ވާހަކަ

ބޭނުންވަނީ ޔާރާ

( 7 އޯގަސްޓް 2019 އާ ގުޅޭ)

"ހާދަ އަވަހަކަށް އެއައީ ގެއަށް، ބުނީމެއްނު ދާދި ދެންމެއަކުއޭ ދިޔައީ.........ބުނަން، ތިވީ ރަނގަޅަށް އެނގޭ، އެމަންހާ މިހާރު ހަދާނެގޮތެއް ނޭގިގެން ބޯގޮވަނީއެ، ހަމަ ރަނގަޅު........މޮޔަކޮއްލާ، އަހަރެންގެ ފްރެންޑެއް ހުންނާނެ ހޮސްޕިޓަލުގަ، ޑޮކްޓަރެއް............އޭނައަށް ގުޅާލަނިކޮށް މަންހާ ގުރައިދޫއަށް ފޮނުވާލަން ހަމަޖައްސާލަފާނެ، އެކަމަކު ކުޑަ ރުފިޔާކޮޅެއް ބޭނުންވާނެ...........ބޮޑުކަމެއްވީމަ އޭނަ ހިލެއަކުކޮއްދޭނެ ހެނެއް ހިއެއްނުވޭ" ފޯނުން ފަލަކް ބުނެލިއެވެ.

"ރުފިޔާ ލިބިދާނެ، ދޮންތަ އެކަމާ ހާސްނުވޭ، އޭނައަށް ގުޅާފަ ބަހައްޓާ..........އަހަރެން މިކޮޅުން މަންހާއަށް ނޭވާލާނެ ފުރުޞަތެއްވެސް ނުދޭނަން، އޭނައަށް ޖެހޭނީ މިގޭންދާން..........އޭ ދެން ބޭއްވީ ފޯނު، ދާއިން އައިސް ވަދެދާނެ ކޮންމެ އިރަކުވެސް...........އެއުޅޭ ޒައުލް ހުންނަނީ ފާޑަކަށް، ދާއިންވެސް ނޫޅޭ އެމަންހާ ގަނޑު ދޫކޮއްލާކަށް، އަހަރެން ދައްކާ ވާހަކަ އަޑުއަހަން މިހާރު ބޭނުންނުވާހެން ހީވަނީ" ޒާރާ ރުންކުރުގޮތަކަށް ބުނެލިއެވެ.

"އަޅާލާނެ ކަމެއްނެތް، މަންހާ ފޮނުވާލެވުނީމަ ދެން ހަނދާންނެތިދާނެ އޭނަގެ މަތިން، އޭރުން ދާއިންއަށްވެސް އުޅެވޭނީ އޭނަގެ ކައިރީގަ ހުންނަ މީހަކާ ހެދިގެން، އޭރުން ދަރިފުޅުވެސް އޮންނާނީ ޒާރާގެ އަތުގައެއްނު.........އޯކޭ.........ބާއި، ބޮޑުކަމެއް ހިނގައިފިއްޔާ ގުޅައްޗޭ" ފަލަކް ފޯނުކަނޑާލިއެވެ. ޒާރާ އަވަސް އަވަހަށް ފަލަކްގެ ކޯލު ނިމުމާއިއެކު ދާއިންއަށް ގުޅާލިއެވެ. ދާއިން ފޯނު ބިޒީކޮއްލީއެވެ. ދެތިންފަހަރަށް ގުޅީމަވެސް ފޯނެއްނުނެގިއެވެ.

"އަހަރެން ދެން ކިހިނެއް ހަދަންވީ" ގޮތްހުސްވެ ކުރެވުނު ކަންތައްތަށް ހިތަށްއަރާ ދެރަވެފައި އިން ދާއިން ޒައުލްގެ ގާތުން އަހާލިއެވެ.

"އަހަންނަށް ތިކަމަށްދޭނެ ޖަވާބެއް ސީދާ ނޭގެ، އެކަމަކު ދާއިން މަންހާ އާއި ވާހަކަދައްކަން މަސައްކަތްކުރޭ، އަހަރެން ފަހުން ވާހަކަ ދައްކާ ދައްކާވެސް އެއްވެސް އެއްޗެއް ނުބުނި، އެހެންވެ މިއައީ، ހިތަށް އެރީ ފަހަރެއްގަ ދާއިން ވާހަކަދައްކަނިކޮށް އޭނަ އޯކޭ ވެދާނެއޭ..........." ޒައުލް ދާއިންއަށް ބަލާލަމުން ބުނެލިއެވެ.

"އޯކޭ، އަހަރެން ހަމަމިހާރު މަންގެ ގާތަށް ދާނަން، އޭނަ އާއި ވާހަކަދައްކަން މަސައްކަތްކުރާނަން، އެކަމަކު..........ޒައުލް...................މަންހާ އަހަންނާ ވަކިވާން ބޭނުންވެއްޖެނަމަ ދެން................ނޫނީ އަހަންނާ ޒާރާ ދުރުވާން ބުނެއްޖެނަމަ......." ދާއިން ސުވާލުން ފުރިގެންވި ނަޒަރަކުން ޒައުލްއަށް ބަލަންއިނދެ ބުނެލިއެވެ.

