޓް ހާންލީ އެވެ.
ލިވަޕޫލްގެ ދެ ވަނަ ލަނޑު މުހައްމަދު ސަލާހް ކާމިޔާބު ކުރީ، މެޗުގެ 19 މިނެޓްގައި ރޮބާޓޯ ފިރުމީނޯ އާއި ދެ ކުޅުންތެރިން ކޮމްބިނޭޝަން ބޭނުން ކޮށްގެން އުފެއްދި ފުރުސަތުގަ އެވެ. ސާލަހް އަށް ލިބުނު ބޯޅަ ގޯލްގެ ތިރީ ކަނަށް ވައްދާލީ ނޯވިޗްގެ ޑިފެންސްގެ ތެރެއިންނެވެ.
ލިވަޕޫލްގެ ތިން ވަނަ ލަނޑު ޓީމުގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ކާމިޔާބު ކުރީ މެޗުގެ 28 ވަނަ މިނެޓްގައި މުހައްމަދު ސަލާހް ނަގައިދިން ކޯނަރެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެ ބޯޅަ ވައްދާލީ ގޯލްގެ މަދަށެވެ.
ލިވާޕުލްގެ ކީޕަރު އެލިސަން ބެކާ އަށް ލިބުނު އަނިޔާއެއްގައި އޭނާ ބަދަލު ކުރަން ޖެހުނެވެ. އޮފް ސީޒަންގައި ބްރެޒިލްގެ ގައުމީ ޓީމާއެކު ކޮޕާ އެމެރިކާ މުބާރާތުގައި ވާދަކޮށް މުޅި އޮފް ސީޒަންގައިވެސް އެލިސަން ފެނުނީ ބިޒީ ކޮށެވެ. ލިވަޕޫލްގެ ކޯޗް ކްލޮޕް ވަނީ ކުރިންވެސް ސީޒަން ކަލަނޑަރު އޮތް ގޮތުން އެކަމުގެ ގެއްލުން ކުޅުންތެރިންނަށް ކުރިމަތިވާނެ ކަމަށް ބުނެފަ އެވެ.
އެލިސަންގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވީ ބެކު ޖަހަން އުޅުމުގެ ތެރޭގައެވެ. ބޯޅަގައި އޭނާ ޖެހި ވަގުތު އޭނާ ވެއްޓުނެވެ. ބަދަލުގައި ކުޅެން އެރީ މި ސީޒަންގައި ލިވަޕޫލާ އަލަށް ގުޅުނު ވެސްޓަހަމްގެ ކޫރީގެ ކީޕަރު އެޑްރިއަން އެވެ.
ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ޑިވޯކް އޮރިޖީ ކާމިޔާބު ކުރީ އެލެކްޒެންޑާ އާނޯލްޑް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗު ފެށުމުގެ ކުރިން، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ވަނީ، އޭނާ އާ އެއް ގައުމަކަށް ނިސްބަތްވާ ޑަނިއަލް ފާކަ، ނޯވިޗްގައި ކޮށްފައިވާ މަސައްކަތަށް މަރުހަބާ ކިޔާފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު، ނޯވިޗް ރެލީގޭޓު ވެ އޭގެ ތިން އަހަރު ފަހުން، މިދިޔަ ސީޒަންގައި ޗެމްޕިއަންޝިޕް ކާމިޔާބު ކޮށް ނޯވިޗަށް އަލުން ޕްރިމިއާ ލީގަށް އާދެވުނީ ފާކަ ގެނެސްފައިވާ ބަދަލުތަކުގެ އެހީގަ އެވެ. ޓީމު ބަދަލު ކުރުމުގެ އިތުރަށް އޭނާ ވަނީ އެޓޭކިން މައިންޑްގެ ފުޓްބޯޅައެއް ނޯވިޗްގެ ކުޅުމަށް ގެނެސް ދީފަ އެވެ.
އެކަން ދެ ވަނަ ހާފުގައި ވަރަށް ރަނގަޅަށް ފެނިގެން ދިޔަ އެވެ. ދެ ވަނަ ހާފުގައި ނޯވިޗްގެ ހަމަލާތައް ވަރުގަދަ ކުރި އެވެ. ނޯވިޗްގެ ލަނޑު، ޓީމޫ ޕުކީ ކާމިޔާބު ކުރީ އިމޯ ބުންޑިއާ ތަނަވަސް ކޯށްދިން ފުރުސަތަކުންނެވެ. ޕްރިމިއާ ލީގްގައި މުޅިން އަލަށް ވީއޭއާރު ބޭނުން ކުރަން ފެށި ސީޒަންގެ ފުރަތަމަ މެޗުގައި، ލިވަޕޫލްގެ ޑިފެންޑަރުން ތިބީ ޕުކީ އޮފްސައިޑް ވާނެ ކަމަށް ބަލަހައްޓައިގެންނެވެ.