ލިވަޕޫލް

އެލިސަން އިތުރު ހަފުތާތަކަކަށް ކުޅުމާ ދުރަށް

ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި، ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާއަށް ލިބުނު އަނިޔާއާ ގުޅިގެން އިތުރު ހަފުތާތަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

އެލިސަންގެ ކުޑަކަޅުވާ މަސަގަނޑަށް އަނިޔާވީ، ފުރަތަމަ މެޗުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ބޯޅަ ޖަހަން އުޅުމުގެ ތެރޭގައި ފަހަތަށް ބަލާލެވި ވެއްޓުމުންނެވެ. އެ އަނިޔާއާ ގުޅިގެން މެޗުގެ 36 ވަނަ މިނެޓްގައި އޭނާ ޖެހުނީ ބަދަލު ކުރާށެވެ.

އޭނާގެ ބަދަލުގައި، ކުޅެން ނުކުތީ މި ސީޒަނަށް ލިވަޕޫލާ ގުޅުނު ވެސްޓަހަމްގެ ކުރިގެ ކީޕަރު ސްޕެއިންގެ އެޑްރިއަންއެވެ.

އޮފް ސީޒަންގައި ބްރެޒިލްގެ ގައުމީ ޓީމާއެކު ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބު ކުރި އެލިސަން، މުޅި އޮފް ސީޒަންގައިވެސް ފެނުނީ ބިޒީ ކޮށެވެ. ކްލޮޕް ވަނީ ކުރިންވެސް ސީޒަން ކަލަނޑަރު އޮތް ގޮތުން އެކަމުގެ ގެއްލުން ކުޅުންތެރިންނަށް ކުރިމަތިވާނެ ކަމަށް ބުނެފަ އެވެ. އޭނާ ފާހަގަ ކުރީ އިންޓަނޭޝަނަލް މުބާރާތްތަށް ނިންމާފައި އަންނަ ކުޅުންތެރިންނަށް ލީގް އަވަހަށް ފެށުމުން ގެއްލުން ވާނެ ކަމަށެވެ.

ސްޕެއިން އާއި އިޓަލީގައި އަމަލު ކުރާ ގޮތަށް، އޯގަސްޓް މަހުގެ ފަހު ކޮޅުގައި ފެށުމުން ކުޅުންތެރިންނަށް އެކަމުގެ ފަސޭހަ ކަން ކުރިމަތިވާއިރު އިނގިރޭސި ލީގްގައި އެގޮތަށް ނުހެދެންވީ ކީއްވެތޯ ކްލޮޕް ވަނީ ކުރިން ސުވާލު އުފައްދާފަ އެވެ.

މާދަމާ ރޭ، ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔޫއެފާ ސުޕަ ކަޕުގެ މެޗުގައި އިސްތަންބޫލްގައި ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ނުކުންނާނެ އެވެ.

"އަހަރެން ބޭނުމެއް ނޫން އޭނާއަށް މިވެނި މުއްދަތެއްގައި ކުޅެން ނުކުމެވޭނެޔޭ ބުނަކަށް،" އަލިސަންގެ އަނިޔާއާ ބެހޭގޮތުން ލިވަޕޫލްގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ކްލޮޕް ބުންޏެވެ. "އެހެންނަމަވެސް ބުދަ ދުވަހު އޭނާ ނުފެންނާނެ ކަން ޔަގީން، މިހާރު އަހަރެމެން ބަލަން ޖެހޭނީ، ވަގުތުތަކެއް ހޭދަ ވާނެ، ހަމަ ޔަގީނުންވެސް ހަފުތާތަކެއް ހޭދަ ވާނެ."