"އޭނަ ތިދެމީހުން ދުރެއްނުކުރާނެ، އަނެއްކޮޅުން އޭނަވެސް ދާއިން އާއި ވަކިވާކަށް ބޭނުމެއްނޫން، ވަރަށް ގިނަފަހަރުމަތިން ބުނި ތިމަންނަ ދާއިންގެ ކައިރިން ވަރިއެއްނުވާނަމޭ............ވަކިއެއްޗެއް ބުނަން އަހަންނަށްވެސް މިއުޅެނީ އަދި ނޭގިގެން..............ވާހަކަދައްކައިގެން މިކަން ހައްލުވޭތޯ ބަލަންވީ، މިހާރު މަންހާ އެހުރީ ހަމައަކަށް އެޅިފަ..............މިހެން ބުންޏަސް އެކަކަށްވެސް ވާނެގޮތެއް ނޭގޭނެދޯ" ޒައުލް ބުނެލިއެވެ.

ކާރުން ފައިބައިގެން ޒައުލް އާއިއެކު ދާއިންވެސް އައިސް ލިފްޓަށްއެރިއެވެ. މަންހާގެ އެޕާޓްމެންޓަށް ދިއުމުގެ ކުރިން ޒައުލް ދާއިންއަށް ލަފާއެރުވީ އޭނަ ފްރެޝްވެލައިގެން ތަންކޮޅެއް ހަމަޖެހިލާފައި މަންހާ އާއި ބައްދަލުކުރަން ދިއުމަށެވެ. އެހާއިރުވަންދެން ޒައުލް މަންހާގެ ގާތުގައި މަޑުކުރާނަން ކަމުގައި ބުންޏެވެ.

"ދާއިން، ކިހިނެއްތަވީ، އަހަރެން ކައިރީވެސް ބުނެބަލަ.............." ދާއިން ކޮޓަރިއަށްވަނުމާއިއެކު ޒާރާ ސުވާލުކުރިއެވެ.

"ކަމެއްނުވޭ، ޒާރާ ކީއްކުރަންތަ ގުޅީ، އެނގެއެއްނު އަހަރެން ހުރީ ޒައުލް ކައިރީގަކަން، މިހާރަކަށް އައިސް މާވަރަށް ތިގުޅަނީ އަހަރެން ބޭރަށް ދާއިރަށް، އަހަރެން އެނބުރި އަންނާނީ މިގެއަކަށްނޫންތަ، ޒާރާ އާއި މަންހާގެ ކައިރިއަށްނު، ޕްލީޒް...........އަހަންނާ އިތުރު ސުވާލުތަކެއް މިވަގުތު ނުކުރޭ، އަހަރެން ފާހާނާއަށް މިވަންނަނީ" ދާއިން ކޮޓަރީގެ ދޮރުލައްޕާލަމުން ޒާރާ އާއި ވާހަކަދެއްކިއެވެ. އަދި މަޑުމަޑުން ހުރެ ގަމީހުގެ ގޮއްތައް ނައްޓަމުންދިޔައެވެ.

މަންހާގެ އެޕާޓްމަންޓަށް ވަތް ޒައުލްގެ ބަނޑު ފުރިގެންދިޔަކަހަލައެވެ. މުޅި އެޕާޓްމެންޓުގައިވަނީ ކޭކުވަސް ހިފާލާފައެވެ. އޭނަ މަންހާ ކޮބާތޯ ބަލާލިއިރު ތަށިތަށީގައި ކޭކު ގިރާފައި ހުއްޓެވެ. ބައެއް ޓްރޭތަކުގައި ކަޕްކޭކު ހެދުމަށް ކޭކު މިކްސް އަޅާ އަވަނަށް ލާން ތައްޔާރުކޮއްފައި ހުއްޓެވެ. ހިތާ ސިކުނޑިއަށް ފިނިކަމެއް ހޯދުމައްޓަކައި އެކި މީހުން ކުރާނީ އެކިކަންތައްތަކެވެ. އެފަދަ ކަމެއްކަން މިފެންނަނީ ޒައުލްއަށް އެނގުނެވެ.

"ހާދަ މީރުވަސް އެބަދުވައޭ، މަންހާ ކައްކަންވެސް ވަރަށް ކުޅަދާނަ...........މިބަޔަށް ވަނީމަ ހީވީ ބަނޑު ފުރުނުހެން" ޒައުލް ހިނިއައިސްފައި ބުނެލިއެވެ. އެހެންނަމަވެސް މަންހާއަށް އެއަޑުއިވުނު ހެނެއްހިއެއްނުވެއެވެ. ޒައުލް ކާމޭޒުގެ ގޮނޑިއެއްގައި އިށީނދެލައިގެން ބަހެއްވެސް ނުބުނެ މަންހާ އުޅޭގޮތް ބަލަން އިނެވެ. އޭނައަށްވެސް ބުނާނެއެއްޗެއް ނޭގުނީއެވެ.

އެޕާޓްމެންޓުން ނުކުންނަން އުޅުނު ދާއިންގެ ފޯނު ރިންގުވާންފެށިއެވެ. އަވަސް އަވަހަށް ޖީބުން ފޯނު ނަގާ ބަލާލެވުނީ ޒައުލްގެ ކޯލަކަށްވެދާނެތީއެވެ. ޒައުލްގެ ނަމަށްވުރެ ފޯނުގެ ސްކްރީނަށް އަރާފައިވާ ނަމުން ދާއިންއަށް ސިހުންގެނުވިއެވެ. ތާޒާވެލައިގެން މަންހާގެ ގާތަށް ދާން އުޅުނު ދާއިންގެ މޫނަށް ހާސްކަންވެރިވެއްޖެއެވެ.

"ހެލޯ........" ދާއިން ބުނެލިއެވެ.

"ދާއިން، މީ ޝަރަފް، އެނގިއްޖެ ދޯ، ކޮބާ މަންކޮ، ވަރަށް ގުޅައިފިން...........ފޯނެއްނުނަގާ، އަނެއްކާ ނިދިފައޮތީތަ މިގަޑީގަ" ދާއިންގެ ފޯނުގެ އަނެއްކޮޅުން ޝަރަފްބުނެލިއަޑުއިވުނެވެ.

