ވިޔަފާރި

މަންޓާ އެއާގެ ތީމް ލަވައިގެ ވީޑިއޯ ނެރެފި

މަންޓާ އެއާގެ ރަސްމީ ލަވައިގެ، ވީޑިއޯ އެ ކުންފުނިން އާންމުންނާ ހަމައަށް ދޫކޮށްލައިފި އެވެ.

މިހާރު ފާހަގަ ކުރަމުން ގެންދާ އަލްހާ އީދުގެ މުނާސަބަތުގައި އީދުގެ ދުވަހު ނެރެފައިވާ މި ވީޑިއޯ ލަވަ ކިޔާފައިވަނީ މަންޓާ އެއާގެ އެ ކުންފުނީގެ ދެ ބްރޭންޑް އެމްބެސެޑަރުން ކަމަށްވާ އަލީ އައުސަން (ކޮއްކި) އާއި މަރިޔަމް މައިޝާ (މައި) އެވެ. މަންޓާއިން މި ލަވަ ނެރުމުގެ އިތުރުން އީދު ފާހަގަ ކުރުމުގެ ގޮތުން ފަސިންޖަރުންނަށް އީދު ހަދިޔާވެސް ބަހާފައިވެ އެވެ.

މަންޓާ އެއާގެ މި ލަވައިގައި މި އެއާލައިންގެ ބައެއް ކްރޫއިން ވެސް ފެނިގެންދެ އެވެ. މީގެ އިތުރުން މަންޓާ އިން އުދުހޭ މަންޒިލްތައްވެސް ފެނިގެންދެ އެވެ. މި ލަވަ ނަގާފައިވަނީ މަންޓާ އެއާ ބޭސްވެފައިވާ ދ. ކުޑަހުވަދޫ އެއާޕޯޓުގަ އެވެ.

އެތެރޭގެ އުދުހުންތަކަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ އަޒުމުގައި ފެށި މަންޓާ އެއާއިން އުދުހުންތަކުގައި ބޭނުން ކުރަނީ އޭޓީއާރު 72-600 މަރުކާގެ ތިން ބޯޓެވެ. އަދި މިހާރު އެ ކުންފުނިން އުދުހެމުން ގެންދަނީ ދ. ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަށެވެ.