ހަބަރު

ޒުވާނުން ޒިންމާދާރުވުމަކީ ގައުމު އިސްލާޙްކުރުމުގެ ތަޅުދަނޑި: ރައީސް

ޒުވާނުން ޒިންމާދާރުވުމަކީ، ގައުމު އިސްލާޙްކުރުމުގެ ތަޅުދަނޑި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވެފައިވަނީ، ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ. އެ ހިތާބުގައި ރައީސް ވިދާޅުވީ، މިއަދުގެ ޒުވާނުންނަކީ، ގައުމަށް ހެވާއި ލާބައަށް މަސައްކަތްކުރާ ބަޔަކަށް ހެދޭނީ، ޒުވާނުން ބިނާކުރުމަށް އިސްކަން ދީގެންކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ޒަމާނީ ތައުލީމް އުނގަންނައިދީގެން، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާނުން ބިނާކުރުން ކަމަށެވެ.

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ޒުވާނުންނަށާއި ހެޔޮ ގޮތުގައި ޒުވާނުން ބިނާކޮށް، ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރާ ހުރިހާ އެންމެނަށްވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސް ވަނީ ފޮނުއްވާފަ އެވެ. އެމަނިކުފާނުގެ ހިތާބުގައި، އިންސާނީ ކޮންމެ މުޖްތަމައަކަށް، ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރަށް އަލިއަޅުއްވާލައްވައި ވަނީ ޒުވާނުންނާ ނުލައި، އެއްވެސް މުޖްތަމައެއް ކުރިނާރާނެ ކަމަށް ވިދާޅުވެފަ އެވެ.

"މި އަހަރުގެ ޒުވާނުންގެ ދުވަހަށް އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިއާރުގެ އަމާޒަކީ، އެކަކުވެސް ބާކީނުކޮށް އެންމެން ޝާމިލްވާ، ހަމަހަމަ ފުރުސަތު ލިބިދޭ، ފެންވަރު ރަނގަޅު ތައުލީމެއް ކަށަވަރު ކޮށްދިނުން. ހަމައެއާއެކު، ހަޔާތުގެ ހުރިހާ އުމުރު ފުރާއެއްގައި ތައުލީމް ހާސިލްކުރުމުގެ ފުރުސަތު، އެންމެންނަށް ފަހިކޮށްދިނުން. އެއީ، އދ. މަޖިލީހުން ކަނޑައަޅާފައިވާ، ދެމެހެއްޓެނިވި ތަރައްގީގެ 2030ގެ އެޖެންޑާގެ ބިންގަލަކީ، ފެންވަރު ރަނގަޅު ތައުލީމް ކަމަށްވާތީ" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒުކުރަމުން ދާނީ، ޒަމާނީ ތައުލީމާއި ތަމްރީން ލިބިގެން، އަމިއްލަ އަތުން ދިރިއުޅުން ބިނާކުރާ، ޒިންމާދާރު ޒުވާނުންތަކެއް އުފެއްދުމުގެ ލަނޑުދަނޑި ހާސިލްކުރެވޭނެ މަގުންކަމަށާއި، އޭގެ ބޭނުމަކީ، ގައުމާއިގެން ކުރިއަށް ދިޔުމުގެ ރޫހާއި، ވަތަނީ ލޯބި ހުރި، އަދުލު އިންސާފަށް ވަކާލާތުކުރާ ޖީލެއްގެ އަތްމައްޗަށް، ގައުމުގެ ކުރިމަގު ފުރޮޅިގެން ދިޔުންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.