"މިދަނީ މަންހާ ކައިރިއަށް، ހީވަނީ ނިދިފަހެން އޮތީ، ކަމަކުތަ ގުޅާލީ" ދާއިން ވެގެންއުޅޭގޮތް ސިއްރުކުރަމުން ބުނެލިއެވެ.

"ކަމަކުއެއްނޫން، އެކަމަކު ދައުވަތެއްދޭންވެގެން..........ކައިވެނިކުރަން މިއުޅެނީ" ޝަރަފް ވަރަށް ހިނިއައިސްފައި ބުނެލިއެވެ. ދާއިން ކުރިއަށްވުރެވެސް ކަންބޮޑުވެ ހާސްވީ މަންހާގެ ހާލު ޝަރަފްއަށް އެނގިއްޖެއްނަމަ މިހާރަށްވުރެވެސް ކަންތައްތައް ގޯސްވެދާނެކަން އެނގޭތީއެވެ.

"ކޮންގްރާ.........މަންހާ ހޭލީމަ ބުނާނަން ޝަރަފްއަށް ގުޅާށޭ" ދާއިން މިހެން ބުނެލުމުން ޝަރަފްވެސް މާގިނަ ވާހަކަތަކެއް ދެއްކުމެއްނެތި ފޯނުކޯލު ކަނޑާލައިފިއެވެ. ޒާރާ އެޕާޓްމެންޓު ދޮރުމަތީގައި ހުރިކަން ދާއިންއަށް އެނގުނީ ދެނެވެ.

"އެބަ އަންނަން.........." ދާއިން ޒާރާއަށް ބަލާލަމުން ބުނެލިއެވެ.

"މަންހާ ކައިރިއަށްތަ ތިދަނީ" ޒާރާ އަހާލިއެވެ. ދާއިން ހޫން ލައްވާލަމުން ލިފްޓާއި ދިމާލަށް ދިޔައެވެ. ޒާރާ އެނބުރިވަނީ އެޕާޓްމެންޓަށެވެ.

މަންހާގެ އެޕާޓްމެންޓު ދޮރުހުޅުވާލިއިރު ދާއިންއަށް މަންހާކުރަނީ ކީއްކަން އެނގުނެވެ. އޭނަގެ ނޭފަތުގައިވެސް ޖެހުނީ ބަނޑުފުރިގެން ދާފަދަ މަޑުމަޑުމީރުވަހެކެވެ. އެއާއިއެކު ހައިރާންވެސް ވިއެވެ. އެތެރެއަށް ވަކިވަރަކަށް ވަދެވުމާއިއެކު ކާމޭޒު ކައިރީ އިށީނދެލައިގެންއިން ޒައުލް ފެނުނެވެ. ދާއިން މަޑުމަޑުންގޮސް ޒައުލްގެ ކޮނޑުގައި އަތްތިލަ ބާއްވާލިއެވެ.

"ދާއިން.........." އެއްފަރާތަކަށް އެނބުރިލި ޒައުލް ބުނެލިއެވެ. އޭރު އަވަނުން ފިހެފައިވާ ކަޕްކޭކް ޓްރޭއެއް ނަގާ އެއްފަރާތެއްގައި ބެހެއްޓި މަންހާ ޒައުލްއާއި ދިމާލަށް ބަލާލީއެވެ. އޭނައަށް ދާއިން ފެނުމުން ހުއްޓުން އެރިއެވެ. ޒައުލް ގޮނޑިން ތެދުވެގެން ދާއިން އާއިއެކު ސިޓިން ރޫމަށް ދިޔައެވެ. ސޯފާގައި ދެމީހުން އިށީނުމާއިއެކު މަންހާ ސިއްރު ސިއްރުން ދާއިންއަށް ބަލަންފެށިއެވެ. އެތަންވެސް ދާއިންއަށް ފެނުނެވެ.

"މަންހާ.........ޒައުލްއަށް ސައިދޭންތަ ތިއުޅެނީ" ޒައުލް އޭނައަށް އިރުޝާދުދީފައިވާގޮތަށް އާމުކޮއް އުޅޭއިރު ވާހަކަދައްކާ އުސޫލުން ދާއިން ބުނެލިއެވެ. ސިއްރުން ބަލަން ހުރި މަންހާ ބޯޖަހާލާފައި ބަދިގެފަރާތަށް އަނެއްކާވެސް ހިނގައްޖެއެވެ.

"ނޭގެ، ޝީޒް ކީޕިންގ ހާސެލްފް ބިޒީ، ވަރަށް ޓެންޝަންގަ އެހުންނަނީ" ދާއިން އަތުގެ އިޝާރާތުން މަންހާއަށް ކިހިއްވެފަތޯ އެހުރީ އަހާލުމާއިއެކު ޒައުލް ދެފަރާތަށް ބޯހޫރުވާލަމުން ބުނެލިއެވެ.

"ޒައުލް މަން އާއި ވާހަކަދައްކައިގެން ރަނގަޅެއްނުވިތަ؟" ދާއިން އަހާލިއެވެ.

