އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޕޮމިސް ކަޕްގައި ބައިވެރިވުމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުންދާ މެލޭޝިއާގެ ޕީޑީއާރްއެމް ބައިވެރިވުމަށް ދިން ދައުވަތު ޕީޑީއާރްއެމް އިން ގަބޫލްކޮށްފި އެވެ.
"ޕޮމިސް ކަޕްގައި ބައިވެރިވުމަށް ދިން ދައުވަތު ޕީޑީއާރްއެމް އިން ގަބޫލްކުރިކަން އުފަލާއެކު އިއުލާންކުރަން،" ދަގަނޑޭ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ. "ގިނަ ދުވަސްތަކަކަށް ފަހު ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުސަތު ލިބުނީތީ އުފާކުރަން. މުބާރާތުގައި ކުޅުމަށް ޕީޑީއާރްއެމް ޖެނުއަރީ 21 ވަނަ ދުވަހު ފުރާނެ. ދިވެހި ރައްޔިތުންނަށް އާ އަހަރުގެ ތަހުނިޔާ ކިޔަން."
މިދިޔަ އަހަރު މެލޭޝިއާ ޕްރިމިއާ ލީގު (ދެވަނަ ޑިވިޝަން)ގެ ޗެމްޕިއަންކަން ހޯދައި މެލޭޝިއާ ސުޕަ ލީގު (ފުރަތަމަ ޑިވިޝަން) އަށް ކޮލިފައިވި ޕީޑީއާރްއެމް އިން ވަނީ އަންނަ ސީޒަންގެ ތައްޔާރީތައް މިހާރު ފަށައިފަ އެވެ. އެގޮތުން އެ ކްލަބުން ވަނީ ހޮންކޮންގައި ޓްރެއިނިން ކޭމްޕެއް ވެސް ފުރިހަމަކޮށްފަ އެވެ. އަންނަ އަހަރުގެ މެލޭޝިއާގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހު އެވެ.
މި އަހަރު މެލޭޝިއާގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ޕީޑީއާރްއެމް މެލޭޝިއާގެ ފުރަތަމަ ޑިވިޝަން ޕްރޮމޯޓްކޮށްދިނުމުގައި ދަގަނޑޭ މުހިންމު ރޯލެއް އަދާކުރި އެވެ. މީގެ އިތުރުން މެލެޝިއާގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލާއި މެލޭޝިއާ ކަޕްގެ ސެމީ ފައިނަލާ ހަމައަށް ޕީޑީއާރްއެމް ގެންގޮސްދިނުމުގައި ދަގަނޑޭ ހިއްސާބޮޑެވެ.
ރާއްޖޭން ބޭރުން ކްލަބުތައް ގެނެސްގެން ކުރިން ބާއްވަމުންދިޔަ ޕޮމިސް ކަޕް 2004 ވަނަ އަހަރުގެ ފަހުން ބާއްވާފައެއް ނުވެ އެވެ. ޕޮމިސް ކަޕް އެފްއޭއެމް އިން އަލުން ބާއްވަނީ ރާއްޖޭގެ ކްލަބު ފުޓްބޯޅަ އަށް އަންނަ އަހަރުން ފެށިގެން ގެންނަން ނިންމާފައިވާ ބޮޑެތި ބަދަލުތަކުގެ ތެރެއިންނެވެ.
ޕޮމިސް ކަޕްގައި އަންނަ އަހަރު ވާދަކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާ އަދި ބިދޭސީ ދެ ކްލަބެވެ. އެފްއޭއެމްް އިން ޕޮމިސް ކަޕްގައި ސިންގަޕޫރުގެ 23 އަހަރުން ދަށުގެ ޓީމު ބައިވެރިކުރުމަށް މަޝްވަރާ ކުރަމުންދާ ކަން ވަނީ އެނގިފަ އެވެ.