"އަހަންނަށް ދެން ނޭގުނު ބުނާނެ އެއްޗެއް، މަޑުމިކުރަނީ އޭނަ އެއްޗެއް ބުނަންދެން.............މަންހާ ވާހަކަދައްކަން ބޭނުންވީމަ ވާހަކަދެއްކޭނީ، އެނޫންގޮތަކަށް ވާހަކައެއްނުދެއްކޭނެ............އަހަރެން ދާންވެސް ޖެހިއްޖެ، ކްލިނިކުން ދެފަހަރަށް ގުޅައިފި، މިއަދު ހަވީރު އަހަރެން ކުރިއަށްގެންދާ ތެރަޕީ ސެޝަންއެއްވެސް އޮންނާނެ، ދާއިން، އައި ވޯންޓް ޔޫ ޓު ޓޯކް ޓުހާ............ސޭ އެނީތިންގް............" ޒައުލްގެ ވާހަކަ މެދުކަނޑާލީ ކުއްލިއަކަށް ތަބަކެއްގައި ތަށިއަތުރައިގެން މަންހާ އަންނަތަން ފެނުމުންނެވެ. މަންހާ އައިގޮތަށް ސިޓިންރޫމުގެ ސޯފާތަކުގެ މެދުގައި ހުރި ކުޑަބިއްލޫރު މޭޒުގެ މަތީ ތަބައްބެހެއްޓިއެވެ. ދާއިންއަށް މަންހާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ޒައުލް މަންހާއަށް ހިނިތުންވެލަމުން ޝުކުރުއަދާކުރިއެވެ.

ކޮފީތަށިބޯލުމާއިއެކު ޒައުލް މަންހާގެ އެޕާޓްމެންޓުން ނުކުންނަން ހިނގައިގަތީ ކްލިނިކުން އަނެއްކާވެސް ގުޅުމުންނެވެ. އެހެންނަމަވެސް ދޮރާހަމައަށް ދިއުމުގެ ކުރިން އޭނަ އެނބުރި މަންހާގެ ކައިރިއަށްދިޔައެވެ.

"ހޭ ބިއުޓިފުލް، ފޯނު ހިފައިގެން އުޅެއްޗޭ، ފަހުން ގުޅާނަން އެނގޭ، ނޫނީ ފޫހިވީމަ އަހަންނަށް ގުޅާލިޔަސް އޯކޭ، މިރޭ އޮންނާނީ ފޯނު ކައިރިއަށް ލައިގެން" ޒައުލް ސިންކުގެ ކައިރީ ޖެހިލައިގެން ހުރި މަންހާގެ ކައިރިއަށް ހުއްޓެމުން އޭނަގެ އަތުގައި ހިފާލާފައި ބުނެލިއެވެ. ފުރަތަމަ ފަހަރަށް މަންހާގެ މޫނުމަތިން ލުއިހިނިތުންވުމެއް ފެނުނެވެ. ޒައުލްގެ ހިތަށްވެސް ހަމަޖެހުން ލިބިގެންދިޔައެވެ.

"ކަމެއްބޭނުންވެއްޖެއްޔާ ގުޅައްޗޭ........." ދެވަނަ ފަހަރަށްވެސް ޒައުލްއަށް ބުނެލެވުނެވެ. މަންހާ ބޯޖަހާލަމުން އާއެކޭ ބުނެލިއެވެ. މިލައިގެންދިޔަ މަލެއްފަދައިން ޒައުލް އެނބުރިލުމާއިއެކު މަންހާގެ މޫނު މިލައިގެން ހިނގައްޖެއެވެ.

ޒައުލް އެޕާޓްމެންޓުން ނުކުތުމާއިއެކު ދާއިން އެޕާޓްމެންޓުގެ ދޮރުލައްޕާލުމާއިއެކު ތަޅުލައިފިއެވެ. އަދި ހުރި ފިޔަވަޅުމަތީ މަޑުކޮއްލަމުން ފުންނޭވާއެއް ލިއެވެ. ދާއިން ސިޓިން ރޫމުގައި ހުރި ސައިތަބަށް ހިފައިގެން ބަދިގެ ފަރާތަށް ހިނގައިގަތެވެ. ދާއިން އައިސް ކާމޭޒުމަތީ ތަބައްބަހާއްޓާލާފައި މަންހާ އާއި ކައިރިއަށް ޖެހިލި ހިނދު މަންހާ ޖެހިލީ ދާއިން އާއި ދުރަށެވެ. ދާއިންގެ އެންމެ ބީހުލުމަކުންވެސް އޭނަގެ ހިތުގައި ދާއިންއަށްވާލޯބި އުތުރިގަންނާނެއެވެ. އެހެންނަމަވެސް އޭނައަށް ޒާރާގެ ފަރާތުން ކުރިމަތިވަމުންދާ ފިއްތުންތައް ކުޑައެއްނުވާނެއެވެ. ދާއިންގެ ކައިރީ އޭނަ ޒާރާ އާއި ގުޅިގެން ޝަކުވާގެ އެންމެ ލަފްޒެއްވެސް ބުނާކަށް ބޭނުމެއްނޫނެވެ. ދާއިން އަމިއްލައަށް އޭނަގެ ދިރިއުޅުމާމެދު ވިސްނަންޖެހޭނެއެވެ. ޒާރާގެ ނުބައިކަން އޭނަ ބޭނުންވާނަމަ ފާހަގަކުރެވޭނެކަން މަންހާއަށް އެނގެއެވެ. މަންހާ ސައިތަބަކުގައި ހުރި ތަށިތައް ހިފައިގެން އައިސް ސިންކަށް ލުމަށްފަހު ދޮންނަން ފެށުމާއިއެކު ދާއިން ކުރިއަށްވުރެވެސް އޭނައާއި ގާތްވެލިއެވެ.

"މަންހާ...........އައެމް ސޮރީ..........ޕްލީޒް.........." ދާއިން މަޑުމަޑުން މަންހާގެ ކޮނޑުގައި ގުދުވެލާފައި އޭނަގެ ނިތްޖައްސާލަމުން ބުނެލިއެވެ. މަންހާއަށް ދެލޯމަރާލެވުނީ ދާއިންގެ އަނގައިން ފުރަތަމަ ފަހަރަށް އޭނަ މާފަށް އެނދުނު އަޑުއިވުމުންނެވެ. މާފަށް އެދެންވީ ދާއިންއެއްނޫނެވެ. ދާއިން މަޑުމަޑުން މަންހާގެ ފުރަގަހުން އޭނަގެ ގައިގާ ބައްދާލިއެވެ. ސިންކުގެ އިސްކުރުން އޮހެމުންދިޔަ ފެންފަދައިން ދާއިންގެ އަތުގެތެރެއަށް ވިރިގެން ދާން މަންހާ ބޭނުންވިއެވެ. އަނެއްކާވެސް ދާއިން އޭނަގެ ކައިރިން މާފަށް އެދެންފެށިއެވެ. މަންހާގެ ދުޅަވެފައިވާ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަންފެށިއެވެ.

"ޕްލީޒް.........ދެން ނުރޮއެ މަން، ނުރޮއެ ހުއްޓާލާ........." ދާއިން ކުރިއަށްވުރެވެސް އެއަތުގެތެރޭ މަންހާ ގާތްކޮއްލަމުން ބުނެލިއެވެ. ހަގީގަތަކީ އޭނަގެ ހިތަށްވެސް ވަރަށް ފުންއަސަރެއްކޮއްފައިވާކަމެވެ. މަންހާ ރުއިމުގެ ސަބަބުން އޭނައަކީ ކުއްވެއްރިއެއްކަން އިޙްސާސް ކުރެވޭތީއެވެ. އަދި އެލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކަކީ ދާއިންއަށް މަންހާގެ ހިތުން މާފުނުލިބޭކަމުގެ ހެއްކެކެވެ. ދާއިން މަޑުމަޑުން އޭނަ އާއި ދިމާލަށް މަންހާ އަނބުރާލަން އުޅުމުން ސިންކުގެ ތެރެއަށް ތަށިތައް ދޫކޮއްލުމަށްފަހު މަންހާ ދުއްވައިގަތީ ކޮޓަރި އާއި ދިމާލަށެވެ. މަންހާގެ އަތުގައި ހިފުމަށް ދާއިން އަތްހޫރާލިއެއްކަމަކު ކާމިޔާބެއްނުވިއެވެ. ސިންކުގެ އިސްކުރު ބާރުކޮއްލުމަށްފަހު ދާއިންވެސް އަވަސްވެގަތީ މަންހާގެ ފަހަތުން ކޮޓަރިއަށް ދިއުމަށެވެ. އެހެންނަމަވެސް ދާއިންއަށް ކޮޓަރީގެ ދޮރާ ހަމައަށް އެރެންވާއިރަށް މަންހާ ދޮރުލައްޕާ ތަޅުލައިފިއެވެ. ދާއިންއަށް ދޮރުފަތުގައި އަތުންޖަހާލެވުމާއިއެކު ބާރަށް މަންހާއަށް ގޮވާލެވުނެވެ. އޭނަ ބިރުގަތީ އަނެއްކާވެސް މަންހާ މޮޔަކަމެއް ކޮއްފާނެތީއެވެ.

"މަންހާ، ޕްލީޒް..........އަހަންނަށް މާފެއްނުކުރާނަންތަ، އަހަރެން އެއްފަހަރުވެސް ހަނދާނެއްނުނެތެއޭ ކައިވެނިކުރަން ނިންމި ދުވަހަކު މަންހާ އަހަރެންކައިރީ ދެއްކި ވާހަކަ، އަހަރެން ނޫޅެން މަންހާ ދުރުކޮއްލާކަށް، މިހެން ބުންޏަސް އެނގޭ އޯލްރެޑީ އަހަންނާ މަންހާ އާއި ދުރުވެއްޖެކަން، އެހެންވެ މާފަށް މިއެދެނީ، ދެން އެހެނެއްނުވާނެ، ދުވަހަކުވެސް ނުވާނެ، އަހަރެން މަންހާއަށް ބޭނުން..........ޕްލީޒް މަން............ދޮރުހުޅުވާލަބަލަ............ޕްލީޒް........." ދާއިން ދޮރުފަތުގައި އަތުން ދެތިންފަހަރަށް ޖަހާލުމާއިއެކު ވާހަކަދައްކަންފެށިއެވެ. ދޮރުފަތުގެ އަނެއްފަރާތުގައި، ކޮޓަރިތެރޭ ހުރި މަންހާ އަނގައިގާ އަތްއަޅާލަމުން ދޮރުފަތުގައި ލެނގިލީ ދާއިންއަށް އޭނަ ރޯއަޑު އިވިދާނެތީއެވެ. އަދި ދާއިންގެ އަޑުއިވޭ ހިސާބުގައި އޭނަ އެބަހުރިކަން އެނގިދާނެތީވެސްމެއެވެ. ދާއިން އެތަށް ވާހަކައެއް ދެއްކިމަށްފަހު ދޮރުގައި ލެނގިލަމުން ނިތާއިއެކު ބޮލުގެ އިސްތަށިގަނޑުގައި އަތްކާލެވުނެވެ. މަންހާ މަޑުމަޑުން ދޮރުކައިރީ އިށިންވަގުތު ބޭރުގައި ހުރި ދާއިންވެސް ދޮރުކައިރީ އިށީނީ އެތަނުން ދުރަށް ނުދާނަމޭ ބުނާފަދައިންނެވެ.

ތިންހަތަރުގަޑިއިރުވޭތުވެގެން ދިޔައިރު އިރުވެސް އޮއްސިއްޖެއެވެ. ދާއިން އަދިވެސް އިނީ ކޮޓަރީގެ ދޮރުފަތުގައި ޖެހިލައިގެން އިށީނދެއެވެ. ކުރުކޮއްލެވިފައިވާ ދެފައިގެ ކަކުލުގައި ދެއަތްއަޅުވާލައިގެން ދެލޯވެސް މަރާލައިގެންނެވެ. ކޮޓަރީގައި މަންހާ ނެހާ އުރާލައިގެން ހުއްޓެވެ.

"މަން، ކާއެއްޗެއްވެސް ނުކައެއްނު ތިހުންނަނީ، ޕްލީޒް، މަން ބޭނުންނަމަ އަހަރެން ގޮސްދާނަން.........މިހާރު ކިހާއިރެއް............އެއްވެސް އެއްޗެއް ނުކައި ތިއުޅެނީ، މަން ބޭނުންވަނީ އަހަރެން މިތަނުން ދާންކަމުގަވަނީނަމަ އެހެންވެސް ބުނެބަލަ، ކޮންމެވެސް އެއްޗެއް ބުނެބަލަ........ޕްލީޒް މަން، ތިހެން ހިމޭނުން ނުހުރެބަލަ، އަހަންނާ ވާހަކަދައްކަބަލަ" ދާއިންގެ ކެތްތެރިކަން ކޮޅުންލާފައިވާވަރު އޭނަގެ އަޑުންވެސް އެނގޭހާވެއެވެ.

ކުއްލިއަކަށް މަންހާގެ އެޕާޓްމެންޓު ދޮރުހުޅުވާލާފައި ވަތް ޒާރާ ފެނުމުން ދާއިން ހައިރާންވެ ކޮޅަށް ތެދުވެވުނެވެ.

"ޒާރާ.........." ދާއިން ޒާރާގެ ނަންކިޔާލުމާއިއެކު ޒާރާ ވާހަކަދައްކަންފެށި އަޑު ކޮޓަރީގައި ހުރި މަންހާއަށް އިވުނެވެ. ދަރިފުޅު ގޮވައިގެން ދޮރާ ހަމައަށް އައިސްފަވެސް އެނބުރި އެނދުގައި މަންހާ އިށީނެވެ.

"އަހަރެން ޒާރާ ކައިރީ ބުނީމެއްނު މިތަނަށް ނާންނާށޭ" ދާއިން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"ދާއިން ކީއްވެތަ އަހަރެން ގުޅީމަ ފޯނު ނުނަގަނީ، މިހާރު ކިތަށްފަހަރަށް ގުޅައިފިން، އަހަރެން ކައިރީވެސް ވެގެން އުޅޭގޮތެއް ބުނެލީމައެއްނު އެނގޭނީ، ދާންގެ ޚަބަރެއްނުވެ ގިނައިރުވީމަ އަހަރެން ބިރުގަތީ، އެހެންވެ ނުހުރެވިގެން މިއައީ..........ޕްލީޒް ދެން ރުޅި ނާދެބަލަ..........." ޒާރާ ދެރަވެލާފައި ބުނެލިއެވެ. އެއާއިއެކު ދާއިން ހިމޭންވިއެވެ. އަދި ފަޓުލޫނުގެ ޖީބަށް އެއްއަތް ޖަހާލުމާއިއެކު މަންހާގެ ކޮޓަރިއާއި ދިމާލަށް އެނބުރިލިއެވެ.

"މަން، އަހަރެން މިދަނީ.............މަންގެ ފޯންކޯލަކަށް އަހަރެން އިންތިޒާރު ކުރާނަން، އަދި އަންނާނަން، ޕްލީޒް އެއްޗެއް ކައިގެން ހުންނައްޗޭ........ފަޔަށް ބަލައިގެން އުޅޭތި" ދާއިން ބޭނުންވީ މަންހާ ބޭނުންވާގޮތަށް ކަންތައްކޮއްދިނުމަށެވެ. އެހެންނަމަވެސް މަންހާއަށް ހީވީ ޒާރާ އައުމުން ދާއިންގެ ނިންމުން ބަދަލުވީކަމަށެވެ.

ރޭގަނޑުގެ ކެއުމާޖެހެންދެންވެސް ދާއިންގެ ފަރާތުން ހިމޭންކަން ނޫނީ ނުފެނެއެވެ. އޭނަ ގޭގައި މަސައްކަތްކުރަން އުޅޭ އިމީއަށް މަންހާ ކައިގެންތޯ ހުރި ބެލުމަށް އެންގިއެވެ. އަދި އޭނައަށް ކާއެއްޗެހި ގެންގޮސްދިނުމަށާއި އިތުރުކަމެއް ބޭނުންވޭތޯ އެހުމަށްވެސް ވަނީ ބުނެފައެވެ. މިރޭ އޭނަ ކާހިތެއްވެސް ނުވެއެވެ. މަންހާ އާއިމެދު ފިކުރު ކުރުން ނޫންކަމެއް ނުކުރެވެއެވެ. ހިތަށް ހަމަޖެހުމެއް ނުލިބުމުން އެންމެފަހުން ޒައުލްއަށް ގުޅައިފިއެވެ.

މަންހާ ކޮޓަރިން ނުކުތީ ދާއިން ހިނގައްޖެކަން ޔަގީންވުމުންނެވެ. ނެހާގެ ކަންތައްތައް ކޮއްލުމާއިއެކު އަނެއްކާވެސް އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިނދެވުނީ ވިސްނުމުގެ ތެރެއަށް ގެއްލިފައެވެ. އަބަދުމިހާލުގައި ނޫޅެވޭނޭކަން އޭނަގެ ސިކުނޑި ބުނަމުންދާއިރު ހިތްވަނީ ކުދިކުދިވެފައެވެ. އަލުން އެހިތްރާވާ ޒަހަމްތަކުގައި މަލަންއަޅާނީ ކިހިނެއްކަމެއްވެސް ނޭގެއެވެ. އަޑިނޭގޭ ފުންކަނޑަކަށް ގެނބެމުން މަންހާދަނިކޮށް ސިހުނީ ރީތިވާ މޭޒުމަތީގައި އޮތް ފޯނު ރިންގުވުމުންނެވެ. ލޮލުގެ ހިމަކޮޅުން ވެއްޓެން އުޅުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން ފޯނަށް ބަލާލިއެވެ. އިތުރުހާސްކަމެއްވެރިވެގެން ދިޔައީ ޝަރަފްގެ ކޯލަކަށްވީމައެވެ.

"ދާއިން އަހަރެންގެ އާއިލާއަށް ގުޅީތަ، ނޫން............މަންމަ ބުނާނީ ކީކޭ.............މިދުވަސް އަންނާނެއޭ މަންމަ އަބަދުވެސް ބުނޭ، ނޫން ނޫން، ފޯން ނުނަގާނަން..........." މަންހާއަށް ބުނެލެވުނެވެ. ތިރީތުންފަތުގައި ދަތްއަޅާލަމުން ފޯނު ސައިލެންޓްކޮއްލިއެވެ. އަދި ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިނެވެ. ދެތިން ފަހަރު ގުޅުމަށްފަހު ޝަރަފްގެ މެސެޖެއްއައެވެ. މަންހާ އަވަސް އަވަހަށް ބަލާލިއެވެ.

"ހޭ ސިސް، ގެސް ވަޓް، ފައިނަލީ އައެމް ގެޓިން މެރީޑް..........ޕްލީޒް ކޯލް މީ ބެކް" މެސެޖުގައިވާ އެއްޗެއް މަންހާ ކިޔާލިއެވެ. ހިތްދަތިކަމުގެތެރެއިން އެތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. ފޯނުމޭގައި ޖައްސާލުމާއިއެކު ފުންނޭވާއެއްލީ ހީކުރިގޮތާ ހިލާފަށް ޝަރަފްގެ ފަރާތުން އުފާވެރި ޚަބަރެއްލިބުމުންނެވެ.

އިމީ އޭނަ އާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރިއެވެ. މަންހާއަށް ކާން ހިތްވަރުދެމުން ކުޑައެތިކޮޅެއްވިޔަސް އެހައްޓަށް އެތެރެކުރިއެވެ. އިމީއަކީ ގޭގައި ގެންގުޅޭ ނޯކަރެއްކަމަކު އެގޭތެރޭގައި ހިނގާ ކަންތައްތައް އޭނައަށްވެސް އެނގެއެވެ. ގެންގުޅޭ މީހުންގެ ތެރޭގައިވެސް މަންހާ އާއި ޒާރާގެ ވާހަކަވަނީ ދެކެވިފައެވެ. އެއިން ކޮންމެ މީހަކަށް ދެއްކެނީ މަންހާގެ ރަނގަޅުވާހަކައެވެ. އެކަމަކު ޒާރާގެ ހަސަދަވެރިކަމުގެ އަލިފާނުގައި މަންހާ ނެތިކޮއްލަފާނެކަމެވެ.

މިރޭ މުޅިގެއަށްވަނީ ފުންމިންނޭގެ ހިމޭންކަމެއްވެރިވެފައެވެ. ދާއިން ޒާރާ އާއި ވާހަކައެއްނުދައްކައެވެ. ޒާރާ އަނގަ ގަދަވެގެން އެއްޗެއް ބުނިކަމުގައިވިޔަސް ދާއިންއަށް އެއަޑުއިވޭކަމަކަށް ނުވެއެވެ. ތުންއަނބުރަ އަނބުރާ އޮއްވަ އޭނައަށް ނިދިއްޖެއެވެ. ދަންވަރުގެ ހިމޭންކަމުގެ ތެރެއިން ދާއިން އެނދުން ފައިބައިގެން މަންހާގެ އެޕާޓްމެންޓަށް ދިޔައެވެ. އޭރު ގަޑިން ތިނެއްޖަހައިފިއެވެ. އަދި ދާއިންގެ އަތުގައި ތަޅުދަނޑިފައްޗެއް އޮތެވެ.

ތަޅުދަނޑިން މަންހާގެ ކޮޓަރީގެ ތަޅުހުޅުވާލުމާއިއެކު ސިއްރުން ވަންނަ ވަގެއްފަދައިން ދާއިން ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. އޭރު އެނދުގެ ހުރަހަށް ކުޑަދަރިފުޅުގެ މަގަތުން ބާލީހެއް ޖައްސާލައިގެން މަންހާއަށް ނިދިފައިއޮތެވެ. ކޮޓަރީގެ އަލި ކުޑަކުޑަކޮށް ގަދަކޮއްލުމަށްފަހު ދޮރުކައިރިކޮއްލާފައި ކޮޓަރީގެތެރެއަށްވަނެވެ. އެތަށް އިރަކު އެނދުގައި ނިދިފައިއޮތް މަންހާއަށް ބަލަހައްޓައިގެން ދާއިން ހުއްޓެވެ. ކީއްވެކަމެއްނޭގެއެވެ. އެފަޑުކަމުގެތެރެއިން ދާއިންގެ ދެލޮލުން މުތީތަކެއްފަދައިން ވިދާލިތަން ފެނުނީ ކަރުނައެވެ. އަވަސް އަވަހަށް ދެއަތުން ލޯފޮހެލިއެވެ. މެޔާއިދިމާލުން އަތްހުރަސްކޮއްލައިގެން ހުރި ދާއިންއަށްވަނީ ވަރަށް އަސަރުކޮއްފަކަން އެމޫނަށް ކައިރިން ބަލާލި ކޮންމެ މީހަކަށް މިހާރުފެނިގެންދާނެއެވެ. އޭނަގެ ހިތުގައި މަންހާއަށް ދެވިފައިވަނީ ކޮންފަދަ މަތީ ދަރަޖައެއްކަން އޭނަ ހާމަކުރަން ބޭނުންވެފައިވެއެވެ. ތެދަކީ ކޮބާކަން އެނގުނަސް، ހަގީގަތާވެސް ދާއިން ކުރިމަތިލާންޖެހިފައިވެއެވެ. ޔަގީނުންވެސް އޭނަގެ ލޯބީގެ ތިލަފަތް ހަމަހަމަކުރަން ބޭނުންވިޔަސް އެކަމެއްނުވާނެއެވެ. މިހާރު އެތިލަފަތުގެ އެއްކޮޅަށްވަނީ ބަރުވެފައެވެ. ގަސްދުގައެއްނޫނެވެ. ނިދިފައިއޮތް މަންހާ ކުޑަކޮށް ފުރޮޅިލަން އުޅުމާއިއެކު ދާއިން އަވަސް އަވަހަށް އެކޮޓަރިން ނުކުމެއްޖެއެވެ.

ފަތިހު ހަތަރުގަޑި ބައިގައި މަންހާގެ ފޯނު އެލާމްވާން ފެށުމުން އޭނަ ތެދުވެ ފޯނުގެ އެލާމް ނިއްވާލިއެވެ. އަދި އޭނަ އާއި ދާއިންގެ ގުޅުން ނިންމާލުމުގެ ވަގުތުޖެހިއްޖެކަން އެނގި އޭނަ ތައްޔާރުވީ މިދުވަސް އޭނައަށް ދެއްކެވި އާލަމްތަކުގެ ވެރިފަރާތްކަމުގައިވާ ހުސްތޯޚިރުވެވޮޑިގެންވާ ﷲއަށްޓަކައި ފަރުޟެއްއަދާކުރުމަށެވެ. އެކަލާނގެ ހަޒްރަތުން ހިތްވަރަށްއެދި ދުޢާކުރުމަށެވެ. އޭނަގެ ލޯބިވާ ފިރިމީހާ އާއި ދެލޮލުގެ ނޫރުފަދަ ދަރިފުޅު ރައްކާތެރިކޮއްދެއްވުމަށާއި ޒާރާގެ ހިތުގައި އީމާންކަމުގެ އަލިގަދަ ނޫރުން އަލިކޮއްދެއްވުމަށްއެދެމުންނެވެ. ނެހާގެ މައްޗަށް ރަނގަޅު މައެއްގެ ގޮތުގައި ޒާރާ ލެއްވުމަށެވެ.

ހެނދުނު އޮފީހަށް ދާއިން ނުކުތީ ކާއިލް ގުޅައިގެން ނުނިކުމެ ނުވެގެންނެވެ. ފުރުޞަތަކަށް ބަލަބަލާހުރި ޒާރާގެ މޫނުމައްޗަށް ހީލަތުންފުރިގެންވި ހިނިތުންވުމެއްވެރިވެގެންދިޔައެވެ.

"އޮފީހަށްދަނީތަ، މަންހާ ބަލިވެއުޅޭއިރުވެސްތަ............" ޒާރާ ހިތުގައި މަންހާ އާއިދޭތެރޭ އެއްވެސް ހަމްދަރުދީއެއްނެއްކަމުގައިވިޔަސް އޭނަގެ ދުލުން ބުނާ ބަސް އޮމާންވެފައި އަސަރުގަދައެވެ.

"އާން........މީޓިން ޑިލޭ ކުރެވޭކަށްވެސްނެއް، ވަރަށް މުހިއްމު ދިއުން...............މެންދުރު ތަންކޮޅެއްފަހުން ގެއަށް އާދެވޭނީ، ޒާރާ ކައިގެން ހުންނައްޗޭ..........." ދާއިން މިހެން ބުނެލަމުން ނުކުމެގެން ހިނގައްޖެއެވެ. ހެވިލާފައި ޒާރާ އެތެރެއަށް ހިނގައިގަތެވެ. ވަގުތުން އޭނަގެ މަސައްކަތްފެށިއެވެ. ފޯނު ނަގާ އޭނަގެ އެނުބައި ޢަމަލުތަށް ކުރުމަށް އެއްބާރުލުންދޭ ފަރާތަށް ގުޅާލިއެވެ.

"ދޮންތާ، މަށޭ...........އަވަހަށް އެއްކަލަ ކަންތައް ހަމަޖައްސާ..........ކިހާވަރެއް ބޭނުންވާނީ" ޒާރާ ބުނެލިއެވެ. ފަލަކް ދެން ކަންތައްކުރަންވީ ކިހިނެއްކަން ޒާރާއަށް ކިޔާދީ ނިންމައިފިއެވެ. ފޯނު ކަނޑާލުމާއިއެކު ދާއިންގެ އޮފީހަށް ޒާރާ ގުޅާލިއެވެ. ފޯނުނެގީ ކާއިލްއެވެ.

(ނުނިމޭ)